މަސްލަހަތު ފުށުއަރާ ނިންމުންތަކުގައި ހެލްތު މިނިސްޓްރީ އާއި އެ މިނިސްޓްރީއާ ގުޅޭ ކަންކަމުގައި ލަފާދޭ ބޭފުޅުން ބައިވެރިވެ ވަޑައިގެން ނުވާނެ ކަމަށް ހެލްތުގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު ވިދާޅުވެއްޖެ އެވެ.
ޝާހު މިހެން ވިދާޅުވީ ކޮވިޑާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.
ޕީސީއާރު ޓެސްޓްތައް ހަދައިދޭ ތަންތަނުގައި ކޮވިޑާ ގުޅިގެން ލަފާ ދޭން އުފައްދާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ޓީމްގައި ހިމެނި ވަޑައިގަންނަވާ ބޭފުޅުންގެ މަސްލަހަތު އޮންނަ ކަމަށް ބުނާ މައްސަލައާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޕީސީއާރާ ގުޅޭ ނިންމުންތަކުގައި ޓެގްގައި ހިމެނި ވަޑައިގަންނަވާ ވަކި ވަކި ބޭފުޅުންގެ ސީދާ މަސްލަހަތު އޮތް ކަމަަކަށް ޝާހު ގަބޫލުފުޅެއް ނުކުރައްވަ އެވެ.
އޭނާ ވިދާޅުވީ ނިންމުންތައް ނިންމަނީ އެއްމެ ބޭފުޅަކު ވިދާޅުވާ އެއްޗަކަަށް ބިނާ ކޮށް ނޫން ކަމަށާއި އަދި އެފަދަ ނިންމުންތައް ނިންމަނީ އެޗްޕީއޭއާ ވަރަށް ބޮޑު ޓީމެއް ޝާމިލްވެގެން ކަމަށެވެ. ނަމަވެސް މިފަދަ ނިންމުންތައް ނިންމާއިރު މަސްލަހަތު ފުށުއަރާ ބޭފުޅުން ނުތިއްބެވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
"ޓެސްޓްކުރާ ތަންތަނުގައި މިނިސްޓްރީގެ އަދި ޓެކްނިކަލް އެޑްވައިޒް ދެއްވާ ބޭފުޅުންގެ ތެރޭގައި ފުށުއަރާ ކަހަލަ ކަމެއް އޮތިއްޔާ އެ ބޭފުޅުން އެކަހަލަ ކަންތަކަށް ވިސްނަވާފަ ޑިޒިޝަންތަކުގައި ބައިވެރިވެވަޑައިގެން ނުވާނެ." ޝާހު ވިދާޅުވި އެެވެ.
ޕީސީއާރު ހަދައިދޭ އަގުތަކަށް ފާޑުކިޔުން އަމާޒުވެފައިވާ އިރު އަގު ކޮންޓްރޯލް ކުރުމުގެ އެއްވެސް މަޝްވަރާއެއް މިނިސްޓްރީން ކުރިއަށް ނުގެންދާ ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.