ކަޒަކިސްތާނަކީ ޗައިނާއާ ވަރަށް ގާތް އެކުވެރިއެއް ކަމަށާއި ގުޅުން ބަދަހި ދެގައުމު ކަމަށް ޗައިނާ ބުނެފި އެވެ. އަދި ބުނީ ކަޒަކިސްތާނަށް މިވަގުތު އެހީތެރިކަން ބޭނުންވާނެ ކަމަށާއި ޗައިނާ އޮތީ ތައްޔާރަށް ކަމަށެވެ.
ޗައިނާއާ ކަޒަކިސްތާނަކީ ދެ އަވައްޓެރިން ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ. ބަޔާނުގައި އިތުރަށް ބުނެފަައިވާ ގޮތުގައި ހަމަނުޖެހުންތަކުގައި ގެއްލުން ލިބިފައި ހުރި އިމާރާތްތައް އަލުން ބިނާކޮށް ކަޒަކިސްތާން އާރާސްތުކުރަން ޗައިނާ އެހީތެރިވާނެ އެވެ.
ކަޒަކިސްތާން ރައްޔިތުންގެ ދިރިއުޅުން ފަސޭހަކުރުމަށާއި ވަސީލަތްތައް ކުރު މުއްދަތެއްގެ ތެރޭގައި ތަރައްގީކޮށް ހަރުދަނާކުރުމަށް ވެސް ޗައިނާ އެހީވާނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ޗައިނާގެ ސަޕޯޓް އޮތްކަން ކަށަވަރުކޮށް ދިނުމަށް ރައިސް ޝީ ޖިންޕިން ކަޒަކިސްތާންގެ ރައީސް ގާސިމް ޒަމާރަރު ތަކަޔޭފް އަށް ގުޅުއްވައި ތައުރީފް ވެސް ކުރެއްވި އެވެ. އަދި ކަޒަކިސްތާނުން އެދިއްޖެ ކޮންމެ އެހީއެއް ވެދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ވަންގް ވެންބިން ވިދާޅުވި ގޮތުގައި، އެކުވެރި ދައުލަތްތައް ރޫޅިގެން ދިއުމަށް ޗައިނާ ސަޕޯޓެއް ނުކުރާނެ އެވެ. މެމްބަރު ގައުމުތަކުގައި ހަމަނުޖެހުން ބޮޑުވެ އުތުރިއަރާއިރު މަސްހަލަތުގެ ހިމާޔަތުގައި ޗައިނާ ނުކުންނާނެ އެވެ.
ޗައިނީޒް ޑެއިލީ ގްލޯބަލް ޓައިމްސްއަށް ފޮރިން މިނިސްޓްރީގެ ތަރުޖަމާން ވިދާޅުވި ގޮތުން ކަޒަކިސްތާންގެ ހާލަތު މެމްބަރު ގައުމުތަކުން ވަރަށް ގާތުން ބަލާނެ އެވެ. އަދި ހާލަތަށް ބަލައި ދައުލަތުގެ ހިމާޔަތުގައި ނުކުންނާނެ އެވެ.
ކަޒަކިސްތާންގައި އާންމުން މަގުތަކަށް ނުކުމެ ހަމަނުޖެހުން ހިންގަން މެދުވެރިވި ސަބަބަކީ ސަރުކާރުން ގޭހުގެ އަގަށް ގެނައި ކުއްލި ބަދަލެވެ.
ސަރުކާރުން ކުރިން ދެމުން ގެންދިއަ ސަބްސިޑީޒް، ކުރިއާލައި އެންގުމެއް ނެތި ކަނޑާލުމުން ގޭހުގެ އަގު ބޮޑުވުން ސަބަބަކަށް ހަދައި އާންމުން މަގުތަކަށް ނުކުމެ އަލިފާންބޯޅަ އުކަން ފެށީ އެވެ.
ސަބްސިޑީޒްގެ ގޮތުގައި ސަރުކާރުން ދެމުން ގެންދިއަ އެހީތެރިކަން ވެފައި އޮތީ އާންމުންނަށް ވަރަށް ބޮޑު ފަސޭހައަކަށެވެ.
ގާސިމް ޒަމާރަރު ތަކަޔޭފް ވިދާޅުވި ގޮގުގައި ގައުމުގައި މިހާރު އޮތީ އަމަން ގާއިމުވެފަ އެވެ. އަދި ސުލްހަ ބަލަހައްޓައިދޭން ރަޝިއާއާ ބައިވެރިން ފޮރުނި ސިފައިން 10 ދުވަސް ތެރޭގައި ކަޒަކިސްތާނުން ފައިބަން ފަށާނެ އެވެ.