ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް ހެލްތު

ބޫސްޓާ ޑޯޒް ޖެހުމުގެ މަސައްކަތުގައި އުޅޭނެ މީހުން ހޯދަނީ

Jan 12, 2022

ކޮވިޑުން ރައްކާތެރިވުމަށް އެއް ފަހަރާ ވީހާވެސް ގިނަ މީހުންނަށް ބޫސްޓާ ޑޯޒް ޖެހުމަށްޓަކައި އެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ބޭފުޅުން ހެލްތު މިނިސްޓްރީ އެ ފުރުސަތު ހުޅުވާލައިފި އެވެ.

ބޫސްޓާ ޑޯޒް އާންމުކޮށް އެންމެންނަށްވެސް ހުޅުވާލައިގެން މިމަހުގެ މެދުތެރޭގައި ޖަހަން ފެށުމަށް ސަރުކާރުން ނިންމާފައިވެ އެވެ.

ބޫސްޓާ ޑޯޒް ޖެހުމުގެ މަސައްކަތްތަކުގައި ތިން މަސް ދުވަހަށް އެ މަސައްކަތުގައި އުުޅުމަށް ހެލްތު މިނިސްޓްރީން ހޯދަނީ 56 މީހުންނެވެ.

މީގެތެރޭގައި ހިމެނެނީ ޕްރޮގްރާމް އެސިސްޓެންޓުންގެ ގޮތުގައި 32 މީހަކާއި، ވެކްސިނޭޓަރުންގެ ގޮތުގައި 10 މީހަކާއި، ފްލޯ މެނޭޖަރުންގެ ގޮތުގައި ހަ މީހަކާއި، ސަޕޯޓް ސްޓާފުންގެ ގޮތުގައި ހަތަރު މީހެއްގެ އިތުރުން މެޑިކަލް އޮފިސަރުންގެ ގޮތުގައި ހަތަރ މީހެކެވެ.

މީހުން ހޯދާ މަގާމު ތަކުގެ ތެރެއިން ފްލޯ މެނޭޖަރުންނާއި ސަޕޯޓް ސްޓާފުންނަށާއި ޕްރޮގްރާމް އެސިސްޓެންޓުންނަށް މަހަކު 7500 ރުފިޔާ އަދި ވެކްސިނޭޓަރުންނަށް މަހަކު 14،700 ރުފިޔާ ދިނުމަށް ނިންމާފައިވެ އެވެ. މީގެއިތުރުން މެޑިކަލް އޮފިސަރުންނަށް މަހަކު 24،240 ރުފިޔާ ދިނުމަށް ވެސް ނިންމާފައިވެ އެވެ.

މެޑިކަލް އޮފިސަރުންނަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ބޭސިކް މެޑިކަލް ޑިގްރީއެއް ފުރިހަމަކޮށްފައިވުމާއި ސިއްހީ ފަރުވާ ދިނުމުގެ ލައިސަންސް އޮތުމާއި އަދޮ ހޮސްޕިޓަލެއްގައި އެއް އަހަރު ދުވަހުގެ އިންޓާންޝިޕް ފުރިހަމަކޮށްފައިވުން ހިމެނެ އެވެ. މެޑިކަލް އޮފިސަރުންގެ މައިގަނޑު މަސައްކަތަކީ ވެކްސިން ޖަހާ މީހުން އޮބްޒާވްކުރުމާއި މައްސަލައެއް ދިމާވާ ހާލަތުގައި އެހީތެރިވުމެވެ. ވެކްސިނޭޓަރުންގެ މައިގަނޑު މަސްއޫލިއްޔަތަކީ ވެކްސިން ދިނުމެވެ. އެ މަގާމަށް ކުރިމަތިލެވޭނީ ނާސިންގެ ޑިޕްލޮމާއެއް ނުވަތަ ޕްރައިމީ ހެލްތު ކެއާގެ ޑިޕްލޮމާއެއް އޮވެފައި ސިއްހީ ފަރުވާދިނުމުގެ ލައިންސެންސް އޮތް ނަމަ އެވެ.

މަގާމުތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށެވެ.

ޑަބްލިއުއެޗްއޯގެ ކޮވެކްސް ފެސިލިޓީގެ ދަށުން ފައިޒާ ވެކްސިންގެ 100،620 ޑޯޒް ހިލޭ ލިބިފައިވެ އެވެ. އެކަމަކު އާންމުކޮށް ހުޅުވާލައިގެން ބޫސްޓާ ޑޯޒް ދިނުން ލަސްވީ އެކަމަށް ބޭނުންވާ ސިރިންޖާ ލިބުން ދަތިވުމުންނެވެ. މިމަހުގެ 10 ދުވަހުގެ ނިޔަލަށް 28،085 މީހުން ވަނީ ބޫސްޓާ ޑޯޒް ޖަހާފަ އެވެ.