ދުނިޔެ

ސައޫދީން ސާފު ހަކަތަ އުފައްދާނެ

ސައޫދީ އަރަބިއްޔާއިން ސާފު ހަކަތަ އުފައްދާނެ ކަމަށް އެ ގައުމުގެ އެނާޖީ މިނިސްޓަރު ޕްރިންސް އަބްދުލް އަޒީޒް ބިން ސަލާމް އައްސައޫދު ވިދާޅުވެއްޖެ އެވެ.

ޕްރިންސް ވިދާޅުވި ގޮތުގައި ސާފު ހަތައަށް އޮތް އެއްޗަކީ ޔުރޭނިއަމެވެ. އޭނާ ވިދާޅުވި ގޮތުގައި ޔޫރޭނިއަމުން ހަކަތަ އުފައްދަން ކުރަން ޖެހޭ ހުރިހާ ކަމެއް ވެސް ކުރާނީ ސައުދީގަ އެވެ. ހަކަތަ އުފެއްދޭ މިންވަރަށް ޔުރޭނިއަމް ފައްކާ ކުރާނީ ވެސް ސައޫދީގަ އެވެ. ބޭނުންފުޅަކީ ޔުރޭނިއަމްގެ ތަބީއަތުގައި ނެތް ކަމެއް ހިމެނުނަ ނުދިނުމެވެ.

ސައޫދީގެ ވެރިރަށް ރިޔާޒުގައި ބޭއްވި ފިއުޗާ މިނެރަލަސް ފޯރަމްގައި ބައިވެރިވެ ވަޑައިގެން ސާފު ހަތަކަތައާ ބެހޭ ގޮތުން ޕްރިންސް ވާހަކަފުޅު ދެއްކެވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ސާފު ހަތަކަ އުފައްދާނެ ވަސީލަތަކީ ކޮބައިކަން ވެސް ބަލަން ޖެހޭ ކަމަށެވެ.

ޔުރޭނިއަމުން ސާފު ހަތަކަ އުފައްދަން ކުރައްވާނެ ވަކި ކަމެއް ޕްރިންސް ވިދާޅެއް ނުވެ އެވެ. އޭނާ ވިދާޅުވީ ސާފު ހަތަކަ އުފައްދަން ދުނިޔެ ވިސްނާފައި އޮތީ އިންސާނިއްޔަތަށް ރަހުމަތްތެރި ގޮތެއްގައިކަން ސައޫދީން ކަށަވަރު ކުރާނެ ކަމަށެވެ.

ޔުރޭނިއަމް ފައްކާ ކުރަމުން ގޮސް ނިއުކްލިއާ ހަތިޔާރު އުފައްދާ ފެންވަރަށް ސައޫދީ ބަދަލުވެދާނެ ކަމަށް ބުނެ ޝައްކުކުރާ މީހުންނަށް ޕްރިންސް ވަނީ ސުވާލުގެ ކުރިން ޖަވާބު ދެއްވާފަ އެވެ.

އޭނާ ވިދާޅުވީ ސައުދީން މަސައްކަތްތައް ކުރިއަށް ގެންދާނީ ދެފުށް ފެންނަ ގޮތަށް އަަދި ބޭނުން ބަޔަކަށް މައުލޫމާތު ދެވޭ ގޮތަށެވެ.