ނިއު ޒިލެންޑްގެ ޓައިލާ އަކީ 24 އަހަރުގެ ޒުވާން އަންހެނެކެވެ. އުފަންވީއިރުވެސް ޓައިލާ އަށް ވަނީ މޯބިއަސް ސިންޑްރޯމް ކިޔާ ބައްޔެއް ޖެހިފަ އެވެ. މިއީ މުޅި ދުނިޔޭން ވެސް މަދުން ނޫނި ނުފެންނަ ބައްޔެކެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި މި ބަލި ޖެހުމުގެ ފުރުސަތު އޮންނަނީ ކޮންމެ ހަތަރު މިލިއަން މީހަކުން އެކަކަށެވެ.
މޯބިއަސް ސިންޑްރޯމް ހުރުމުގެ ސަބަބުން ޓައިލާއަށް ހިނިތުންވެލާ އުޅުމުގެ ގާބިލްކަމެއް ނެތެވެ. އަދި ލޮލުގެ ކަޅި ކޮޅު ކޮޅަށް ހިންގުމުގެ ކުޅަދާނަކަމެއް ވެސް ނެތެވެ. ނިތްކުރި އުފުލާލައި މޫނަށް އެއްވެސް ކަހަލަ ހަރަކާތެއް ގެނައުމުގެ ގާބިލްކަމެއް ވެސް އޭނާގެ ނެތެވެ. މޫނުގެ މަސްތަކުގެ ވާގި ނެތިފައިވާތީ އެވެ. ނަމަވެސް އޭނާގެ މި ހާލަތާ މެދު ހަމްދަރުދީ ވުމުގެ ބަދަލުގައި ގިނަ ބަޔަކު ކުރަނީ މަލާމާތް ކަމަށް ޓައިލާ ބުންޏެވެ. ފާޑު ފާޑުގެ ހުތުރު ނަން ނަމުން މީހުން އޭނާއާ މުޚާތަބުކޮށް ގޮވާ ހަދަ އެވެ. ޕްލާސްޓިކް ބުދެއް ފަދައިން އޭނާ އަބަދުވެސް އިންނާތީ އެވެ.
ސްކޫލް ދުވަސްވަރު ވެސް ޓައިލާ އަށް ބުލީ ކުރުމުގެ މައްސަލަތައް ކުރިމަތިވި އެވެ. އަދި މިހާރުވެސް މީހުން އޭނާއާ ދިމާލަށް ވެސް ވަރަށް ދެރަވާ ކަހަލަ އެއްޗެތި ބުނެ އެވެ. މިއީ ސްކޫލް ދައުރުއްސުރެ އޭނާއަށް ބުލީ ކުރުމާއި މަލާމާތާއި ފުރައްސާރައިގެ ޝިކާރައަކަށް ވާން މެދުވެރިވީ ސަބަބެކެވެ.
ނަމަވެސް ބުލީކުރުމާއި މަލާމާތް ކުރުމަކީ ޓައިލާ ލޯބިކުރާ ކަންތައްތައް ކުރުމަށް އޮތް ހުރަހެއް ކަމަކަށް ނުދެކެ އެވެ. އޭނާއަކީ ޕަރަލިމްޕިކް ރެކޯޑެއް އޮތް މީހަކަށް ވެފައިވަނީ ހަމަ ގައިމުވެސް ވަރަށް ހިތްވަރު ހުރީމަ ކަން ޔަގީނެވެ. އަދި އިންސްޓަގްރާމްގައި އޭނާ ފޮލޯކުރާ މީހުން ހާހުން ގުނާލެވެ އެވެ. މި ޕޭޖުގެ އެހީގައި ޓައިލާ ގެންދަނީ އޭނާގެ ބައްޔާ ގުޅޭ ގޮތުން މީހުން ހޭލުންތެރި ކުރުވަމުންނެވެ.
ބޮޑެތި ސާޖަރީތައް ހަދައިގެން ޓައިލާ ރަނގަޅު ކުރެވޭތޯ ވެސް އޭނާގެ މައިންބަފައިން ވަނީ ވަރަށް ގިނަ ގުނަ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް މީގެން އެއްވެސް ކަމަކުން ޓައިލާގެ ހާލަތަކަށް ބަދަލެއް އައިސްފައެއް ނުވެ އެވެ.