ލައިފްސްޓައިލް

ކަންފަތު ތެރޭގައި ތިން ދުވަސް ވަންދެން ކުރަތްޕެއް!

ނިއު ޒިލެންޑްގެ މީހަކަށް ކަންފަތްތެރޭގައި ތިން ދުވަސްވަންދެން ކުރަތްޕެއް ދިރި އުޅެފި އެވެ. އެމީހާގެ ކަންފަތުން އަޑުތަކެއް އިވި އުނދަގޫވާން ފެށުމުން އޭނާ ފުރަތަމަ ހީކުރީ ކަންފަތަށް ފެންއެޅިގެން ވާ ގޮތެއް ކަމަށެވެ. ނަމަވެސް ދެ ތިން ދުވަސް ވީއިރު ވެސް ރަނގަޅުނުވެގެން އެންމެ ފަހުން ކަންފަތުގެ ޚާއްސަ ޑޮކްޓަރަކަށް ދެއްކީ އެވެ.

ޑޮކްޓަރު އެމީހާގެ ކަންފަތް ޗެކް ކުރިއިރު ކުރަތްޕެއް ކަންފަތް ތެރޭގައި ގެދޮރު އަޅައިގެން އުޅެނިކޮށް ވަނީ ފެނިފަ އެވެ.
ނިއު ޒިލެންޑް ނޫހަކަށް ދިން އިންޓަވިއު އެއްގައި ޝޭން ވެޑިން ވަނީ އޭނާގެ މި ތަޖުރިބާ އާއި ކުރަފި ނަގަން ކުރި މަސައްކަތްތައް ކިޔައިދީފަ އެވެ.

ޝޭން އަކީ އޯކްލެންޑްގައި ދިރިއުޅޭ މީހެކެވެ. އޭނާގެ ރަށުގައި އޮތް ސްވިމިން ޕޫލަކަށް ފަތާލަން އޭނާ މި ހިނގާ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު ހެނދުނު ދިޔަ އެވެ. އެނބުރި ގެއަށް އައިސް ސިޓިން ރޫމް ސޯފާގައި އޮއްވާ އޭނާއަށް ނިދުނީ އެވެ. އެތައް ގަޑިއިރެއްގެ ފަހުން އޭނާއަށް ހޭލެވިގެން ތެދުވުމުން ކަންފަތަށް އެއްވެސް ވަރަކަށް ނީވޭހެން ހީވާން ފެށި އެވެ.

'ދަ ގާޑިއަން' ނޫހަކަށް ޝޭން ކިޔައިދިން ގޮތުގައި އޭނާގެ ކަންފަތް ބްލޮކްގެ ކޮންމެވެސް އެއްޗެއް ކަންފަތް ތެރޭން ހިރޭހެން ވެސް އޭނާއަށް ހީވި އެވެ. އެންމެ ފަހުން ކެތް ނުވެގެން ޖެނުއަރީ 8 ވަނަ ދުވަހު އޭނާ ކަންފަތުގެ ޚާއްސަ ޑޮކްޓަރަކަށް ދެއްކީ އެވެ. ޑޮކްޓަރު އޭނާގެ ކަންފަތަށް ސިލިންޖަކުން ބޭހެއް އަޅާފައި އެންޓިބައޮޓިކްސް އެއް ލިޔެދީފައި ފޮނުވާލީ އެވެ. އަދި ބްލޮކް ވެފައިވާ ފަރާތް ބްލޯ-ޑްރައި ކުރުމަށާއި މިކަންކަން ކޮށްގެން ހައްލެއް ނައިނަމަ ޖެހިގެން އޮތް ދުވަހު އަންނަން ބުނެފައި ފޮނުވާލީ އެވެ.

މި ފަރުވާތަކުން މައްސަލަ ހައްލުވުމުގެ ބަދަލުގައި އިތުރަށް ގޯސްވެ ޝޭން އަށް އެ ކަންފަތުން އެއްގޮތަކަށް ވެސް އަޑު ނިވޭން ފެށި އެވެ. އަދި އެއްގޮތަކަށް ވެސް ނުނިދި އަބަދު ކަންފަތަށް އުނދަގޫތަކެއް ވާތީ އުޅެން ޖެހުނެވެ. ހެއާ ޑްރަޔާ އިން ޑޮކްޓަރު ބުނި ގޮތަށް ބްލޯ ޑްރައި ކޮށްގެން ވެސް އެއްވެސް އޭނާގެ ތަކުލީފުތަކަށް ލުޔެއް ނުލިބުނުކަމަށް ޝޭން ބުންޏެވެ.

އިތުރު ދުވަހަކު މި ވޭނުގައި އުޅެފައި އޭގެ އަނެއް ދުވަހު އަނެއްކާވެސް ޝޭން ޑޮކްޓަރަށް ދައްކަން ދިޔަ އެވެ. މިފަހަރު އޭނާ ދެއްކީ ކުރިން ދެއްކި ޑޮކްޓަރު ނޫން އެހެން މީހަކަށެވެ.

މިފަހަރު ދެއްކި ޑޮކްޓަރު ކަންފަތްބަލާ އެއްޗެއްގެ އެހީގައި ވަރަށް ރަނގަޅަށް ޝޭންގެ ކަންފަތްތެރެ ބެލި އެވެ. އަދި ކުއްލިއަކަށް ޑޮކްޓަރަށް ބޮޑު ޝޮކެއް ލިބިގެން ގޮއްވާލާ ކަހަލަ އަޑެއް ގޮއްވާލި އެވެ. އަދި ކަލޭގެ ކަންފަތް ތެރޭގައި ދިރޭ އެއްޗެއް އޮތްހެން ހީވެއޭ ޑޮކްޓަރު ބުންޏެވެ.

ސަކްޝަން ޑިވައިސް އަކާއި ޓްވީޒާއެއްގެ އެހީގައި މަދު މިނިޓްކޮޅެއް ތެރޭގައި ޑޮކްޓަރު ޝޭންގެ ކަންފަތުން އެ ދިރޭ އެތި ދަމާ ނެރުނުއިރު އެއީ ކުރަތްޕެކެވެ.

ޝޭން ބުނި ގޮތުގައި އެ ކުރަފި ނަގައިދިން ޑޮކްޓަރުގެ މުޅި ކެރިއަރުގައި ވެސް މީގެ ކުރިން މީހެއްގެ ކަންފަތުން ކުރަތްޕެއް ނުނަގަ އެވެ. އެހެންވެ އޭނާ ގެއަށް އައީ ހަނދާނަކަށް އެ ކުރަފި ޑޮކްޓަރަށް ހަދިޔާ ކޮށްފަ އެވެ.