ރާއްޖެ ޑިމޮކްރަސީއަށް ދަތުރުފެށިއިރު އޭރުގެ ވާދަވެރިންނަށް ރައްޔިތުންގެ ހިތްތަކާއި ކުޅެލަން ދެއްކޭނެ ލައްކަ ގިނަ ވާހަކަތައް ހުއްޓެވެ. އެކަން އިދިކޮޅު ޕާޓީތަކުން ކުރަންވެސް ކުރިއެވެ. އޭގެ ނަތީޖާ ފެނި އެބައި މީހުންނަށް ވެރިކަމަށްވެސް އާދެވުނެވެ. ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަން ނިންމަން އެމްޑީޕީ އިސްވެ އޮވެ އޭރު ކުރި މަސައްކަތުގައި އެންމެ ބޮޑަށް ބޭނުންކުރި އެއް ވާހަކައަކީ އިންތިހާބުތަކާއި ދިމާކޮށް ރަށްރަށުގައި އެކި މަަސައްކަތްތައް ފެށުމަށް ސަރުކާރުން އިއުލާނު ކުރަމުން ގެންދާ ގެންދިއުމެވެ. އިންތިހާބުތަކާއި ދިމާކޮށް ފަޅު ފުންކުރާށާއި ބަނދަރު ހެދުމަށް ކަޑަ ޖަހާ އެ ކަޑަ ފީވާއިރުވެސް މަސައްކަތް ނުފެށޭ ވާހަކައަކީ ހަރު އަޑުން ދައްކަމުން އައި ވާހަކަތަކެވެ. އިންތިހާބާ ދިމާކޮށް ޕްރޮޖެކްޓްތައް އިއުލާނު ކުރުމަކީ ނުފޫޒު ފޯރުވުމެއް ކަމަށް ވަކާލާތު ކުރިއެވެ. އެއީ ޑިމޮކްރަސީއާ ބީރައްޓެރި ހުދުމުހުތާރު ވެެރިންގެ ސިފައެއް ކަމަށް ބުންޏެވެ. މައުމޫންގެ ވެރިކަން ބަދަލުކުރަންވީ އިންތިހާބުތަކާ ދިމާކޮށް ވައުދުވުން ހުއްޓުވަން ކަމަށްވެސް ބުންޏެވެ.
އޭގެ ފަހުން 13 އަހަރު ފާއިތުވެ ދިޔައިރުވެސް އަދިވެސް އެ މަންޒަރު ބަދަލުނުވެ އޭގެ އެންމެ ތާޒާ ކަމުގައި ނިއުޅި ނިއުޅި އެބަ އޮތެވެ. ވެރިކަމަށް ވަޑައިގެންނެވި ކޮންމެ ބޭފުޅަކުވެސް އިންތިހާބުތަކާއި ދިމާކޮށް ވައުދުތައްވެވަޑައިގެން އެކަންކަން އިއުލާނު ކުރައްވަނީ ކުރީން ދެއްކެވި ވާހަކަތައް ހަނދާނުގައިވެސް ނެތް ފަދަ ކަމަށް ދައްކަވަމުންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރުމަށް ކުރެވުނު މަސައްކަތަކީ 2008 ވަނަ އަހަރު ރައީސް މައުމޫންގެ ވެރިކަން ބަދަލުކުރަން ކުރެވުނު މަސައްކަތާ ދާދި އެއް ގޮތް މަސައްކަތެކެވެ. ނޫންނަމަ އެއަށްވުރެ މާފުޅާކޮށް ވަރުގަދަކޮށް އަދި ބިޔަކޮށް ކުރެވުނު މަސައްކަތެކެވެ. ރައީސް ޔާމީން ފިޔަވައި ދެެން ތިއްބެވި ހުރިހާ ސިޔާސީ ލީޑަރުން ތިއްބެވީ އެއް ގޮތެއްގައެވެ. އެއީ އެމަނިކުފާނުގެ ވެރިކަން ނިންމުމެވެ.
ޔާމީންގެ ބާރުގަދަ ވެރިކަން ދަމަހައްޓާ ރިޔާސީ ދެވަނަ ދައުރެއް ހޯއްދެވުމަށް 2018 ވަނަ އަހަރު އެމަނިކުފާނުގެ ޓީމުން ވަނީ ވަރުގަދަ ކެންޕެއިނެއް ކުރައްވާފައެވެ. މާލެ އާއި އަތޮޅުތަކުގައި ހިންގެވި ބައެއް ބޮޑެތި މަޝްރޫއުތައް އިންތިހާބުގެ ކުރީން ނިންމަވާ ރިބަންފަށް ކެނޑުއްވިއެވެ. މުޅީން އަލަށް އެތައް މަޝްރޫއުތަކެއް އިއުލާނު ކުރެއްވިއެވެ. ރަށްރަށުގައި ނުކުރެވި ހުރި އެތައް ކަމެއް ކޮށްދެއްވާނެ ކަމަށް ގެންދެވީ ވިދާޅުވަމުންނެވެ.
އެ އިއުލާނު ކުރުންތަކާއި ދެކޮޅަށް އިދިކޮޅު ކެންޑިޑޭޓާއި އެމަނިކުފާނުގެ ޓީމު ނިކުންނެވިއެވެ. އިންތިހާބުތަކާއި ދިމާކޮށް ނުފުއްދޭ ވައުދުތައް ވަމުން ގެންދަނީ ރައްޔިތުންނަށް އޮޅުވާލާ ވޯޓަށް ނުފޫޒު ފޯރުވުމަށް ކަމަށް ތުހުމަތު ކުރިއެވެ. އަދި އެއީ ހުުދުމުހުތާރު ސިފައެއްކަން ރައްޔިތުންނަށް ހަނދާންކޮށްދިނެވެ. ޔާމީންގެ ވެރިކަންވެސް ބަދަލު ކުރަން ޖެހެނީ އެފަދަ ސިފަތަކުން ދައުލަތް ސަލާމަތް ކުރުމަށް ކަމަށް ވިދާޅުވިއެވެ.
ސިޔާސީ ވެރިން ދެއްކެވި އެފަދަ އެތައް ވާހަކަތަކެއް އަޑުއަހާ ރައްޔިތުން ވަނީ ރައީސް ސޯލިހަށް ފުރުސަތު ދެއްވާފައެވެ. ނަމަވެސް ބޯމަތިވެފައި އޮތް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ތެރެއިން މިހާރު ފެންނަމުންދާ މަންޒަރުތަކުން ކުރީން އެ ބޭފުޅުން ދެއްކެވި އެއްވެސް ވާހަކައެއް ހަނދާނުގައި އެބަހުރިތޯ ސުވާލު އުފެދެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ތިން ޕާޓީއަކުން ވާދަކުރެއެވެ. ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އާއި އިދިކޮޅު ޕާޓީ ޕީޕީއެމްގެ އިތުރުން ސިޔާސީ މައިދާނުގައި މުޅިން އައު އެމްްއެންޕީއެވެ. ތިން ޕާޓީންވެސް ކޮމަންޑޫ ދާއިރާގެ ތިން ރަށުގައި ވަރުގަދައަށް ކެންޕެއިން ދަނީ ހިންގަމުންނެވެ. ރައްޔިތުންގެ ތާއީދާއި މަދަދު ލިބިދާނެހެން ހީވާ ހުރިހާ ވާހަކައެއްހެން ދަނީ ދައްކަމުންނެވެ. އެ ރަށްރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ކުއްލި ގޮތަކަށް އަޑުއިވިއްޖެ އެވެ. ރަށްރަށުގައި ހުރި ހުރިހާ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.
އެކަމުގައި އެންމެ ކުރީގައި މިފަހަރުވެސް ތިއްބެވީ ސަރުކާރު ހިންގަން ތިއްބެވި ބޭފުޅުންނެވެ. ރައީސުލްޖުމްހޫރިއްޔާ އެވެ. އެމްޑީޕީގެ ކެންޑިޑޭޓްގެ ކެންޕެއިން ފެށުމަށް ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވަނީ ކޮމަންޑޫ އާއި މަރޮށި އަދި ފޯކައިދޫއަށް ކޮށްދެއްވަން ނިންމަވާފައިވާ އެތައް ކަމެއް އިއުލާނު ކުރައްވާފައެވެ. މި ކަންކަމަކީ ހިނގަމުންދާ އަހަރުގެ ބަޖެޓްގައިވެސް ހިމެނިފައި ނެތް ކަންކަމެވެ.
ކުރީ ސަރުކާރުގެ ދުވަަސްވަރު ހިއްކާފައި އޮތް ކޮމަންޑޫ ބިމުން ގޯތި ދޫކުރުމާއި އަތޮޅުތެރޭގައި ހިންގަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ބޮޑު ބައެއް ކޮމަންޑޫއަށް ހާއްސަ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ކޮމަންޑޫގެ ރައްޔިތުން ނުހަނު އެދޭ އެރަށާ މަތި ކޮމަންޑޫ ގުޅާލުމުގެ މަސައްކަތްވެސް އިއުލާނު ކުރެއްވިއެވެ. ފާޑުކިޔުންތައް އަމާޒުވާނެ ކަމަށް އެެނގިވަޑައިގެން ރައީސް ސޯލިހް ވަނީ އޭގެ ކުރިއަށް ވަރަށް ހެވާ ގޮތަކަށް އެކަމަށް ޖަވާބުވެސް ދެއްވާފައެވެ. ވިދާޅުވީ ވެވަޑައިގަންނަވަނީ އިންތިހާބީ ވައުދުތަކެއް ނޫން ކަމަށާ އެކަމާ ކެންޕެއިނާ ގުޅުމެއް ނެތް ކަމަށެވެ.
"ބުނެފާނެ މިއީ ކެމްޕޭން ގުޅުވައިގެން ފަށާ ކަމެކޭ. އެހެން ވިދާޅުވިޔަސް ހަފްތާއެއްގެ ތެރޭގައި އެ މަސައްކަތް ފެށިގެން ކުރިއަށްދާ މަންޒަރު ފެނިގެންދާނެ. ކެމްޕޭނާ މިކަމަކާ ގުޅުމެއް ނެތް،"
އޭގެ އިތުރުން މަރޮއްޓާއި ފޯކައިދޫއަށްވެސް ވަރަށް ގިނަ ވަައުދުތައް ވެވަޑައިގެންނެވިއެވެ. އެއިން ކޮންމެ ކަމެއް އިއުލާނު ކުރެއްވުމަށް ފަހު އެކަންކަން ކެންޕެއިނާ ގުޅުވިޔަސް ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދެއްވުމުގައި ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެއެވެ. އަދި ބަޔަކު ފާޑުކިޔަސް ރަށްރަށް ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވި ސްޕީޑްގައި ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް އެހެން ވިދާޅުވި ނަމަވެސް ރައްޔިތުންނަށް ކަންކަން އޮޅުވައެއް ނުލެވޭނެ އެވެ. މިއީ ރައީސް ސޯލިހްގެ ވެރިކަމުގެ ފުރަތަމަ އަހަރެއް ނޫނެވެ. އަދި މިއީ ކޮމަންޑޫ ދާއިރާގެ ރަށްރަށުގައި ހުރި މައްސަލަތައް ފާހަގަ ކުރެވުނު ފުރަތަމަ ފަހަރެއްވެސް ނޫނެވެ. ރާއްޖޭގައި ކަންކަން ނުވެ އޮތީ ކޮމަންޑޫ ދާއިރާގެ ތިން ރަށުގައި އެކަންޏެއްވެސް ނޫނެވެ. އެހެން ކަމުން ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ހާއްސަ މަސައްކަތްތަކެއް ކުއްލި ގޮތަކަށް އިއުލާނުވާން ޖެހޭ ސަބަބެއްވެސް ނެތެވެ. އެފަދައިން ރައީސް އިއުލާނު ކުރެއްވި ގިނަ ކަންކަން ބަޖެޓްގައިވެސް ނެތެވެ. އެހެން ކަމުން މިއީ ސީދާ ކެންޕެއިނަށް އަމާޒުކޮށްގެން އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކެކެވެ. އެ ނޫން އެހެން ކޮންމެ މަންޒަރެއް ދައްކަވަން ކިތަންމެ މަސައްކަތެއް ކުރެއްވި ނަމަވެސް މި ނޫން މަންޒަރެއް މިކަމަކުން ނުފެނެއެވެ.
އަނެއްކޮޅުން ރައްޔިތުންގެ ފައިސާއިން ހަރަދު ކުރައްވައިގެން ސަރުކާރުގެ ވެރިން ރަށްރަށަށް ކެމްޕެއިނަށް ވަޑައިގަތުމަކީވެސް އިދިކޮޅުގައި ތިއްބަވާ ބޭފުޅުން ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެކެވެ. ނަމަވެސް ވެރިކަން ލިބުމާއެކު އެ ކަންބޮޑުވުން މުޅީން ފިލާދެއެވެ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުންވެސް ފެންނަނީ އެ މަންޒަރެވެ. މުޅި ރައްޔިތުންނަށް ހިދުމަތް ކުރައްވަން ޖެހިވަޑައިގަންނަވާ ސަރުކާރުގެ ވެރިންނާއި ވަޒީރުން ބުރަކޮށް އެ އުޅުއްވަނީ އެމްޑީޕީއަށް ގޮނޑި ހޯދާ ދިނުމުގައެވެ. ގެއިން ގެއަށް ހިންގެވުމުގައެވެ. ބޮޑެތި ބިޔަ ވަފުދުތައް ދައުލަތުގެ ހަރަދުގައި ރަށްރަށަށް ވަޑައިގަންނަވަނީއެވެ.
އެހެން ކަމުން އިންތިހާބަށް އަމާޒުކޮށް ވައުދުތައް ވެވަޑައިގަތުމާއި ކެންޕެއިނަށް ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުން ކުރުން ހުއްޓުވުމަކީ އިދިކޮޅުގައި ތިއްބަވާއިރު ދައްކަވާ ވާހަކައަކަށް މި ވަނީ ބަދަލުވެފައެވެ. ކެންޕެއިނަށް ވައުދުވުމުގައި ކުރީގެ ރައީސުން ހިންގެވި މަގުން ރައީސް ސޯލިހްވެސް ގެންދަވަނީ ހިންގަވަމުންނެވެ.