އަންނަ މަހު ފަސްވަނަ ދުވަހު ބާއްވަން ތާވަލުކޮށްފައި އޮތް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެމްޕީ) އުން ވާދަކުރައްވާ ކެންޑިޑޭޓްގެ ކެމްޕޭން ޖަގަހައެއް ހުޅުމާލޭގައި މިރޭ ހުޅުވައިފި އެވެ.
އެކަަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މި ކެމްޕޭން ޖަގަހަ ހުޅުވައިދެއްވީ ވެސް ހަންނާން އެވެ.
ކޮމަންޑޫ ދާއިރާގައި ހިމެނޭ ށ. މަރޮށި، ށ. ފޯކައިދޫގެ އިތުރުން މާލޭގައި ވެސް ހަންނާނުގެ ކެމްޕޭން ޖަގަހަ ވަނީ ހުޅުވައިފަ އެވެ.
ކެމްޕޭން ޖަހައި ހުޅުވައިދެއްވައި ހަންނާން މިރޭ ވިދާޅުވީ ކެމްޕޭން ކުރިއަށްދާނީ ވަރަށް ފޯރި އާއި ޖޯޝުގައި ކަމަށާއި ވަރަށް ސާފުކޮށް މިހާރު ވެސް މަންޒިލް ފެންނަ ކަމަށެވެ.
އޭނާ ވިދާޅުވީ ކުޑަކުޑަ ހިތްވަރެއް ކޮށްލަނިކޮށް ބޭނުންވާ މަންޒިލަށް ދަތުރު ކުރެވޭނެ ކަމަށެވެ. އެގޮތުން ކާމިޔާބުގެ ދަތުރު އޮތީ ވަރަށް ކައިރީގައި ކަމަށެވެ.
އަދި ވިދާޅުވީ އެމްއެންޕީއަކީ ހުރެލާފައި ކަންކަން ކުރާ ޕާޓީއެއް ނޫން ކަމަށާއި މިހާރަށްވުރެ މާ ތަރުތީބުކޮށް ޖޯޝާއި ފޯރީގައި ކަންތައްތައްކުރާ ޕާޓީއެއް ކަމަށެވެ.
ހަންނާނަކީ ތައުލީމު ދާއިރާގައި ވަރަށް ގިނަ އަހަރުތަކަކު މަސައްކަތް ކުރެއްވުމަށްފަހު މިހާރު އަމިއްލަ ވިޔަފާރީގައި އުޅުއްވާ ބޭފުޅެކެވެ.
ތައުލީމީ ދާއިރާގައި ހަންނާން ވަނީ 2013 އިން 2019 އަށް ވިލާ ކޮލެޖުގެ ޝަރީއާ އެންޑް ލޯ ފެކަލްޓީގެ މެނޭޖަރެއްގެ މަގާމު އަދާކުރައްވާފަ އެވެ. މީގެއިތުރުން ހދ. ހަނިމާދޫ ސުކޫލާއި، ރ. އިނގުރައިދޫ ސޫކޫލާއި، ނ. މާފަރު ސުކޫލާއި، ރ. ހުޅުދުއްފާރު ސުކޫލުގެ އިތުރުން ށ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ކަން ކުރައްވާފައިވެ އެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވަނީ އެމްއެންޕީގެ ފަރާތުން ހަންނާންގެ އިތުރުން އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދާއި ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށް ދާނީ އަންނަ މަހުގެ ފަސްވަނަ ދުވަހު ކޮމަންޑޫ ދާއިރާގެ ރަށްތަކާއި މާލޭގަ އެވެ.