މުހައްމަދު ނާޒިމް

ތަރައްގީއާ ދެކޮޅެއް ނޫން، ކަންކުރާ ގޮތް ގޯހީ: ނާޒިމް

Jan 15, 2022

ކޮމަންޑޫ ދާއިރާގެ ތަރައްގީއަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ހުރަސް ނާޅާނެ ކަމަށާއި ނަމަވެސް ރައްޔިތުންނަށް ކޮށްދޭ ކަމެއް ކޮށްދޭން ވާނީ ވަރަށް ފުރިހަމައަށް ރަނގަޅަށް ކަމަށް އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްއެންޕީގެ ފަރާތުން ވާދަކުރައްވާ އަބްދުލްހަންނާން އިދުރީސްގެ ކެމްޕޭން ޖަގަހައެއް ހުޅުވުމަށް ހުޅުމާލޭގައި ރޭ ބޭއްވި ޖަލްސާގައި ނާޒިމް ވަނީ އިންތިހާބާ ދިމާކޮށް ސަރުކާރުން ބައެއް މަޝްރޫއުތައް ކުރިއަށް ގެންދާ ގޮތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ވިދާޅުވީ ކޮމަންޑޫ ދާއިރާގައި ހިމެނޭ ފޯކައިދޫ ދަނޑު ހަދަނީ ވަރަށް އަވަސް އަރުވާލައިގެން ކަމަށެވެ. އެ މަސައްކަތް އެގޮތަށް ކުރުމުގެ ސަބަބުން އެއީ ރައްޔިތުން ބޭނުންވާ ފެންވަރުގެ ދަނޑަކަށް ފަހުން ނުވާނެ ކަމަށެވެ.

ނާޒިމް ވިދާޅުވީ ވޯޓަކަށް ޓަކައި ދައުލަތުން ހަރަދު ކޮށްގެން ވަކި ގޮތެއް ބެލުމެއް ނެތި މަޝްރޫއުތައް ކުރިއަށް ގެންދިއުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި މަޝްރޫއުތައް ހިންގަންވާނީ އެކަމަށް އެކަށީގެންވާ ވަގުތު ތަކެއް ކަނޑައެޅުމަށްފަހު އެ ވަގުތުތަކަށް މަސައްކަތް ނިންމޭ ގޮތަށް ކަމަށެވެ.

"އަވަސް އަރުވާލައިގެން އެގޮތަށް މަސައްކަތް ކުރާއިރު އެތަނުގައި [ފޯކައިދޫ ދަނޑުގައި] ހުރި އޮށްގާ ކޮޅުވެސް ނަގާނުލާ އެ މަސައްކަތް އެ ފެށީ. ހޭބޯ ނާރާ ވަކި ދުވަހަކަށް އެ މަސައްކަތް ނިންމުމަށް މަސައްކަތް ކުރަމުންދާއިރު ނިމޭއިރު އެ ދަނޑަކީ އެންމެ އެކަށީގެންވާ ގޮތެއްގައި ހެދިފައި އޮންނަ ދަނޑަކަށް ނުވާނެ،" ރާއްޖޭގައި އެންމެ ފުޅާކޮށް ކޮންސްޓްރަކްޝަންގެ ވިޔަފާރި ކުރާ އާރްސީސީގެ ވެރިއެއްގެ ގޮތުގައި ހުންނެވި ނާޒިމް ވިދާޅުވި އެވެ.

ދަނގެތި ދާއިރާގެ މަޖިލިސް މެންބަރު ކަންވެސް ކުރައްވަމުން ގެންދަވާ ނާޒިމް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް ތަނަވަސް ދިރިއުޅުމެއް ހޯދައިދިނުމަށް އެމްއެންޕީން މަސައްކަތް ކުރާނެ ކަމަށާއި ޕާޓީގެ ތަސައްވުރަކީ ވެސް ފުދުންތެރި ރައްޔިތުން ބިނާކުރުން ކަމަށެވެ. އެއް ސަރަހައްދަކަށް ރާއްޖޭގެ އާބާދީ ތޮއްޖެއްސުމަކީ ބައެއް ބޭފުޅުންގެ ސިޔާސަތު ކަމަށްވީ ނަމަވެސް އެމްއެންޕީގެ ވެރިކަމެއްގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާބަން ސެންޓަރުތައް ގާއިމުކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭން ލޯންޗު ކުރުމަށް މިމަހުގެ ހަވަނަ ދުވަހުގެ ރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ރައީސް ވަނީ ކޮމަންޑޫ ދާއިރާގެ ތިން ރަށުގައި މިއަހަރު ތެރޭގައި ހިންގާނެ މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާކުރައްވާފަ އެވެ. އަދި އެއީ އިންތިހާބަށް ނުފޫޒު ފޯރުވަން ސަރުކާރުން ކުރާ ކަމެއް ކަމަށް ބަޔަކު ބުނި ނަމަވެސް އެ މަޝްރޫއުތައް ފަށާނެ ކަމުގައިވެސް ވިދާޅުވި އެވެ. ރައީސް އިއުލާން ކުރެއްވި މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު މަޝްރޫއަކީ ދެ ކޮމަންޑޫ ގުޅާލުމެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް އިއްޔެ ވަނީ ފަށާފަ އެވެ.