ފައިސަލް ނަސީމް

އެމްޑީޕީގެ ކެންޑިޑޭޓުގެ ކެމްޕޭނަށް ނައިބް ރައީސް ކޮމަންޑޫ ދާއިރާއަށް ވަޑައިގެންފި

Jan 15, 2022
2

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ކެމްޕޭން ކޮށްދެއްވުމަށްޓަކައި ނައިބް ރައީސް ފައިސަލް ނަސީމް މިއަދު ފޯކައިދޫ އަށް ވަޑައިގެންފި އެވެ.

ނައިބް ރައީސްގެ މިދަތުރުފުޅުގައި ފޯކައިދޫގެ އިތުރުން ކޮމަންޑޫ ދާއިރާގައި ހިމެނޭ މަރޮށި އަދި ކޮމަންޑޫ އަށް ވެސް ވަޑައިގަންނަވާނެ އެެވެ.

ނައިބް ރައީސް ފޯކައިދޫ އަށް ވަޑައިގަތުމުން އެމްޑީޕީ އަށް ތާއީދު ކުރާ ފަރާތްތަކުން ވަނީ ފޯކައިދޫން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

ފޯކައިދޫއަށް ކުރައްވާ ދަތުރުފުޅުގައި ނައިބް ރައީސް މިހާރު ވަނީ އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާފަ އެވެ. އަދި ފޯކައިދޫގައި ހަރަކާތްތެރިވާ ކެމްޕޭން ޓީމާ ވެސް އެމަނިކުފާނު ބައްދަލުކުރެއްވި އެވެ.

ނައިބް ރައީސް ފޯކައިދޫ އަށް ވަޑައިގެންނެވިއިރު އަރިހުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި މަޖިލީހުގެ ބައެއް މެންބަރުން ވެސް ފޯކައިދޫ އަށް ވަޑައިގެންނެވި އެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ނައިބް ރައީސްގެ ޕާޓީ -- ޖޫމްހޫރީ ޕާޓީން އެއްވެސް ކެންޑިޑޭޓަކު ނެރެފައެއް ނުވެ އެވެ. އަދި އެ ޕާޓީން މިހާރު ވަނީ އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކުރާ ކަން ހާމަކޮށްފަ އެވެ.

އެމްޑީޕީގެ ކެންޑިޑޭޓުގެ ކެމްޕޭން ރަސްމީކޮށް ފައްޓަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވެސް ވަނީ މިމަހުގެ ހަވަނަ ދުވަހު ކޮމަންޑޫ އަށް ވަޑައިގެންފަ އެވެ. ރައީސްގެ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ކޮމަންޑޫ، މަރޮށި އަދި ފޯކައިދޫގައި މިއަހަރު ސަރުކާރުން ކުރިއަށް ގެންދާ ގިނަ މަޝްރޫއުތަކެއް އިއުލާންކުރައްވާފަ އެވެ. އެ މަޝްރޫއުތައް އިއުލާންކޮށް އަމަލީ މަސައްކަތް ފަށަނީ ކެމްޕޭނަށް ނުފޫޒު ފޯރުވުމަށް ކަމަށް ބަޔަކު ބުނި ނަމަވެސް އެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވާ އިންތިހާބުގައި އެމްޑީޕީގެ އިތުރުން ވާދަކުރަނީ ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސް އެވެ.