ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ވެކްސިން ސެންޓަރުތަކަށް ބާރުބޮޑުވެ ޝަކުވާ ފުނިޖެހިއްޖެ

Jan 15, 2022
2

ކޮވިޑްގެ ބޫސްޓާ ޑޯޒް ޖެހުމަށް އާންމުކޮށް ހުޅުވާލުމާ އެކު ވެކްސިން ސެންޓަރުތަކަށް ބާރުބޮޑުވެ ޝަކުވާތައް ފުނިޖެހިއްޖެ އެވެ.

ބޫސްޓާ ޑޯޒް ޖެހުމަށް އެޗްޕީއޭ އިން އާންމުކޮށް ހުޅުވާލީ އޮންލައިންކޮށް އެޕޮއިންޓަމަންޓް ހެއްދޭނެ އިންތިޒާމު ހަމަޖެއްސުމަށްފަހު އެވެ.

ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދުމުން އެ މީހަކު ވެކްސިން ޖަހަން ދާންޖެހޭ ގަޑިއާއި ވެކްސިން ޖަހައިދޭ މަރުކަޒު އެސްއެމްއެސް އަކުން އަންގަ އެެވެ.

ވެކްސިން ޖެހުމަށް ގޮސް ތިބި އާންމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެޕޮއިންޓްމަންޓް ދީފައިވާ ގަޑިއަށް ވެކްސިން ޖަހަން ދިއުމުން ދިގު ކިއު އަކު އެތައް އިރަކު ހުންނަން ޖެހުމެވެ.

"އަޅުގަނޑު މިތަނަށް އައީ ނަންބަރު އޮންލައިންކޮށް ހޯދައިގެން. އެކަމަކު މިހާރު މިތާ ހުންނަތާ ގަޑިއިރެއްހާ އިރުވީ. މިހެން ވަންޔާ އޮންނަލައިންކޮށް ނަންބަރު ދޫކޮށް ގަޑިއެއް ހަމަޖެއްސުމުގެ ބޭނުމަކީ ކޮބާ؟" ސެނަހިޔާ ކައިރީގައި ވެކްސިން ޖަހަން ގޮސް ހުރި މެދުއުމުރުގެ އަންހެނަކާ އަވަސް އިން ސުވާލުކުރުމުން ބުންޏެވެ.

ދަރުމަވަންތަ ހޮސްޕިޓަލް ކައިރީގައި ހުރި މީހަކު ވެސް ބުނީ ވެކްސިން ޖަހަން އެޕޮއިންޓްމަންޓް ހައްދައިގެން އައީ ކިއޫގައި މާގިނައިރު ނުޖެހި އަދި ގައިދުރުކޮށްގެން ތިބެގެން ވެކްސިން ޖަހާލެވޭނެ ކަމަށް ބަލައިގެން ކަމަށެވެ.

"އަޅުގަނޑަށް ވެކްސިން މި ޖެހުނީ މީހުންތަކުގެ ތެރޭގައި އެތައް އިރަކުން އިނުމަށްފަހު. ހަގީގަތުގައި ބަލިމަޑުކަމެއްގެ ތެރޭގައި އުޅޭއިރު މީހުން ގައިގޯޅިވާން ފުރުސަތު ނުލިބޭ ކަހަލަ ގޮތަކަށް އިންތިޒާމުތައް ހުންނަންވާނީ،" ސަރުކާރުގެ އޮފީހެއްގައި މަސައްކަތް ކުރާ މީހަކު ބުންޏެވެ.

އެޗްޕީއޭގެ އޮފިޝަލަކު ވިދާޅުވީ ބޫސްޓާ ޑޯޒް ޖެހުމަށް މިއަދު އާންމުކޮށް ހުޅުވާލުމުން ވަރަށް ގިނަ ބަޔަކު އެއް ފަހަރާ ސެންޓަރުތަކަށް ޖަމާވުމުން ދަތިތަކެއް ކުރިމަތިވި ކަމަށެވެ. ނަމަވެސް އާންމުންގެ ޝަކުވާތައް ކުޑަކުރުމަށްޓަކައި އިންތިޒާމުތައް ހަރުދަނާ ކުރާނެ ކަމުގެ ޔަގީންކަންވެސް ދެއްވި އެވެ.

ކުރިން ބޫސްޓާ ޑޯޒް ޖަހައިދެމުން ދިޔައީ ވަކި ހާއްސަ ގްރޫޕްތަކަކަށެވެ. އެގޮތުން ހައި ރިސްކް މީހުންނާއި، 50 އަހަރުން މަތީގެ މީހުންގެ އިތުރުން ފްރޮންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންނަށް ބޫސްޓާ ޑޯޒް ދޭން ވަނީ ކުރިން ފަށާފަ އެވެ. ނަމަވެސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް މިއަދުން ފެށިގެން ބޫސްޓާ ޑޯޒް ޖެހޭނެ އެވެ.

ސަރުކާރުން ކުރިން ނިންމީ މިދިޔަ މަހުގެ މެދުތެރޭގައި މުޅި އާބާދީއަށް ބޫސްޓާ ޑޯޒް ޖަހަން ފަށާށެވެ. ނަމަވެސް ވެކްސިން ނުގެނެވުމާއި ވެކްސިން ގެނައުމަށް ފަހު ވެކްސިން ޖަހަން ބޭނުންކުރާ ސިރިންޖުތައް ނުލިބިގެން އެ މަސައްކަތް ފެށުން ލަސްވީ އެވެ.

ޑަބްލިއުއެޗްއޯގެ ކޮވެކްސް ފެސިލިޓީގެ ދަށުން ފައިޒާ ވެކްސިންގެ 100،620 ޑޯޒް ހިލޭ ލިބިފައިވެ އެވެ.

ކޮވިޑް 19 އިން ރައްކާތެރިވުމަށް ރާއްޖޭގައި މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް 397،123 މީހަކު ފުރަތަމަ ޑޯޒް ޖަހާފައިވާއިރު 368،622 މީހަކު ވަނީ ދެވަނަ ޑޯޒް ޖަހާފަ އެވެ. އަދި 29،089 މީހަކު ބޫސްޓާ ޑޯޒް ޖަހާފައިވެ އެވެ.