ހަބަރު

ބަޔާން އަނެއްކާ ވެސް ފޯމަށް

ބުންޑަސް ލީގާގައި މޮންޗަލަ ބެޗް އަތުން ބަލިވެ ނުތަނަވަސް ކަމުގެ ތެރެއަށް ދިޔަ ބަޔާން، ކޯން ބަލިކޮށް އަލުން ފޯމަށް އަތުވެއްޖެ އެވެ.

ކޯންގެ ދަނޑުގައި ކުޅުނު މި މެޗުން ބަޔާން މޮޅުވީ 4-0 ލަނޑުންނެވެ. މި މެޗުގައި ބަޔާންގެ ފޯވާޑް ރޮބާޓް ލެވެންޑޮސްކީ ވަނީ ހެޓްރިކް ހަދާފައެވެ.

ރޭގެ މެޗުގެ ފުރަތަމަ ގޯލު ފެނިގެން ދިޔައީ ނުވަވަނަ މިނިޓުގައި ލެވެންޑޯސްކީގެ ފަރާތުންނެވެ. އަދި 25 ވަނަ މިނިޓުގައި އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިދިނީ ކޮރެންޓިން ޓޮލީސޯ އެވެ. މި ދެ ލަނޑު ޖަހަން ވެސް އެސިސްޓް ކޮށްދީފައި ވަނީ ތޯމަސް މުލާ އެވެ. މެޗުގައި ދެން ފެނިގެން ދިޔަ ދެ ލަނޑު ޖެހީ ދެވަނަ ހާފުގައި ލެވެންޑޯސްކީ އެވެ. މި ދެ ލަނޑު ޖަހަން އެސިސްޓް ކޮށްދިނީ ލޮރޯއީ ސާނޭ އެވެ.

ރޭ ލެވެންޑޯސްކީ ކާމިޔާބު ކުރި ލަނޑު ތަކާއިއެކު އޭނާ ބުންޑަސް ލީގު ގައި ޖަހާފައިވާ ގޯލުގެ އަދަދު ވަނީ 300 އަށް އަރާ ފައެވެ.

ލީގު ގައި ބަޔާން އެއްވަނައިގައި އޮތީ ބުރޫޝުއާ ޑޮޓްމަންޑަށްވުރެ ހަ ޕޮއިންޓް އިތުރަށް ހޯދައިގެނެވެ.