ޕީޕީއެމް

ރައީސް ދަންޖައްސަން ޕީޕީއެމް ކައުންސިލްގެ މެންބަރަކު ގޮވައިފި

Jan 16, 2022
16

ދެން އަންނަ ވެރިކަމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދަންޖައްސަން އިދިކޮޅު ޕީޕީއެމްގެ ކައުންސިލްގެ މެންބަރެއް ކަމަށްވާ ޒާހިދު ރަމީޒް ޓްވިޓާގައި ގޮވައިފި އެވެ.

މިހާރު ބަންދު ކޮށްފައިވާ ނިއުޕޯޓްގެ ވެރިޔާ، ޒާހިދު މިއަދު ކުރި ޓްވީޓެއްގައި އޭނާ ބުނެފައި ވަނީ ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ގައުމަށް ޣައްދާރުވުމުން އޮންނަ ހުކުމަކީ މަރުގެ ހުކުމް ކަމަށެވެ. އަދި އޭނާ އެންމެ ދެކެން ބޭނުންވަނީ ދެން އަންނަ ވެރިކަމެއްގައި އިސްލާމީ ޝަރީއަތާއި އެއްގޮތަށް ޝަރީއަތް ހިންގައި، ރާއްޖޭގެ ގާނޫނުތައް ބަދަލު ކޮށްގެން މަރުގެ ހުކުމް ތަންފީޒުކުރުން ކަމަށެވެ.

އެގޮތުގެ މަތިން އޭނާ އެންމެ ބޭނުންވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދަންޖައްސަން ކަމަށް އެ ޓްވީޓްގައި ބުނެފައި ވެއެވެ. އޭނާގެ އެ ޓްވީޓްގައި ރައީސްގެ ޓްވިޓާ އެކައުންޓް ވެސް ޓެގް ކޮށްފައިވެ އެވެ.

މީގެ ކުރިން ވެސް ޒާހިދު ވަނީ އޭނާގެ ވެރިފައިޑް އެކައުންޓުން ރައީސް އާ ގުޅުވައިގެން މިފަދަ ޓްވީޓްތަކެއް ކޮށްފަ އެވެ. އެގޮތުން ރައީސް ނަރަކައަށް ދާނެ ކަމަށް "ގެރެންޓީ" ބުނެ ވެސް ވަނީ ޓްވީޓެއް ކުރި އެވެ. އެ ޓްވީޓްގައި ރައީސް ހުކުރު ނަމާދަށް ވަޑައިގެންނެވިތޯ ވެސް ސުވާލުކޮށްފައި ވެއެވެ. އެފަހަރު ގިނަ ބަޔެއްގެ އިތުރުން ދީނީ އިލްމުވެރިންގެ ފާޑުކިޔުންތައް އަމާޒުވުމުން އޭނާ ވަނީ އެކަމަށް މައާފަށް ވެސް އެދިފަ އެވެ.

މި ސަރުކާރުން ޒާހިދުގެ ނިއުޕޯޓް ވިޔަފާރި ހުއްޓުވުމުން އޭނާ މިހާރު ދިރިއުޅެނީ ރާއްޖެއިން ބޭރުގަ އެވެ.