މިނިސްޓްރީ އޮފް ހެލްތު

ހޮސްޕިޓަލުތަކުގެ ޓެކްނީޝަނުން ތަމްރީން ކުރަނީ

Jan 17, 2022

ރާއްޖޭގެ ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރު ތަކުގައި ބޭނުންކުރާ ވެހިކަލްތައް މަރާމާތުކޮށް ބަލަހައްޓާ ޓެކްނީޝަނުންނަށް އޮޓޮމޯޓިވް މެއިންޓަނަންސް ޕްރޮގްރާމް ހިންގަން ހެލްތު މިނިސްޓްރީން ނިންމައިފި އެވެ.

ވެހިކަލްތައް މަރާމާތުކޮށް ބަލަހައްޓާ ޓެކްނީޝަނުންނަށް އޮޓޮމޯޓިވް މެއިންޓަނަންސް ޕްރޮގްރާމް ހިންގުމަށް ހެލްތް މިނިސްޓްރީން ހަވާލުކުރީ މޯލްޑިވްސް ޕޮލީޓެކްނިކް އަށެވެ.

މިއަދު ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއި ކުރީ މިނިސްޓަރު އަހުމަދު ނަސީމެވެ. ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަނެވެ.

އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ހޮސްޕިޓަލް ތަކާއި ހެލްތް ސެންޓަރު ތަކުގައި މަސައްކަތްކުރާ 18 ޓެކްނީޝަނުންނަށް ތިން މަސް ދުވަހުގެ އޮޓޮމޮޓޯވް މެއިންޓަނަންސް ޓްރެއިނިން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ހެލްތް މިނިސްޓްރީން ބުނީ އެ ޓްރެއިނިންގެ ސަބަބުން ހޮސްޕިޓަލް އަދި ހެލްތް ސެންޓަރު ތަކުގައި މަސައްކަތްކުރާ ޓެކްނީޝަނުންގެ ފަންނީ ގާބިލްކަން އިތުރުވާނެ ކަމަށެވެ. އަދި އެމްބިއުލާންސް ފަދަ ވެހިކަލްތަކަށް ދިމާވާ މައްސަލަތައް ފަސޭހައިން ހައްލުކުރޭނެ ކަމަށާއި އެ ތަކެތީގެ މަރާމާތަށްދާ ހަރަދު ކުޑަވާނެ ކަމަށެވެ.