ދުނިޔެ

ފިނިހަނގުރާމައިގެ ވިސްނުން ދޫކޮށްލައި އެކުގައި އުޅެންޖެހޭ

ފިނިހަނގުރާމައިގެ ވިސްނުން ދޫކޮށްލައި މިނިންވަން ކަމާއެކު އުޅެން ދަސްކުރަން ވެއްޖެ ކަމަށް ޗައިނާގެ ރައީސް، ޝީ ޖިންޕިން ވިދާޅުވެއްޖެ އެވެ.

ސްވިޒަލޭންޑްގެ ޑާވޯސްގައި މިހާރު ހިނގަމުންދާ ވޯލްޑް އިކޮނޮމިކް ފޯރަމް -- ޑާވޯސް އެޖެންޑާގައި ވާހަކަފުޅު ދައްކަވަމުން ޝީ ޖިންޕިން ވިދާޅުވީ ވާދަ ކުރަންވީ އެކަނިމާއެކަނި ކުރިއަރައިގެން ދިއުމަށް ނޫން ކަމަށާއި އެންމެން އެކުގައި ކުރިއަރައި ދިއުމަށް ކަމަށެވެ.

ޝީ ވިދާޅުވި ގޮތުގައި ފަނާކުރަނިވި ވާދަވެރި ކަމަށް ވުރެ ބިނާ ކުރަނިވި ވާދަވެރިކަން ދުނިޔެއަށް މުހިންމެވެ. ބުލީ ކުރުމާއި ނެތިމޮށުމާއި ކަންކަން އަނެކުންގެ ބޮލަށް ކަނޑާލުމަކީ މިހާރު ދޫކޮށްލަން ޖެހިފައި ހުރި ބޭކާރު ސިފަތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޗައިނާގެ ރައީސް ވިދާޅުވި ގޮތުގައި ވަކި ބަޔަކަށް ވުރެ ވަކި ބަޔަކު މޮޅުވާ ވާދަކުރި ޒަމާން ހިނގައްޖެ އެވެ. އަދި ވަކި ބަޔަކު ބުނާ ގޮތެއް ނުހަދައިގެން އުލު ބޭންދި ޒަމާން ވެސް ހިނގައްޖެ އެވެ.

އޭނާ ވިދާޅުވީ މިއީ ތަރައްގީއަށް އޮތް ޒަމާން ކަމަށާއި ބޭކާރު ހަމަ ދެއްކުންތަކުގައި ވަގުތު ނަގާލައި އަނެކުންގައި އޮބިއެޅުން ހުއްޓާލަން ވެއްޖެ ކަމަށެވެ.

ގައުމުތަކުގެ މެދުގަ އާއި ފަރުދުން މެދުގައި ޚިޔާލު ދެކަފިވާނެ ކަމަށް ޝީ ވިދާޅުވި އެވެ. އެހެން ނަމަވެސް ގޮތް ދޫކުރުމާއި ނުވަތަ ދޫދެވެން އޮތް ވަރަކަށް ދޫދީގެން ނަމަވެސް އެކުގައި މަސައްކަތް ކުރުން ފައިދާ ބޮޑު ކަމަށް ވިދާޅުވި އެވެ.

ޝީ ވިދާޅުވި ގޮތުގައި ޗައިނާގައި އުފައްދާ ކޮންމެ އެއްޗަކީ އެހެން މީހުން ވެސް ބޭނުން ކުރަން އުފައްދާ އެއްޗެކެވެ. އަދި ހާއްސަކޮށް ސިއްހީ ދާއިރާއިން ޗައިނާ ކުރި ހޯދަނީ ދުނިޔެއަށް ޚިދުމަތްކުރުމަށް ކަމަށް ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން ދުނިޔެ ވެކްސިނަށް ޖެހުނަ ނުދެއްވާނެ ކަމަށް ޝީ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެފްރިކާއަށާއި އޭޝިއާ ގައުމުތަކަށް ވެކިން ފޯރު ކޮށްދިނުމުގައި ޗައިނާ ދެމި އޮންނާނެ ކަމަށެވެ.