ބަންގްލަދޭޝްގެ ޑާކާއިން ރާއްޖެ އައި އެ ގައުމުގެ މީހަކު އެތެރެކުރި ފަސް ކިލޯގެ މަސްތުވާތަކެއްޗާ ގުޅިގެން ދައުލަތުން އުފުލި ދައުވާއިން އޭނާ ސަލާމަތްވެއްޖެ އެވެ.
މި ހާދިސާ ހިނގާފައި ވަނީ 2017 ވަނަ އަހަރުގެ ޖޫން ފަސް ވަނަ ދުވަހު އެވެ. ޖަސިމުއްދީން ކިޔާ އެ ބިދޭސީ މީހާ ރާއްޖެ ގެނައި ފޮށިގަނޑަކުން ފަސް ކިލޯގެ މަސްތުވާތަކެތި ފެނުނެވެ. އެ ފޮށިގަނޑު ތެރޭގައި އޮތް ހަ ޕްލާސްޓިކް ތަށިތަކުގައި ޕެކެޓްކޮށްފައި ހުރި މަސްތުވާތަކެތި ފެނިފައިވެ އެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޖަދުވަލު އެކެއް ގައިވާ މަސްތުވާތަކެއްޗެއް ރާއްޖެއަށް އެތެރެ ކުރުމުގެ ކުށުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުން މި މައްސަލައިގައި އިއްޔެ ކޮށްފައިވާ ހުކުމްގައި ބުނެފައި ވަނީ އޭނާ ބަލައިފާސްކުރިއިރު އޭނާ އެތެރެކުރި ފޮށިގަނޑަކުން މަސްތުވާތަކެތި ފެނުނު ނަމަވެސް އެއީ އޭނާގެ އެއްޗެއް ނޫން ކަމަށް އޭނާ ކޯޓުގައި ބުނެފައިވާ ކަމަށެވެ. އެއީ އެހެން މީހަކު ބުނެގެން ގެނައި އެއްޗެއް ކަމަށާއި، އެހެންކަމުން އެއީ ސީދާ ދައުވާ ލިބޭ މީހާގެ އެއްޗެއްކަން ދައުލަތަށް ސާބިތުކޮށްދެވޭ ވަރަށް ހެކި ދެއްކިފައިނުވާ ކަމަށެވެ.
އެ ފޮށިގަނޑަކީ އެހެން މީހަކާ ހަވާލުކުރަން ގެނައި ފޮށިގަނޑެއް ކަމުން އެ ފޮށިގަނޑުގެ އަސްލު ވެރިފަރާތް ހޯދުމަށް ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ހިންގައިފައިވެ އެވެ. އެ ފޮށިގަނޑާ ހަވާލުވެފައި ވަނީ އޭނާ މަސައްކަތްކުރާ ލޯންޗުގައި ކްރޫއަކަަށް މަސައްކަތްކުރާ އެހެން ބިދޭސީއެކެވެ. މި މައްސަލައިގައި އޭނާ ވެސް ހައްޔަރުކުރި އެވެ، އެކަމަކު ދައުލަތުން ބުނެފައި ވަނީ އެކަށީގެންވާ ހެއްކެއް ނެތުމުން އެ ބިދޭސީ މީހާގެ މައްޗަށް ދައުވާ ނުކުރަން ނިންމީ ކަމަށެވެ.
ހުކުމުގައި ބުނެފައި ވަނީ، މި މައްސަލައިގައި ދެވަނައަށް ހައްޔަރުކުރި މީހާ އެކަމާ ގުޅޭގޮތުން ބުނެފައިވާ އެއްވެސް ބުނުމެއް މި މައްސަލައިގައި ދައުލަތުން ކޯޓަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި މި މައްސަލައިގެ ހަގީގަތާ ހަމައަށް ވާސިލްވާން ދައުލަތުން އިތުރު މަސައްކަތެއް ވެސް ކޮށްފައި ނުވާ ކަމަށެވެ.
މީހެއްގެ ބެލުމުގެ ދަށުން މަސްތުވާތަކެތި ފެނުނު ނަމަވެސް، އެ ތަކެތި އޭގައި ހުރިކަން އެ މީހަކަށް އެނގޭކަން ސާބިތުކޮށްދެން ޖެހޭ ކަމަށް ސުޕްރީމް ކޯޓުގެ ގަޒިއްޔާއަކާއި ހަވާލާދީ ހުކުމްގައި ބުނެފައި ވެއެވެ. އެކަން ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާތީ އެ ކުށް އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.