ލައިފްސްޓައިލް

ބަންގްލަދޭޝް ބަތަލާ ރައިމާ މަރާލާފައި އޮއްވާ ފެނިއްޖެ

ބަންގްލަދޭޝް ބަތަލާ ރައިމާ އިސްލާމް ޝިމޫ ގެއްލުނުތާ އެއް ދުވަސް ފަހުން އޭނާގެ މަރާލާފައިވާ ހަށިގަނޑު ފެނިއްޖެ އެވެ. ހަށިގަނޑު ފެނުނުއިރު އޮތީ ޑާކާގެ ކެރަނީގަންޖްގެ ބްރިޖެއް ކައިރީގައި އޮތް ގޯންޏެއް ތެރޭގަ އެވެ.

ރައިމާގެ ހަށިގަނޑު ފެނުނީ އެހިސާބާ ކައިރީގައި ދިރިއުޅޭ ބަޔަކަށެވެ. ފުލުހުން ދިއައީ އެމީހުން އެ ވާހަކަ ރިޕޯޓު ކުރުމުންނެވެ.

ރައިމާގެ ހަށިގަނޑުގައި ގިނަ އަދަދެއްގެ ޒަޚަމްތައް ހުރި ކަމަށާއި މަރާލާފައި ވަނީ ކުށުގެ ރެކޯޑް އޮންނަ ބައެއް ކަމަށް ފުލުހުން ފުރަތަމަ ޝައްކު ކުރި އެވެ. ނަމަވެސް ރައިމާގެ ފިރިމީހާ ޝަކާވަތު އަލީ ނޯބަލް އާއި އޭނާގެ ކާރު ޑްރައިވަރަށް ޝައްކުތަކެއް ކުރެވި މިހާރު މި ދެ މީހުން ވެސް ވަނީ ހައްޔަރު ކޮށްފަ އެވެ. އަދި ވަރަށް ގިނައިރުތަކެއް ވަންދެން މެދުކެނޑުމެއް ނެތި ސުވާލު ކުރުމުން އެންމެ ފަހުން ރައިމާ މަރާލީ އޭނާ ކަމަށް ރައިމާގެ ފިރިމީހާ ޝިކާވަތު އެއްބަސް ވެއްޖެ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ރައިމާ ގެއްލުނު ކަމުގެ ރިޕޯޓު އޭގެ އެއް ދުވަސް ކުރިން ފުލުހުންނަށް ކުރީ އޭނާގެ ފިރިމީހާ ޝިކާވަތެވެ.

ރައިމާ، 45، ފިލްމީ ދުނިޔެއަށް ނުކުތީ 1998 ގައި ކުޅުނު "ބަރްތަމަން" ކިޔާ ފިލްމަކުންނެވެ. އޭގެ ފަހުން އޭނާ 25 ވަރަކަށް ފިލްމާއި ޓީވީ ޝޯތަކުގައި މަސައްކަތް ކޮށްފައި ވެއެވެ. އޭނާ އަކީ ބަންގްލަދޭޝް ފިލްމް އާޓިސްޓްސް އެސޯސިއޭޝަންގެ މެމްބަރެއް ވެސް މެއެވެ.