ދުވާފަރު

އަމިއްލަ އިމާރާތްތަކުގެ ފާރުތަކުގައި އިންޑިއާ އައުޓް

Jan 19, 2022
5

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ކުރިއަށް ގެންދާ ކެމްޕޭންގެ ޝިއާރު "އިންޑިއާ އައުޓް" ގޭގޭގެ ފާރުތަކުގައި ޖެހުމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޮވާލެއްވުމާ ގުޅިގެން އެ ހަރަކާތް ފަށައިފި އެވެ.

އަމިއްލަ މީހުންގެ އިމާރާތްތަކުގައި އިންޑިއާ އައުޓް ޖެހުމަށް ރައީސް ޔާމީން ގޮވާލެއްވީ މިމަހުގެ 14 ވަނަ ދުވަހު ށ. ފުނަދޫ އަށް ވަޑައިގެން އެ ރަށުގައި ބޭއްވި އިންޑިއާ އައުޓް ކެމްޕޭން ހަރަކާތުގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ޔާމީންގެ ގޮވާލެއްވުމާ އެއްގޮތަށް މިއަދު ވަނީ ރ. ދުވާފަރު ބައެއް ގޭގޭގެ ފާރުތަކުގައި އިންޑިއާ އައުޓް ޖަހާފަ އެވެ. މިހަރަކާތް އިތުރު ރަށްރަށުގައި ވެސް ބާރަށް ކުރިއަށްދާނެ ކަމަށް އިންޑިއާ އައުޓް ކެމްޕޭންގައި އުޅޭ ފަރާތްތަކުން ބުނެ އެވެ.

ރައީސް ޔާމީން ގެންދަވަނީ އިންޑިއާ ސިފައިންގެ އެއްވެސް މީހަކަށް ރާއްޖޭގައި ނުހުންނެވޭނެ ކަމަށް ވިދާޅުވެ އިންޑިއާ ސިފައިން ރާއްޖެ އިން ފޭބުމަށް ތަކުރާރުކޮށް ގޮވާލައްވަމުންނެވެ. އަދި އެ ހަރަކާތް ހުއްޓުމެއް ނެތި ހުރިހާ ރަށަކު ވެސް ކުރިއަށް ގެންގޮސްދިނުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންފައިވެ އެވެ.

އިންޑިއާ އައުޓް ގޭގޭގެ ފާރުތަކުގައި ޖެހުމަށް ރައީސް އަބްދުﷲ ޔާމީން ގޮވާލެއްވުމާ އެކު އިންޑިއާ އައުޓް އެންމެ ފުރަތަމަ ޖެހީ ށ. ފުނަދޫ ސްކޫލު ބޭރު ފާރުގަ އެވެ.

އިދިކޮޅު ޕީޕީއެމުން ވަނީ އެއީ އެ ޕާޓީން ކުރި ކަމެއް ނޫން ކަމަށް ބުނެ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ރައީސް ޔާމީން ގޮވާލައްވަމުން ގެންދަވާތީ އެމަނިކުފާނު ހައްޔަރުކުރުމަށް ވެރިކަން ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ގެންދަވަނީ ގޮވާލައްވަމުންނެވެ. އަދި ރައީސް ޔާމީންގެ އަމަލަކީ އެކުވެރި ދެ ގައުމެއް ޖައްސުވާ، ގައުމީ ސަލާމަތަށް ނުރައްކާވާ ޒާތަށް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށްވެސް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީ ތަކުން ދެކެ އެވެ.