ރައީސް އަބްދުﷲ ޔާމީން

"ފާރުތަކުގައި ލިޔެގެން ސަރުކާރަކަށް ނުބެހެވޭނެ"

Jan 21, 2022
4

އަމިއްލަ ގޭގޭގެ ފާރުތަކުގައި "އިންޑިއާ އައުޓް" ލިޔުމަކީ ސަރުކާރާ ބެހޭ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ. ރައީސް ޔާމީން މިފަދައިން ވިދާޅުވީ ރ. ދުވާފަރަށް ވަޑައިގެން، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ގޮވާލުމަށް މިއަދު އެރަށުގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ގޭގޭގެ ފާރުތަކުގައި "އިންޑިއާ އައުޓް" ޖެހުމަށް މީގެ ކުރިން ރައީސް ޔާމީން ވަނީ ގޮވައިލައްވާފަ އެވެ. އޭގެ ފަހުން އަމިއްލަ ތަންތަނުގެ ފާރާއި ބައެއް ސްކޫލްތަކުގެ ފާރުތަކުގައި އެހެން ލިޔެގެން މައްސަލަ ވަރަށް ގޯސްވެފައި ވެއެވެ. އެކަން ކުށްވެރިކޮށް އެޑިއުކޭޝަން މިނިސްޓްރީ އިން ބަޔާނެއް ވެސް ނެރުނެވެ.

ރައީސް ޔާމީން މިއަދު ވިދާޅުވެފައި ވަނީ އެ ޕާޓީއިން އިންޑިއާ އައުޓް ލިޔުނީ އަމިއްލަ ގޭގޭގެ ފާރުތަކުގައި ކަމަށެވެ. އެއީ ސަރުކާރަށް އެއްވެސް ވަރަށް ބާރު ފޯރުވޭނެ ކަމެއް ނޫން ކަމަށެވެ. ކިތަންމެ ނުރުހުނަސް، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މި ފަސްގަނޑު ފޮނުވާލުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ، މި ސަރުކާރަށް ޝައިތޯނާގެ އަތުން ދޫކޮށްލަން ނުކެރެގެން އުޅޭ ކަމަށެވެ. އެކަމިކުފާނުގެ މޭމަތީ އިންޑިއާ އައުޓް ޖަހައިގެން އުޅެނީ އަހުލާގީ ފެންވަރު ދަށްކަމުން ކަމަށް ބައެއް މީހުން ބުނަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އެކަމަށް ރައްދު ދެއްވަމުން އެމަނިކުފާނު ވަނީ އެހެން ބުނަމުން އަންނަ މީހުންގެ އަހުލާގީ ފެންވަރާ މެދު ސުވާލު އުފައްދައިފަ އެވެ.

ދުވާފަރު ރައްޔިތުންނާ މުހާތަބުކުރައްވަމުން ޔާމީން އިތުރަށް ވިދާޅުވީ، ރާއްޖޭގައި އިތުރު ވަޒީފާތައް އުފެއްދޭނެ ގޮތެއް ވެސް މިއަދު ނެތް ކަމަށެވެ. ކުންފުނިތަކާއި، ބިންތަކާއި ރިސޯޓުތައް ވެސް މި ސަރުކާރުން ވިއްކާލައިފި ކަމަށެވެ.

"އަޅުގަނޑު މި ދަންނަވަނީ ގައުމުތަކާއެކު ރަހުމަތްތެރިކަން ވެސް ބާއްވަންވީއޭ. އިހުތިރާމާއެކީ ބާއްވަންވީ. އެކަމަކު އެއްގައުމު އަނެއް ގައުމުގެ ދާހިލީ ކަންކަމަކާ ނުބެހެވޭނެ. އެއްގޮތަކަށް ވެސް އިންޑިއާއެއް ނޫން ގޯހީ. އިންޑިއާ އަސްކަރިއްޔާ މިގައުމުގައި ތިބުން ގޯސްވެގެން މިއުޅެނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވަނީ ވާހަކަ ނިންމަވައިލައްވަމުން ރާއްޖޭގެ އަމާންކަން ދެމެހެއްޓެވުމަށާއި، މިގައުމަކީ މިނިވަން އަދި އެއްބައިވަންތަ ގައުމެއްކަމުގައި ލެއްވުމަށް އެދި ދުއާ އެއްވެސް ކުރައްވާފަ އެވެ.

ދުވާފަރުގައި ޕީޕީއެމް އިން ބޭއްވި އިންޑިއާ އައުޓް ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ޔާމީން އެރަށަށް ވަޑައިގަތީ މިއަދު ހަވީރު އެވެ. އެރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ. އެ ޕާޓީ އިން ކުރިއަށް ގެންދާ މި ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް އެކި ދުވަސް މަތިން އެކި ރަށްރަށަށް އަންނަނީ ދަތުރުކުރައްވަމުންނެވެ.