ރައީސް އަބްދުﷲ ޔާމީން

އަހަރު ނިމުމުގެ ކުރީން އިންޑިއާ ސިފައިން ބޭލުން ވަރަށް މުހިންމު: ޔާމީން

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މި އަހަރު ނިމުމުގެ ކުރީން ބޭލުން ވަރަށް މުހިންމު ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރޮއިޓާސްއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގަ އެވެ.

މިނިވަންވެވަޑައިގަތް ފަހުން އަދި އެމަނިކުފާނު އިސްވެ ހުންނަވާ ފައްޓަވާފައިވާ "އިންޑިއާ އައުޓް" ކެމްޕެއިނާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ މީޑިއާއަކަށް ދެއްވި އިންޓަވިއު ރޮއިޓާސްއަށް ދެއްވާ ވިދާޅުވީ ރާއްޖޭގައި އެއްވެސް ގައުމެއްގެ އަސްކަރިއްޔާ އޮތުމަށް އެމަނިކުފާނު އެދިވަޑައިނުގަންނަވާ ކަމަށެވެ. އެއީ އިންޑިއާ އާއި ޗައިނާ އަދި އެމެރިކާ ވިޔަސް ގަބޫލު ކުރައްވާނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެ އެ ތިބި ކަމަށާ އެއީ ފެންނަން އޮތް ހަގީގަތް ކަމަށެވެ. އެހެން ކަމުން އިންޑިއާ ސިފައިން ރާއްޖެއިން ފައިބާން ޖެހޭ ކަމަށް ވިދާޅުވި އެވެ. އެއީ ދިވެހީންގެ ގިނަ ބަޔަކު ރުހޭ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ދިވެހީންގެ ކުރިއެރުމާއި ތަރައްގީއަށްވެސް ހުރަސް އެޅޭ ކަމަށް ވިދާޅުވިއެވެ.

"ވަރަށް މުހިއްމު ކަމެއް އަހަރު ނިމުމުގެ ކުރިން އިންޑިއާ އަސްކަރިއްޔާ ރާއްޖެ އިން ބޭލުން އެއީ،" ޔާމީން ވިދާޅުވި ކަމަށް ރޮއިޓާސްގައި ރިޕޯޓްކޮށްފައިވެއެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖެ އޮންނަން ޖެހޭނީ ބޭރުގެ އެއްވެސް ގައުމެއްގެ އަސްކަރީ ހަރަކާތެއް ނެތް ގައުމެއްގެ ގޮތުގައި ކަމަށެވެ. އެމަނިކުފާނުގެ ޒަމާއަތެއްގައި އެކަމަށް ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ.

އިންޑިއާ ސިފައިންނަށް ރާއްޖެއިން ފުރުސަތު ދީފިނަމަ އެ ފަދަ ފުރުސަތަކަށް ބާރުގަދަ އެހެން ގައުމުތަކުން ވެސް އެދޭނެ ކަމަށާ އެ ފުރުސަތު ހޯދަން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން ޗައިނާ އާއި އެމެރިކާ ފަދަ ގައުމުތަކުން އެ ފުރުސަތު ހޯދަން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެއްވެސް ގައުމެއްގެ އަސްކަރިއްޔާއަށް ރާއްޖޭގައި ތިބުމަށް ފުރުސަތު ނޯންނާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.

ޔާމީންގެ ވެރިކަމުގައި ޗައިނާއާ ހާއްސަ ގުޅުންތަކެއް ބާއްވާފައިވާތީ އެކަމާއި ގުޅޭގޮތުން ސުވާލު ދެންނެވުމުން ރައީސް ޔާމީން ވިދާޅުވީ ޗައިނާއަކީ ތަރައްގީއަށް މުހިންމު ބައިވެރިއެއް ކަމަށެވެ. ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ދެނީ އެ ގައުމުން ކަމަށާ އެކަން ނިމިދިޔަ ދުވަސްތަކުގައި ދިވެހީން ތަޖުރިބާ ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ޔޫރަޕްގެ ގައުމުތަކަށް އިޝާރާތް ކުރައްވާ ވިދާޅުވީ ހުޅަނގުން އެފަދަ އެހީތެރިކަން ލިބިވަޑައިނުގަންނަވާ ކަމަށެވެ.

ރައީސް ޔާމީންގެ ސިޔާސީ ހަޔާތްޕުޅާ ގުޅޭގޮތުން އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް 2023 ގެ އިންތިހާބުގައި ވާދަ ކުރެއްވުމާއިމެދު އަދި ގޮތެއް ނުނިންމަވާ ކަމަށެވެ. ނަމަވެސް ވިދާޅުވީ އެމަނިކުފާނާއެކު ސަޕޯޓަރުން އެބަ ތިއްބެވި ކަމަށާ ސިޔާސީ މަސައްކަތްޕުޅަށް އެނބުރި ވަޑައިގެންފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ ވާހަކަފުޅު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ ދޮގު ކުރައްވާފައެވެ. ރޮއިޓާސްްއަށް އެކަމަނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ނެތެވެ.

ރާއްޖޭގައި ތިބީ ދިވެހީންގެ ބޭނުންތަކާއި ގުޅިގެން ތިބެން ޖެހިފައިވާ އިންޑިއާ ސިފައިންގެ މަދު އަދަދެއްގެ ބައެއް ކަމަށް ވިދާޅުވިއެވެ. އެކަމުގެ ތަފްސީލު ދެއްވާ ވިދާޅުވީ އިންޑިއާއިން ހަދިޔާ ކުރި ހެލްކޮޕްޓަރު ދުއްވުމާއި އަސްކަރީ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ސިފައިންގެ ސިއްހީ ހިދުމަތްތެރިންގެ ޓީމެއްގެ އިތުރުން ދިވެހި ސިފައިންގެ އެކި ކަންކަމުގައި އެހީތެރިވެ ދެއްވާ ސިފައިންގެ މަދު އަަދަދެއްގެ ބައެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް ޔާމީން މަސައްކަތް ކުރައްވަނީ ރާއްޖެ-އިންޑިއާ ގުޅުން ނުރައްކާތެރި ހިސާބަކަށް ގެންދެވުމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައިވާ އެއްބަސްވުންތައް ނުރައްކާތެރި ކަމަށް ރައީސް ޔާމީން ވިދާޅުވިއިރު އެއްބަސްވުންތައް ކުރެވިފައިވަނީ އެމަނިކުފާނުގެ ޒައާމަތުގައި ކަމަށެވެ.