މިސްކިތް

މަރަދޫގައި މިސްކިތެއް އަޅަން ބީއޭޕީސީއަށް

Jan 20, 2022

އައްޑޫ ސިޓީ މަރަދޫގައި މިސްކިތެއް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ބީއޭޕީސީ އެންޑް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑާއެކު އިސްލާމިކް މިނިސްޓްރީ އިން ސޮއިކޮށްފިއެވެ.

އެކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަބްދުﷲ އެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ އެވެ.

320 ދުވަސްތެރޭގައި އިމާރާތްކުރާ ގޮތަށް ހަމަޖެހިފައިވާ މި މިސްކިތުގެ އަމަލީ މަސައްކަތް ފެށުމަށް ލަފާކުރާ ތާރީހަކީ ފެބްރުއަރީ 17 ގައެވެ. ދިވެހި ދައުލަތުން 12.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ މި މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

އަންހެނުންނަށް ނަމާދު ކުރެވޭނެ އިންތިޒާމް ކުރާ ގޮތަށް ހަމަޖެހިފައިވާ މި މިސްކިތް އިމާރާތް ކުރަން ނިންމީ މިވަގުތު މަރަދޫގައި ހުރި މިސްކިތްތަކުގެ ޖާގަ ކުޑަވެފައިވާތީ އާ މިސްކިތަކަށް ބޭނުން ޖެހިފައި ވުމުގެ ސަބަބުންނެވެ.

މިދިޔަ އަހަރު ތައްޔާރުކުރި ޑިޒައިނަކަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މި މިސްކިތުގެ މަސައްކަތްތައް ނިމޭއިރު އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން މިސްކިތް އޭސީކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.