ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ޖެހުނު ހަތް މީހަކު އައިސީޔޫގައި

ކޮވިޑް-19 ޖެހުނު ހަތް މީހަކަށް މި ވަގުތު އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. މިއީ މި ފަހުން މިހާ ގިނަ ބަޔަކަށް އައިސީޔޫގައި ފަރުވާ ދޭން ޖެހުނު ފުރަތަމަ ފަހަރެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެ ބަލި ޖެހޭ މީހުންގެ ނިސްބަތް ދަނީ ރެކޯޑް މިންވަރަކަށް އުފުލެމުންނެވެ.

އެޗްޕީއޭ އިން ބުނީ ކޮވިޑް ޖެހުނު 43 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ. އޭގެ ތެރެއިން ހަތް މީހަކަށް ފަރުވާ ދެނީ އައިސީޔޫގައެވެ.

އިއްޔެއަކީ ރެކޯޑް މިންވަރަކަށް ކޮވިޑަށް މީހުން ޕޮޒިޓިވްވީ ދުވަހެކެވެ. އިއްޔެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާދީ އެޗްޕީއޭއިން ރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 1219 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއީ މި ފަހުން މާލެ ސަރަހައްދުން އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވީ ދުވަހެވެ. މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން 547 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ.

ރިސޯޓްތަކުން 89 މީހަކު ޕޮޒިޓިވްވެފައި ވެއެެވެ. ޓެސްޓްކޮށްފައިވަނީ 7،171 ސާމްޕަލް އެވެ. މާލެ ސަރަހައްދުން ޓެސްޓް ކޮށްފައިވަނީ 3،361 ސާމްޕަލެވެ. މާލެ ސަރަހައްދުގެ ޕޮޒިޓިވް ރޭޓް މިހާރު ހުރީ 36 ޕަސެންޓް ގައެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 9،574 މީހުންނެވެ. މިހާތަނަށް 98،880 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ.

މިއަދާ ހަމައަށް 267 މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފަ އެވެ. މިއަދުވެސް ދެ މީހަކު އެ ބަލީގައި މަރުވިއެވެ.