ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ބުރާސްފަތި؛ ކޮވިޑްގައި ހަތަރު މަރު، 2199 މީހަކު ޕޮޒިޓިވް

ރާއްޖެއިން އިތުރު 2199 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 110،931 އަށް އަރާފަ އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 1348 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއީ މި ފަހުން މާލެ ސަރަހައްދުން އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވީ ދުވަހެވެ. މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން 531 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ.

ރިސޯޓްތަކުން 83 މީހަކު ޕޮޒިޓިވްވެފައި ވެއެެވެ. ޓެސްޓްކޮށްފައިވަނީ 6،598 ސާމްޕަލް އެވެ. މާލެ ސަރަހައްދުން ޓެސްޓް ކޮށްފައިވަނީ 3،910 ސާމްޕަލެވެ. މާލެ ސަރަހައްދުގެ ޕޮޒިޓިވް ރޭޓް މިހާރު ހުރީ 34 ޕަސެންޓް ގައެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 10،537 މީހުންނެވެ. މިހާތަނަށް 100،112 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 43 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

މަރުގެ ދުވަހެއް، ކޮވިޑްގައި ހަތަރު މީހަކު މަރު

ކޮވިޑް ޖެހިގެން މިއަދު ފުރަތަމަ މަރުވެފައި ވަނީ ލ. ކޮވިޑް ފެސިލިޓީގައި އޮތް މީހެކެވެ. އެއީ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭގެ ފަހުން ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން އައި މީހަކުވެސް މަރުވިއެވެ. އެއީ އުމުރުން 63 އަހަރުގެ އަންހެނެކެވެ. އޭނާ މަރުވެފައި ވަނީ ހެނދުނު 6:16 އިގަ އެވެ.

މިއަދު ހެނދުނު 9 ޖެހިިއިރު އުމުރުން 76 އަހަރުގެ ދިވެހި ފިރިހެނަކުވެސް ވަނީ މަރުވެފައެވެ. އެއީ އައްޑޫ ސިޓީ ކޮވިޑް ފެސިލިޓީގައި އޮތް މީހެކެވެ. އެ ފަހުން މިއަދު 1:47 ގައި އުމުރުން 84 އަހަރުގެ މީހަކުވެސް ވަނީ މަރުވެފައެވެ. އެއީވެސް ލ. ކޮވިޑް ފެސިލިޓީގައި އޮތް މީހެކެވެ.

މިއަދުގެ މަރުތަކާއެކު ރާއްޖޭގެ ކޮވިޑް މަރުގެ ނަންބަރު 269 އަށް އަރާފައެވެ.

ކޮވިޑް ޖެހުނު ހަތް މީހަކު އައިސީޔޫގައި

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެ ބަލި ޖެހޭ މީހުންގެ ނިސްބަތް ދަނީ ރެކޯޑް މިންވަރަކަށް އުފުލެމުންނެވެ.

އެޗްޕީއޭ އިން ބުނީ ކޮވިޑް ޖެހުނު 43 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ. އޭގެ ތެރެއިން ހަތް މީހަކަށް ފަރުވާ ދެނީ އައިސީޔޫގައެވެ.