ސަލްމާން ރަސްގެފާނު މިސްކިތް

ސަލްމާން މިސްކިތް ހުޅުވަން ފައިސާ ދޫކުރަން ނިންމައިފި

Jan 21, 2022

ސައުދި އަރަބިއްޔާގެ ރަސްގެފާން ސަލްމާން ބިން އަބްދުލްއަޒީޒުގެ އެހީގައި މާލޭގައި ހަދާފައިވާ ކިންގް ސަލްމާން މިސްކިތް ހުޅުވުމަށް ބޭނުންވާ ފައިސާ ހަމަޖައްސައިދިނުމަށް ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީން އެގޮތަށް ނިންމީ ސަލްމާން މިސްކިތް ރޯދަ އަށް ހުޅުވަން ބޭނުންވާތީވެ އެކަމަށް ބޭނުންވާ ފައިސާ ހަމަޖައްސައިދިނުމަށް އިސްލާމިކް މިނިސްޓްރީން ރައީސް އޮފީހުގައި ސިޓީއަކުން އެދުމާ ގުޅިގެންނެވެ.

ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު އެކަން ޔަގީންކޮށްދެއްވި ނަމަވެސް ތަފްސީލެއް ނުދެއްވަ އެވެ.

ސަލްމާން މިސްކިތް ރޯދަ އަށް ހުޅުވުމަށްޓަކައި ބޭނުންވާ އިންތިޒާމުތަކާއި އެކަމަށް ހިނގާ ހަރަދު ސައުދީ ސަރުކާރުން ހަމަޖައްސައިދިނުމަށް ނިންމާފައިވެ އެވެ. އެކަމަކު ސަލްމާން މިސްކިތް ހުޅުވުމަށް ބޭނުންވާ ފައިސާ ހޯދުމަށް އިސްލާމިކް މިނިސްޓްރީން މިދިޔަ މަހުގެ ރައީސް އޮފީހަށް ސިޓީ ފޮނުވީ ސައުދީ ސަރުކާރުން ހަމަޖައްސައި ދޭން ބުނި ފައިސާ ލިބުން ލަސްވަމުންދާތީ އެވެ.

އިސްލާމިކް މިނިސްޓްރީން ލަފާކުރާ ގޮތުގައި ސަލްމާން މިސްކިތް ހުޅުވުމަށް ބޭނުންވާ ފަރުނީޗަރު ހޯދުމާއި އެހެންވެސް ބައެއް ހިދުމަތްތައް ހޯދުމުގެ އަގަށް ގާތްގަނޑަކަށް 1.6 މިލިއަން އެމެރިކާ ޑޮލަރު ހަރަދުވެ އެވެ.

އިސްލާމިކް މިނިސްޓްރީން ދަނީ ކުރިއަށް އޮތް ރަމަޟާން މަހު ސަލްމާން މިސްކިތް ހުޅުވުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިސްކިތަށް ބޭނުންވާ ފަރުނީޗަރާއި އެހެންވެސް ބައެއް ސާމާނު ރޯދައިގެ ކުރިން ނުލިބިއްޖެނަމަ މިސްކިތް ނުހުޅުވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ސަލްމާން މިސްކިތް ހުޅުވުމަށް ސަރުކާރުން މީގެކުރިން އެކި ތާރީހުތައް ދިން ނަމަވެސް ތަފާތު ސަބަބުތައް މެދުވެރިވެ މިސްކިތް އަދި ހުޅުވޭ ގޮތެއް ނުވެ އެވެ. ސައުދީ ސަރުކާރުގެ އިސް އޮފިޝަލަކު ދާދިފަހުން ރާއްޖެ ވަޑައިގެން ދިވެހި ސަރުކާރާ އެކު މަޝްވަރާކުރުމަށްފަހު ކުރިއަށް އޮތް ރަމަޟާން މަހަށް މިސްކިތް ހުޅުވާނެ ކަމަށް މިދިޔަ އަަހަރު ދިވެހި ސަރުކާރުން އިއުލާންކޮށްފައިވެ އެެވެ.

ސަލްމާން މިސްކިތް ނިންމި ފަހުން އަހަރަކަށް ވުރެ ގިނަ ދުވަސްވީއިރު ވެސް މިސްކިތް ހުޅުވާފައި ނުވާތީ އިދިކޮޅު ސިޔާސީ ބޭފުޅުންނާއި ބައެއް އާންމުން ވެސް ގެންދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ސަލްމާން މިސްކިތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއްް ދީގެން ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއެކެވެ.

ކިންގް ސަލްމާން މިސްކިތް އެޅުމަށް ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލުކޮށްފައިވަނީ ފެބްރުއަރީ 28، 2017 ގައެވެ. މިމަސައްކަތް 24.95 މިލިއަން ޑޮލަރު -- 370 މިލިއަން ރުފިޔާ އަށް ހަވާލުކުރީ އޯގަސްޓް 2018 ގައި މިސްކިތުގެ މަސައްކަތް ނިންމުމަށް ޝަރުތުކޮށްފަ އެވެ. ނަމަވެސް އެ ތާރީހަށް މިސްކިތުގެ މަސައްކަތް އޭރު ނިންމާލެވިފައެއް ނުވެ އެވެ.