ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީން ދުވާފަރަށް ވަޑައިގެންފި

Jan 21, 2022

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރ. ދުވާފަރަށް ވަޑައިގެންފި އެވެ.

ޕީޕީއެމްގެ އިސް ބޭފުޅުންނާ އެކު ރައީސް ޔާމީން މިއަދު ހަވީރު ދުވާފަރަށް ވަޑައިގަތުމުން އެރަށުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައިވެ އެވެ.

މަރުހަބާ ކިޔަން ނިކުމެ ތިބި އާންމުން ތިބީ އިންޑިއާ އައުޓް ޖަހާފައިވާ ޓީޝާޓް ލައިގެންނެވެ.

ރައީސް ޔާމީން ދުވާފަރަށް ކުރައްވާ ދަތުރުފުޅުގައި ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ބޭލުމަށް ގޮވާލުމަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ "އިންޑިއާ އައުޓް" ކެމްޕޭންގައި ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

ގޭގޭގެ ފާރުތަކުގައި "އިންޑިއާ އައުޓް" ޖެހުމަށް ރައީސް ޔާމީން ގޮވާލެއްވުމުން އެންމެ ފުރަތަމަ ފާރުތަކުގައި އިންޑިއާ އައުޓް ޖެހީ ވެސް ދުވާފަރު އިމާރާތްތަކުގަ އެވެ. އެގޮތުން ބުދަ ދުވަހުގެ ހަވީރު ދުވާފަރުގެ ޒުވާނުން އިސްނަގައިގެން ވަނީ ފާރުތަކުގައި އިންޑިއާ އައުޓް ޖަހާފަ އެވެ.

ދުވާފަރަކީ ރައީސް ޔާމީންގެ ޒައާމަތުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގި ރަށެކެވެ. އެހެންވެ އެރަށުގައި އެމަނިކުފާނަށް ތާއީދު ކުރާ ގިނަ ބަޔަކު އުޅެ އެވެ.

ރައީސް ޔާމީން މިނިވަންވި ފަހުން އިންޑިއާ އައުޓްގެ ހަރަކާތްތައް އަތޮޅުތަކުގެ ތެރެއަށް ފުޅާ ކުރައްވައި، ރަށް ރަށަށް ވެސް ވަނީ ވަޑައިގަންނަވަން ފައްޓަވާފަ އެވެ. މާލެ އަތޮޅުގެ ރަށްތަކުން އެމަނިކުފާނު ފެއްޓެވި އިންޑިއާ އައުޓް ހަރަކާތް މިހާރު ވަނީ އެމަނިކުފާނާ އެކު ށ. އަތޮޅާއި ފ. އަތޮޅުގައި ވެސް ކުރިއަށް ގެންގޮސްފަ އެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ރައީސް ޔާމީން ގޮވާލައްވަމުން ގެންދަވާތީ އެމަނިކުފާނު ހައްޔަރު ކުރުމަށް ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ގެންދަވަނީ ގޮވާލައްވަމުންނެވެ.