އަހުމަދު އުޝާމް

ވެރިކަން ލިބުނީމަ ކުރިން ދެއްކި ވާހަކަތައް ހަނދާނެއް ނުހުރޭ: އުޝާމް

ވެރިކަން ލިބުނީމަ ކުރިން ދެއްކި ވާހަކަތައް ހަނދާނުގައި ނުހުންނަ ކަމަށް ވިދާޅުވެ މި ސަރުކާރަށް ވިލިމާލެ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނާއިބު ރައީސް އަހުމަދު އުޝާމް ފާޑުވިދާޅުވެއްޖެ އެވެ.

އުޝާމްގެ ފާޑުވިދާޅުވުން ސަރުކާރަށް އަމާޒު ކުރެއްވީ އަންނަ މަހުގެ ފަސްވަނަ ދުވަހު ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ތައްޔާރުވެފައިވަނިކޮށް އެ ދާއިރާގައި ހިމެނޭ ފޯކައިދޫއިން ގޯތި ދޫކުރަން ނިންމި ނިންމުމާއި ގުޅިގެންނެވެ. މިއީ މިދިޔަ 10 އަހަރުގެ ތެރޭގައި ފޯކައިދޫން ގޯތި ދޫކުރަން ނިންމި ފުރަތަމަ ފަހަރެވެ.

އުޝާމް ވިދާޅުވީ ހިއްކާފައިނުވާ ފަޅަކުން ގޯތި ދޫކުރުމަށް ކުރީގެ ސަރުކާރުން ނިންމުމުން އެ މައްސަލަ ޖެއްސި ބޭފުޅުން މިއަދު ތިއްބެވީ ވެރިކަމުގައި ކަމަށެވެ. ނަމަވެސް މިއަދު މި ސަރުކާރުން އިންތިހާބަކާ ދިމާކޮށް ހިއްކާފައިވެސް ނުވާ ޗަސްބިމަކުން ގޯތިދޫކުރަން ނިންމާފައިވާ ކަމަށެވެ.

"ވެރިކަން ލިބުނީމަ ކުރިން ދެއްކި ވާހަކަތައް ހަނދާނެއް ނުހުރޭ،" އުޝާމް ވިދާޅުވިއެވެ.

ފޯކައިދޫން ގޯތި ދޫކުރަނީ އެ ރަށުގެ ޗަސްބިން ސަރަހައްދުންނެވެ. އެ ސަރަހައްދު ހިއްކާ ގޯތި ދޫކުރާނެ ކަމަށް ރައީސް ސޯލިހް އިއުލާނު ކުރެއްވީ މިދިޔަ އަހަރު އެވެ. ނަމަވެސް އިންތިހާބު ބޯމަތިވުމާއި ހަމައަށް އެ އިއުލާނު ކުރެއްވުމަށް އަމަލީ ސިފައެއް ގެނެސްފައެއް ނުވެއެވެ.

ފޯކައިދޫ ކައުންސިލުން މިހާރު ވަނީ 2000 އަކަފޫޓުގެ 120 ގޯތި ދޫކުރަން ނިންމާ އެކަން އިއުލާނުކޮށްފައެވެ.