އެމްޑީޕީ

ދެ ރައީސުން ކޮމަންޑޫ ދާއިރާއަށް ވަޑައިގެންފި

Feb 3, 2022
ދެ ރައީސުން މިއަދު ކޮމަންޑޫއަށް ވަޑައިގެން ސީޕްލޭންގައި މަޑުކޮށްލައްވައިގެން -- ފޮޓޯ: އެމްޑީޕީ
0%
0%
0%

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެކުގައި ކޮމަންޑޫ ދާއިރާ އަށް ވަޑައިގެންފި އެވެ.

ދެ ރައީސުން މީގެއިރުކޮޅެއް ކުރިން ސީޕްލޭންގައި އެންމެ ފުރަތަމަ ވަޑައިގަތީ ކޮމަންޑޫ އަށެވެ. ކޮމަންޑޫ ދާއިރާގައި ހިމެނޭ ފޯކައިދޫ އާއި މަރޮށްޓަށް ވެސް ދެ ރައީސުން އެކުގައި ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. ކޮމަންޑޫ އަށް ފަހު ދެ ރައީސުން ވަޑައިގަންނަވާނީ މަރޮށްޓަށެވެ.

ދެ ރައީސުން ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރައްވާ ކަންމަތީ ބައްދަލުވުންތައް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދު މިއަދު ކޮމަންޑޫ އަށް ވަޑައިގަތުމުން ދެ ރައީސުންގެ ސަޕޯޓަރުން ވަނީ ދެ ބޭފުޅުންނަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.

ދެ ރައީސުން އެކުގައި މިދިޔަ މަހުގެ 22 ވަނަ ދުވަހު ވެސް ކޮމަންޑޫ ދާއިރާ އަށް ވަޑައިގަތުމަށް ނިންމެވި އެވެ. ނަމަވެސް އެ ދަތުރުފުޅަށް ފުރާވަޑައިގަތުމަށް ކޮވިޑް 19ގެ ޓެސްޓް ހެއްދެވުމުން ރައީސް ސޯލިހް ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެމަނިކުފާނު ބަލިން ރަނގަޅު ވަންދެން މާލޭގައި މަޑުކުރެއްވީ އެވެ. އެކަމަކު މިދިޔަ މަހުގެ 22 ވަނަ ދުވަހު ރައީސް ނަޝީދު ކޮމަންޑޫ ދާއިރާ އަށް ވަޑައިގެންނެވި އެވެ. އޭގެ ކުރިން މިދިޔަ މަހުގެ ހަވަނަ ދުވަހު ރައީސް ސޯލިހް ވެސް ކޮމަންޑޫ ދާއިރާ އަށް ވަޑައިގެންނެވި އެވެ.

ރާޝިދުގެ ކެމްޕޭން ލޯންޗްކުރުމަށް މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވަނީ އެ ދާއިރާގައި މިއަހަރު ގިނަ މަޝްރޫއުތަކެއް ފެށުމަށް އިއުލާންކޮށްފަ އެވެ. އެއީ އިންތިހާބާ ދިމާކޮށް ކުރިއަށް ގެންދާ މަޝްރޫއުތަކެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ނަމަވެސް އެ މަޝްރޫއުތައް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެ ރައީސް ސޯލިހުގެ ސަރުކާރުން ވަނީ އެ މަޝްރޫއުތައް ފަށާފަ އެވެ.

މިމަހުގެ ފަސްވަނަ ދުވަހު އޮންނަ ބައި-އިލެކްޝަންގައި އެމްޑީޕީގެ އިތުރުން ވާދަކުރަނީ އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސް އާއި ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 3،309 މީހުން ވޯޓުލުމަށް ހަތް ވޯޓް ފޮށްޓެއް ބެހެއްޓުމަށް ހަމަޖެހިފައިވެ އެވެ. އެގޮތުން ފޯކައިދޫގައި ދެ ވޯޓް ފޮށި މަރޮށީގައި ވޯޓް ފޮއްޓެއް އަދި ކޮމަންޑޫގައި ދެ ވޯޓް ފޮށި ބަހައްޓައެވެ. މާލޭގައިވެސް ދެ ވޯޓް ފޮށި ބަހައްޓާނެ ކަމަށް ކޮމިޝަނުން ބުނެ އެވެ. އެ ދެ ވޯޓް ފޮށިވެސް ހުންނާނީ އިސްކަންދަރު ސުކޫލުގަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345