ރައީސް މުހައްމަދު ނަޝީދު

ނަޝީދާއެކު ބައެއް ވަޒީރުން ކެންޕެއިނަށް

Jan 22, 2022
3

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އާއި ބައެއް ވަޒީރުން އަދި އެމްޑީޕީގެ އިސް ބޭފުޅުން ކޮމަންޑޫ ދާއިރާ އަށް ވަޑައިގެންފި އެވެ.

މިއަދުގެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްވެސް ބައިވެރިވެވަޑައިގަތުމަށް އޮތީ ހަމަޖެހިފައެވެ. ނަމަވެސް ކޮވިޑްގެ އާލާސްކަންފުޅު ޖެހިވަޑައިގެން ދަތުރުފުޅުގައި ބައިވެރިވެވޭ ގޮތް ނުވީއެވެ.

ރައީސް ނަޝީދާއެކު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އަދި އެމްޑީޕީގެ ބައެއް މަޖިލީސް މެންބަރުންނާއި ޕާޓީގެ އިދާރީ މުވައްޒިފުން ބައިވެރިވެއެވެ.

އެމްޑީޕީގެ ހާއްސަ ޖަލްސާ މިރޭ އޮންނާނީ ފޯކައިދޫގައެވެ.

ރާޝިދުގެ ކެމްޕޭން ލޯންޗްކުރުމަށް މި މަހުގެ ހަވަނަ ދުވަހުގެ ރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގެންނެވި ނަމަވެސް އޭރު ރައީސް ނަޝީދު ހުންނެވީ ރާއްޖެއިން ބޭރުގައި ކަމަށްވާތީ އެ ޖަލްސާގައި އިއްވީ ރައީސް ނަޝީދުގެ އޯޑިއޯ މެސެޖެކެވެ.

ކޮމަންޑު ދާއިރާގެ އިންތިހާބުގެ ފޯރި ވަރަށް ބޮޑަށް ގަދަވެފައިވާއިރު ސަރުކާރުން ވަނީ އެ ދާއިރާގައި މިއަހަރު ގިނަ މަޝްރޫއުތަކެއް ފެށުމަށް އިއުލާންކޮށްފަ އެވެ. އެއީ އިންތިހާބާ ދިމާކޮށް ކުރިއަށް ގެންދާ މަޝްރޫއުތަކެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ނަމަވެސް އެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފަ އެވެ.

އިންތިހާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރި ނަމަވެސް އެފަދަ ޝަކުވާއެއް ރަސްމީކޮށް ހުށަހަޅާފައި ނުވާ ކަމަށް އިލެކްޝަންްސް ކޮމިޝަނުން ބުނެ އެވެ. އެއްވެސް ފަރާތަކުން އެފަދަ ޝަކުވާއެއް ހުށަހަޅައިފިނަމަ އެ މައްސަލައެއް ބަލައި ފިޔަވަޅު އަޅާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އަންނަ މަހުގެ ފަސްވަނަ ދުވަހު އޮންނަ ބައި-އިލެކްޝަންގައި އެމްޑީޕީގެ އިތުރުން ވާދަކުރަނީ އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސް އާއި ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އެވެ.