ރައީސް މުހައްމަދު ނަޝީދު

ކޮމަންޑޫ ރައްޔިތުން ތިބީ ސަރުކާރު ދެކެ ވަރަށް ރުޅި އައިސް: ނަޝީދު

ށ. ކޮމަންޑޫ ރައްޔިތުން ތިބީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން އަމަލުކުރި ގޮތުން އިންތިހާއަށް ރުޅި އައިސްފައި ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމަންޑޫއާ ގުޅުވައިގެން ދެއްކެވި ވާހަކަފުޅުގައި އަމާޒު ކުރައްވާފައި އެވަނީ މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް ށ. ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާލުމުގެ ގޮތުން ބިން ހިއްކަން ސަރުކާރުން ފެށި ބިޔަ މަޝްރޫ އަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މަތިކޮމަންޑޫ އާއި ކޮމަންޑޫ ގުޅާލުމަކީ އަބަދުވެސް އެމްޑީޕީގެ ސިޔާސަތެއް ކަމަށާއި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް ސަރުކާރުން އެކަން ކޮށްދޭނެ ކަމަށް ބުނިއިރު އެމަޝްރޫއު ބަޖެޓުގައިވެސް ނެތް ކަމަށެވެ.

ނަޝީދު ވިދާޅުވީ ވޯޓާ ގުޅުވައި ބިން ހިއްކުމަށް ގެންދިޔަ ޖައްރާފް ވެސް ވޯޓުލާ ރަނގަޅަށް ނުނިމެނީސް ކޮމަންޑޫ އިން އެހެން ތަނަކަށް ސަރުކާރުން ގެންގޮސްފައިވާ ކަމަށެވެ.

"ރަށެއްގައި ކޮނެކޮނެ އޮތް ހައިމާކު، އަނެއްކާ ހަމަ އިރުކޮޅަކާ ކޮނެފަ ތަންކޮޅެއް ކޮނެފައި ޖެހިގެން އޮތް ރަށަށް، އެހެން ރަށަކަށް އޭތި ގެންގޮސްދާނެ، މި ޖައްރާފު ކޮންނަ އެތިވެސް ރަނގަޅަށް ފަސްކޮޅެއް ނުނެގޭނެ އެހެން ތަނަކަށް އަނެއްކާ އޭތި ގެންގޮސްދާނެ، ކޮމަންޑޫ ރައްޔިތުން ތިބީ އިންތިހާއަށް ރުޅިއައިސަ. ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަން އިންތިހާބުގައި އަޅުގަނޑުމެން މަތިކޮމަންޑޫ އާއި ކޮމަންޑޫ ގުޅާލުމަކީ އަބަދުވެސް އެމްޑީޕީގެ ސިޔާސަތެއް، ދެން އެހެން ނަމަވެސް އެކަންވެސް އެއްގޮތަކަށް ނުވެ ނުވެ، ބަޖެޓުގައިވެސް ނެތިފަ އޮވެފަ ކޮމަންޑޫ އިންތިހާބަށް އަޅުގަނޑުވެސް ދިޔައިން، ސަރުކާރުން އެކަން ކޮށްދޭނެ ކަމަށް ބުނެފައި ރަނގަޅަށް ވޯޓުލާ ނުނިމޭ ޖައްރާފު ގެންގޮސްފި، ދެން ކިޔާނެ އެއްޗެހި ވިސްނާލައްވާ" ސަރުކާރަށް ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މަޝްރޫއުތައް ކުރިއަށް ގެންދަންވާނީ ހުރި ވަސީލަތްތައް އެނގިގެން ކަމަށާއި ވަސީލަތް ނެތްނަމަ އެކަން ނުވާނެކަން އެނގެންވާނެ ކަމަށެވެ. އެއްފަހަރާ ގިނަ މަސައްކަތްތައް ފެށުމުން އެއްވެސް މަޝްރޫއެއް ރަނގަޅަށް ނުނިމޭ ކަމުގައިވެސް ވިދާޅުވި އެވެ.

ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ސިނާން މިއަދު އަވަސް އަށް ވިދާޅުވީ ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. ނަމަވެސް ޖައްރާފު މިވަގުތު ރަށުގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމަންޑޫ އާއި އެރަށުގެ ފަޅުތެރޭގައި އޮންނަ މަތިކޮމަންޑޫގެ ބިން ހިއްކައިގެން ދެ ރަށް ގުޅާލުމުގެ އަމަލީ މަސައްކަތް ފެށީ ޖެނުއަރީ 14، 2022ގަ އެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 730 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޝަރުތުކޮށް 249.9 މިލިއަން ރުފިޔާ އަށެވެ.

މޯލްޑިވްސް ޑްރެޖިން އެސޯސިއޭޝަނުން ފެބްރުއަރީ 2022ގައި ބުނި ގޮތުގައި ކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅާލުމުގެ ގޮތުން ބިން ހިއްކަން އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްސްމަންޓް (އީއައިއޭ) ހެދީ ގަވައިދާ ހިލާފަށެވެ.

މަތިކޮމަންޑޫ ހިއްކަން އީއައިއޭ ހެދިއިރު މި ދެ ރަަށުގެ ވަށަައިގެން ރާޅުތައް ހުންނަ ގޮތް ސާވޭ ކޮށްފައި ނުވާ ކަމަށާއި އަދި މީގެ ސަބަބުން އަލަށް ހިއްކާ ބަޔާއި އަދި ކޮމަންޑޫގެ ގޮނޑުދޮށް ސަރަހައްދަށް ވަރަށް ބޮޑަށް އަސަރުކުރާނެ ކަމަށްވެސް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.