ރައްޔިތުންގެ މަޖިލިސް

ހުސެއިން ވަހީދުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް

ކެންސަރުގެ އާލާސްކަންފުޅުގައި އަވަހާރަވި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަހީދުގެ ހަނދާނުގައި ތައުޒިޔާގެ ދަފުރަތެއް ރައްޔިތުންގެ މަޖިލީހުގައި ހުޅުވައިފި އެވެ.

ތައުޒިޔާގެ ދަފުތަރު ހުޅުވުމަށް ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ އާއި މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންފައިވެއެވެ.

ތައުޒިޔާގެ ދަފްތަރުގައި ސޮއިކުރެއްވުމުގެ ކުރީން ވާހަކަފުުޅު ދައްކަވާ ރައީސް ސޯލިހް ވިދާޅުވީ ހުސައިން ވަހީދަކީ މަޑުމައިތިރިކަމާއި ކެތްތެރިކަމާއި ވިސްނުންތެރިކަމާއެކު މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި އެއީ ވަރަށް ހިތްވަރު ގަދަ ހިތްހެޔޮ މަޖާ ބޭފުޅެއް ކަމަށެވެ.

ސިޔާސީ މަސައްކަތްފުޅާއި އަމިއްލަ ދިރިއުޅުއްވުމަށްވެސް ވަރަށް ރަނގަޅު ލަފާ ދެއްވެވި ބޭފުޅެއް ކަމަށެވެ.

"ކޮމަންޑޫ ދާއިރާއަށް ގެއްލިގެން އެ ދިޔައީ ހިދުމަތްތެރި ހާދިމެއް. އާއިލާއަށް ގެއްލިގެން އެ ދިޔައީ ލޯބިވާ އަހެއް. ޑިމޮކްރަސީގެ ހަޔާތުގައި އަޅުގަނޑުމެން މި ކުރި ދަތުރުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅާ. އަޅުގަނޑުމެން އެންމެނަށް ގެއްލިގެން އެ ދިޔައީ ތެދުވެރި އެކުވެރި ވަފާތެރި ރަހުމަތްތެރިއެއް،" ރައީސް ވިދާޅުވިއެވެ.

ހުސައިން ވަހީދާ ގުޅޭގޮތުން ރައީސް ނަޝީދުވެސް ވިދާޅުވީ އެއީ އެމަނިކުފާނުގެ ސިޔާސީ ހަޔާތުގައި ވަރަށް ހާއްސަ ބޭފުޅެއް ކަމަށެވެ. ކަންކަން ހެޔޮ މަގަށް ގެންގޮސްދީ ހައްލުކޮށްދެއްވުމުގައި ހުސައިން ވަހީދު ވަރަށް މުހިންމު ދައުރެއް އަދާ ކުރެއްވި ކަމަށެވެ.

"އަޅުގަނޑު ސިޔާސީ ހަޔާތުގައި ހުސައިން ވަހީދު، ކަންކަން ހެޔޮކޮށް ދިނުމަށް ކަންކަން ހައްލުކޮށް ދިނުމަށް ކަންކަމުގައި މަގު ދެއްކުމަށް ދެއްވާފައިވާ ހެޔޮ ނަސޭހަތާއި އަޅުގަނޑަށް ދެއްވިހާ އިރުޝާދު، އިއްޔެ މެންދުރުގެ ކަމެއް ފަދައިން އަޅުގަނޑުގެ ހަނދާނުގައި ބިންވަޅު ނެގިފައި އެބަހުރި. ހުސައިން ވަހީދު އަޅުގަނޑާއެކުގައި 10 ކެންޕެއިނެއްގައި މަސައްކަތް ކުރެއްވި. ބައްތިރީހަށްވުރެ ގިނަ ރަށަށް އަޅުގަނޑާއެކު ދިޔަ. ހުސައިން ވަހީދުގެ ހިދުމަތް ދިވެހިރާއްޖެއަށް އެންމެ ބޮޑަށް ވަޒަން ކުރެވެނީ އަޅުގަނޑު ދެކޭ ގޮތުގައި މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީ އެކުލަވާލުމުގަ އާއި އަދި އެ ގާނޫނު އަސާސީގެ ދަށުން އުފެދުނު ފުރަތަމަ ރައްޔިތުންގެ މަޖިލީސް އުފެދުމުގައްޔާއި އަދި 2008 ވަނަ އަހަރު އުފެދުނު ގިނަ ޕާޓީ އެކުލެވޭ ރިޔާސީ ނިޒާމަށް ފަހު އުފެދުނު ފުރަތަމަ ވެރިކަމުގައި ހުސައިން ވަހީދު ބައިވެރިވެވަޑައިގެންނެވި މިންވަރު، އެހީތެރިވެދެއްވި މިންވަރު،" ނަޝީދު ވިދާޅުވިއެވެ.