އެމްއާރުއެމް

އެމްއާރްއެމުން ގޮވާލީ ނުފޫޒުގައި ނުޖެހި ވޯޓް ދިނުމަށް

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓު ދޭއިރު ނުފޫޒާއި ފިއްތުންތަކަށް ބޯ ނުލަނބައި ގާނޫނުން ކަށަވަރު ކޮށްދީފައިވާ އަމިއްލަ އިހްތިޔާރުގައި ވޯޓު ލުމުގެ ހައްގު އަމާނާތްތެރިކަމާއެކު ބޭނުންކުރުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ގޮވާލައިފި އެވެ.

ފެބްރުއަރީ ފަސް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ފޯރި އާއެކު އެކި ޕާޓީތަކުން ކެންޕެއިން ކުރަމުންދާއިރު އިންތިހާބުތަކާ ގުޅޭގޮތުން ރާއްޖޭގައި ހެދިފައި ހުރި ގާނޫނުތަކާއި ގަވާއިދުތަކާ ފުށުއަރާ ގިނަ ކަންކަން މީޑިއާގައި ދަނީ ފެންމަތިވަމުން ކަން ފާހަގަކޮށް އެމްއާރްއެމުން ނެރުނު ބަޔާނެއްގައި ބުނީ އިންތިހާބުތަކާ ގުޅުވައި ރައްރަށާއި ދާއިރާތަކަށް އަމާޒުކޮށްގެން އެކިއެކި މަޝްރޫއުތައް ހިންގުމާއި ކެންޕެއިން ދުވަސްވަރު ކާޑުގެ ބާވަތްތަކާއި ކާބޯތަކެއްޗާއި އިލެކްޓްރޯނިކް ސާމާނާއި ނަގުދު ފައިސާ އަދި ހައްޖާއި އުމްރާ ދަތުރާއި މަތީ ތައުލީމުގެ ފުރުސަތުތައް ފަދަ "ހަދިޔާ" ރައްޔިތުންނަށް ދިނުމުގެ އިތުރުން ވަޒީފާ އާއި އަސާސީ އެހެނިހެން ހިދުމަތްތަކަށް ނޫފޫޒު ފޯރުވައި ބިރު ދެއްކުމާއި އަދި އައިޑީ ކާޑު ފޮރުވުން ފަދަ ކަންކަމަކީ އިންތިޚާބުގެ މާނަ އޮޅޭފަދަ މިންވަރަށް ރާއްޖޭގައި މިހާތަނަށް ބޭއްވި އިންތިހާބުތަކުގައި ހިނގާފައިވާ ކަންކަން ކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލީހިގެ މަސްއޫލިއްޔަތާ ގުޅުންނެތް ވައުދު ވުމަކީ ވެސް ކެންޑިޑޭޓުން ކެމްޕެއިންތެރޭގައި ކުރާ ކަންކަމެއް ކަމަށެވެ.

މި ކަންކަމަކީ މިއަދު ރާއްޖެއަށް ދިމާވެފައިވާ ސިޔާސީ އެކިއެކި މައްސަލަތަކުގެ އަސްލާވެސް ގުޅިފައިވާ ކަންކަން ކަމަށާ މިފަދަ އަމަލުތަކުގެ ނިވަލުގައި ކުރާ ކެންޕެއިންގެ ނަތީޖާއަކަށް ގިނަ ފަހަރު ވެގެންގޮސްފައިވަނީ އިންތިހާބުގެ ނަތީޖާއާ މެދު ރައްޔިތުންގެ މެދުގައި ސުވާލު އުފެދުމާއި ނާގާބިލު މީހުން މަގާމުތަކަށް އިންތިހާބުވުން ކަމަށް އެމްއާރްއެމުން ބުންޏެވެ.

"... އިސްލާހުގެ މަގުގައި މިއަދު އަޅުގަނޑުމެން އައިސް މި ތިބި ހިސާބަކީ އެފަދަ ކަންކަމާ ދުރުވެ މިނިވަން އަދި އިންސާފުވެރި އިންތިހާބުތައް ބޭއްވުމަށްވެސް ވަކާލާތުކޮށްގެން އައިސް ތިބި ހިސާބެކެވެ،"

ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރައްވާ ހުރިހާ ކެނޑިޑޭޓުންންނާއި އެ ކެނޑިޑޭޓުން ނިސްބަތްވެވަޑައިގަންނަވާ ސިޔާސީ ޕާޓީތަކާއި އެ ކެނޑިޑޭޓުންނަށް ކެންޕެއިން ކުރާ ފަރާތްތަކުންވެސް އިންތިގާބާ ބެހޭ ގާނޫނާއި އަދި އެހެނިހެން ގާނޫނުތަކާ ހިލާފު ނުވާނޭހެން ކެންޕެއިން ކުރުމަށާއި ސިޔާސީ ހަރަކާތްތައް ހިންގުމަށް ވަނީ ގޮވާލާފައެވެ.

އަދި އިންތިހާބުގައި ވޯޓު ދޭއިރު ނުފޫޒާއި ފިއްތުންތަކަށް ބޯ ނުލަނބައި ގާނޫނުން ކަށަވަރު ކޮށްދީފައިވާ އަމިއްލަ އިހްތިޔާރުގައި ވޯޓު ލުމުގެ ހައްގު އަމާނާތްތެރިކަމާއެކު ބޭނުން ކުރުމަށް އެމްއާރްއެމުން ވަނީ ގޮވާލާފައެވެ. ވޯޓު ދިނުމުގައި ވަގުތީ ގޮތުން ލިބޭ ފައިދާގެ ބަދަލުގައި ރައްޔިތުންނަށް ފައިދާވާނެ ސިޔާސަތުތައް ހުށަހަޅާ އެ ސިޔާސަތުތައް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގެ ގާބިލްކަން ހުރި ކެނޑިޑޭޓުންނަށް ވޯޓު ދިނުމަށްވެސް އެ ޕާޓީން ގޮވާލާފައިވެއެވެ.

އަދި ކެންޕެއިންގެ ދުވަސްވަރު ގާނޫނާ ހިލާފު ކަންކަން ނުހިނގާކަން ކަށަވަރުކޮށް ކުރިއަށް އޮތް އިންތިހާބަކީ އިންސާފުވެރި ސައްހަ އިންތިހާބަކަށް ހެދުމަށް އިލްކްޝަންސް ކޮމިޝަނާއި ކަމާއި ގުޅޭ މިނިވަން މުއައްސަސާތައްވެސް ޒިންމާދާރު ކަމާއި ގާނޫނުން ލިއްބައިދީފައިވާ ފުރިހަމަ ބާރާއިއެކު މަސައްކަތް ކޮށް ދިނުމަށްވެސް އެޕާޓީން ވަނީ އެދިފައެވެ.