ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ތާއީދު ކުރުމަށް ސަރުކާރު ކޯލިޝަންގައި އޮތް އަދާލަތު ޕާޓީން ނިންމައިފި އެވެ.
އަދާލަތުން މިއަދު ބުނީ އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ކޮށްދެއްވުމަށް ރައީސް ސޯލިހް އެ ޕާޓީގައި އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ތިން ވަނަ ދައުރުގެ 10 ވަނަ ޖަލްސާގެ އަޣުލަބިއްޔަތުން އެގޮތަށް ފާސްކޮށްފައިވާ ކަމަށެވެ.
އެ ގޮތަށް ނިންމި ސަބަބުތައްވެސް އެ ޕާޓީން ވަނީ ސާފުކޮށްދީފައެވެ. އެގޮތުން 2008 ވަނަ އަހަރު ފާސްކުރެވުނު ގާނޫނު އަސާސީގެ ހަޔާތުގައި މިހާތަނަށް އުފެދުނު ސަރުކާރުތަކަށް ބަލާއިރު މި ސަރުކާރުގައި އަމާން ސުލްހަވެރި މުޖްތަމައެއް ގާއިމްކޮށް ސިޔާސީ ހަލަބޮލިކަން ކުޑަކޮށް ކޮވިޑް 19 ގެ އާލަމީ ވަބާއާ އެކު މެދުވެރިވި އިގްތިސާދީ ދަތިތަކާއެކުވެސް ދިވެހިރާއްޖޭގެ އިގްތިސާދު ހަރުދަނާކޮށް އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ފަދައިން ގިނަ ޕާޓީއެކުލެވޭ ކޯލިޝަން ސަރުކާރެއް ކާމިޔާބުކަމާއެކު ހިންގަވާ ކަން ވަނީ ފާހަގަކޮށްފައެވެ.
އަދި ދިވެހިރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތަށް ބޮޑު ގޮންޖެހުމެއް ދިމާވެދާނެ ކަމަށް ފާހަގަކުރެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ އަރިހުގައި އަދާލަތު ޕާޓީއިން ކަންބޮޑުވުން ފާޅުކުރި ކޮންމެ ކަމެއްގައި މިއަދާ ހަމަޔަށް އެކަށީގެންވާ ހައްލު ހޯދުމަށް މަސައްކަތް ކުރައްވާފައިވާ ކަމަށާ ގައުމުގައި ސުލްހަ މަސަލަސްކަން ގާއިމްކޮށް އަމާން ވެއްޓެއް ކަށަވަރު ކުރުމަށް ހަރުދަނާ މަސައްކަތް ތަކެއް ކުރެވި މުޖްތަމައަށް ދިމާވެފައިވާ އެންމެ ބޮޑު ވަބާ ކަމަށްވާ މަސްތުވާތަކެއްޗާއި ގޭންގު ކުށްތައް ހުއްޓުވުމަށް މިހާތަނަށް ދައުލަތުގެ ފަރާތުން ދުވަހަކުވެސް މަސައްކަތް ނުކުރާ މިންވަރަށް ސަރުކާރުން މަސައްކަތް ކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.