ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ހިސާބު ޖައްސަވާފައިވާ ކަމަށާއި އިންތިހާބު ކާމިޔާބު ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
"ވަރަށް ހިސާބު ޖަހައިފިން،" މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ އެމްޑީޕީ އާއި އަދާލަތު ޕާޓީގެ އިތުރުން އެމްޑީއޭއެކުގައި ރައީސް ސޯލިހް ދެވަނަ ދައުރަކަށް ހޮވުމަށް ހިތްވަރާއެކު މަސައްކަތްކޮށްފި ނަމަ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ބާއްވާ އިންތިހާބުން 51.2 ޕަސަންޓަށްވުރެ މަތިން ރައީސް ސޯލިހް ކާމިޔާބު ކުރައްވާނެ ކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހްއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީ އާއި އެމްޑީއޭ ވަނީ ނިންމާފަ އެވެ.
މިނިސްޓަރު އިމްރާން މިހެން ވިދާޅުވިއިރު ސަރުކާރު ކޯލިޝަންގައި މިހާރު އޮތް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކައުންސިލުން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓަކު ވާދަކުރަން ފާސްކޮށްފަ އެވެ.
ޖުމްހޫރީ ޕާޓީގެ ކައުންސިލުން މިގޮތަށް ނިންމާފައި މިވަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު ނެރެ، ޕާޓީން އިސްވެ އޮވެ ކޯލިޝަން ހެދުމަށް މިދިޔަ މަހު ބޭއްވި އެ ޕާޓީ ގައުމީ ކޮންފަރެންސްގައި ޕާޓީގެ ކައުންސިލަށް ލަފާ ދީފައި ވަނިކޮށެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ހުރިހާ ބޭފުޅުންނަށްވެސް ކުރިމަތިލެވޭ ގޮތަށް ޖޭޕީގެ އަސާސީ ގަވާއިދު މިހާރު ވަނީ އިސްލާހުކޮށްފަ އެވެ. އޭރުން ޖޭޕީގެ ޓިކެޓު ބޭނުންވާ ބޭފުޅުން ކަނޑައަޅާނީ ޖޭޕީގެ ކައުންސިލްގައި ވޯޓުލައިގެންނެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާނު ކުރައްވާފައިވަނީ އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމުގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އާއި ކުރީގެ ބަންޑާރަަ ނައިބު ޑރ. މުހައްމަދު މުނައްވަރު އެވެ.
ޕީޕީއެމްގެ ރިޔާސީ ޓިކެޓް ވަނީ ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށްފަ އެވެ. އެކަމަކު އެމަނިކުފާނަށް 11 އަހަރުގެ ހުކުމެއް އިއްވާފައިވާތީ މިވަގުތު އެމަނިކުފާނަށް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުުރުމުގެ ދޮރު ބަންދުވެފަ އެވެ.