ދުނިޔެ

މާކޯސްއާ ގުޅުން ހުރި 300 ޓްވިޓަރު އެކައުންޓް ބަންދުކޮށްފި

ފިލިޕީންސްގައި ދިގު މުއްދަތެއްގައި ވެރިކަން ކުރެއްވި ފާޑިނަންޑް މާކޯސްއާ ގުޅުން ހުރި 300 އެކައުންޓް ޓްވިޓާއިން ބަންދު ކޮށްފި އެވެ.

ޓްވިޓާއިން މި އެކައުންޓްތައް ބަންދު ކުރީ މި އަހަރު މޭގައި އޮންނަ ރިޔާސީ އިންތިހާބުގައި މާކޯސްގެ ފިރިހެންދަރި، އާންމު ނަމުން ނަމަ ފާޑިނަންޑް މާކޯސް ޖޫނިއާ ވާދަ ކުރައްވަން ހަމަޖެހި ވަނިކޮށެވެ.

ޓްވިޓާއިން ބުނީ ފާޑިނަންޑް މާކޯސް ތަމްސީލްވާ ގޮތަށް އެކައުންޓްތަކުން ފަތުރާ މައުލޫމާތު ޓްވީޓަރުގެ ހަމަތަކަށް ނުފެތޭ ކަމަށެވެ. އަދި އެ އެކައުންޓްތަކުން ނާޖާއިޒު ފައިދާ ނަގައި ސަޕޯޓަރުން ދިރުވަން ކުރާ މަސައްކަތްތަކުން ދެން ތިބި ކެނޑިޑޭޓުންނަށް ގެއްލުންވާނެތީ ކަމަށެވެ.

މާކޯސް ޖޫނިއާގެ ވިސްނުމަކީ އާއިލާ ވެރިކަމުގައި އޮތް ދުވަސްވަރު ފައިދާ ލިބިގެންފައި ތިބި އެތައް މިލިއަން ސަޕޯޓަރުން އެއްތަން ކުރުވުން ކަމަށް ބުނެވެ އެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ފިލިޕީންސްގައި ބަޔަކަށް ނުހިންގޭ ވަރުގެ ކެމްޕޭނެއް މާކޯސް ޖޫނިއާ ފަށާފައިވާ ކަމަށް ވެސް ބުނެވެ އެވެ.

ޓްވިޓަރު މެނޭޖްމަންޓުން އޭއެފްޕީއަށް ބުނި ގޮތުން ބަންދުކުރި އެކައުންޓައް ދެން ބޭނުމެއް ނުކުރެވޭނެ އެވެ. ރިޔާސީ އިންތިހާބު ނިމެންދެން ކެނޑިޑޭޓުންގެ ހަރަކާތްތައް ޓްވިޓާއިން ބަލާނެ ކަމަށް ވެސް އޭއެފްޕީ ރިޕޯޓްކުރެ އެވެ.

ފިލިޕީންސްގައި ޓްވީޓާ އަކީ ވަރަށް މަޝްހޫރު ނެޓްވޯކެކެވެ. އާންމުންގެ ތެރޭގައި ކަމަކަށް އޮންނަނީ ޓްވީޓާ މެދުވެރިކޮށް މީހުންނަށް މަލާމާތްކުރުމާއި ދޮގު ޚަބަރު ފެތުރުމެވެ.

މާކޯސް ޖޫނިއަރުގެ ތަރުޖަމާން ވިދާޅުވި ގޮތުން ޓްވީޓާއިން ބަންދުކުރި އެކައުންޓްތަކުގެ ތަފްސީލް އޭނާއަކަށް ނޭނގެ އެވެ. އަދި އެއީ ޖޫނިއަރު ބޭނުންކުރާ އެކައުންޓްތަކެއް ކަމެއް ވެސް ނޭނގެ އެވެ.

އެހެން ނަމަވެސް އޭނާ ވިދާޅުވީ ސޯޝަލް މީޑިއާއިން ކެމްޕޭނަށް ފުރުސަތު ހޯއްދަވާނެ ކަމަށާއި ހުޅުވިފައި އޮތް މިންގަނޑުގައި ހަރަކާތްތެރިވާނެ ކަމަށެވެ.