އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެންބަރު ކަމުން ދީނީ އިލްމުވެރިޔާ އައްޝައިހް އަލީ ޒައިދު އިސްތިއުފާ ދެއްވައިފި އެވެ.
ޝައިހް ޒައިދު ވަނީ ޓްވިޓާ މެދުވެރިކުރައްވާ އެކަން އިއުލާނު ކުރައްވާފައެވެ. އެ ޓްވީޓްގައި ވިދާޅުވީ މިއަދުން ފެށިގެން އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު ކަމުން އިސްތިއުފާ ދީފައިވާ ކަމަށެވެ. އަދި އިލްމުވެރިންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް އާއި އެހެނިހެން މެމްބަރުން އޭނާއާމެދު އަމަލު ކޮށްދެއްވާފައިވާ ގާތްކަމާއި އޯގާތެރިކަމަށްޓަކައި ޝުކުރު އަދާކޮށްފައިވެއެވެ.
އިސްތިއުފާ ދެއްވި ވަކި ސަބަބެއް ވިދާޅެއް ނުވެއެވެ. ނަމަވެސް އޭނާގެ އިސްތިއުފާ އައިސްފައި މިވަނީ ކުރިއަށް އޮތް ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި އަދާލަތުގެ ތާއީދު އެމްޑީޕީގެ ކެންޑިޑޭޓަށް ދީފައި ވަނިކޮށެވެ. އަދާލަތުގެ މި ނިންމުން އައުމުގެ ކުރީން ޒައިދު ވަނީ އެމްޑީޕީއަށް ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ޒައިދު ފާހަގަ ކުރެވިފައިވަނީ މި ސަރުކާރުގެ ސިޔާސަތުތައް ދިފާއުކޮށް ސަރުކާރަށް އަމާޒުވާ ފާޑުކިޔުންތަކުގެ ދިފާއުގައި ތެދުވެވަޑައިގަންނަވާ އިލްމުވެރިއެއްގެ ގޮތުގައެވެ. އެކަމާއި ގުޅިގެން އިދިކޮޅު ޕާޓީތަކުގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެއެވެ. އާންމުންގެ ބޮޑު ފާޑުކިޔުމެއްވެސް އަމާޒުވިއެވެ.
ނަމަވެސް ދީނީ މައްސަލަތަކުގައި އަބަދުވެސް ޒައިދު ގެންދެވީ ކަން އޮތްގޮތް ސާފުކޮށް ދެއްވާ އެ ގޮތެއްގައި ސާބިތުވެ ހިފަހައްޓަވަމުންނެވެ.
އިމްރާންގެ ރައީސް ކަމުގައި އަދާލަތު ޕާޓީ ހިންގަވާ ގޮތާމެދު ހިތްހަމަނުޖެހި ޕާޓީގެ އިސް ސަފުގައި ތިއްބެވި ވަރަށް ގިނަ ބޭފުޅުން މިހާރު ތިއްބެވީ ދުރުގައެވެ. ޑރ. އަނާރާ ނައީމް އާއި ޝިދާތާ ޝަރީފް ފަދަ އެ ޕާޓީން އެންމެ ފާހަގަކޮށްލެވުނު ބޭފުޅުން ވަނީ ޕާޓީން ވަކިވެވަޑައިގެންފައެވެ.