އަދާލަތު ޕާޓީގެ ތަޖުރިބާ ރާއްޖޭގެ ސިޔާސީ މަސްރަހަށް ނުހަނު މުހިއްމު ކަމަށް އެންމެ ބޮޑު އިދިކޮޅު ޕާޓީ -- އެމްޑީޕީން ބުނެފި އެވެ.
މިއަދަކީ އަދާލަތު ޕާޓީގެ 19 ވަނަ އަހަރީ ދުވަހެވެ. އެ ޕާޓީ ސިޔާސީ ޕާޓީތަކުގެ ލިސްޓްގައި ދަފްތަރު ކުރީ އޮގަސްޓް 18، 2005 ގައެވެ. އެހެންކަމުން އަދާލަތު ޕާޓީއަކީ މިވަގުތު ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނޭ 11 ޕާޓީގެ ތެރެއިން އެމްޑީޕީއަށް ފަހު އެންމެ ދޮށީ ޕާޓީ އެވެ.
އަދާލަތު ޕާޓީގެ އަހަރީ ދުވަހާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވޭތުވެދިޔަ މުއްދަތުގައި އަދާލަތު ޕާޓީން ސާބިތުކޮށްދިނީ ސިޔާސީ ޕާޓީތަކަށް ރާއްޖޭގެ ސިޔާސީ މައިދާނުގައި އޮތް މުހިއްމު ކަން ކަމަށެވެ.
"ރާއްޖޭގައި މެދުނުކެނޑި ދެމިއޮތް ދެވަނައަށް އެންމެ ދޮށީ ސިޔާސީ ޕާޓީގެ ހައިސިއްޔަތުން އަދާލަތުގެ ތަޖުރިބާ ރާއްޖޭގެ ސިޔާސީ މަސްރަހަށް ނުހަނު މުހިއްމު،" ފައްޔާޒު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އިސްލާހީ ދަތުރުގައި އަދާލަތު ޕާޓީއަކީ އެމްޑީޕީގެ އަދި ދިވެހި ރައްޔިތުންގެވެސް ވަރަށް މުހިއްމު ބައިވެރިއެއް ކަމަށެވެ.
"ވޭތުވެދިޔަ 10 ވަރަކަށް އަހަރުގެ އަޅުގަނޑުގެ ތަޖުރިބާގައި އަދާލަތު ޕާޓީއަކީ ސިޔަސީ މަސައްކަތުގައި އިތުބާރު ކުރެވޭ ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރެވުނު މަސައްކަތުގެ އިހްލާސްތެރި ބައިވެރިއެއް،" ފައްޔާޒު ވިދާޅުވި އެވެ.
އަދާލަތު ޕާޓީގެ 19 ވަނަ އަހަރީ ދުވަހާ ގުޅިގެން އެ ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ވިދާޅުވީ ގައުމަށް ބޮޑުކަމެއް ދިމާވާ ކޮންމެ ހިނދެއްގައި އެންމެ ކުރީ ސަފުގައި އަބަދުވެސް އަދާލަތު ޕާޓީ އޮންނާނެ ކަމަށެވެ.