ޑޮކްޓަރީ ބޭހުގެ އަގު ކޮންޓްރޯލް ކުރުން ފަސްކޮށްފި އެވެ.
ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށް މިދިޔަ ނޮވެމްބަރު މަހު ހެލްތް މިނިސްޓްރީން ނެރުނު ގަވައިދު އަލުން އިސްލާހުކޮށް ނެރުނު ގަވައިދުގައި ބުނެފައިވަނީ އަސާސީ ބޭސްތައް ކޮންޓްރޯލް އަގުގައި ވިއްކަން ޖެހެނީ އަންނަ މާޗް މަހުން ފެށިގެން ކަމަށެވެ.
ގަވައިދުގައި ކުރިން އޮތީ ބޭހުގެ އަގު ކޮންޓްރޯލްކޮށް މިމަހު އެކަން ހާމަކުރުމަށެވެ.
އަސާސީ ބޭސްތަކުގެ ލިސްޓާއި އޭގެ އަގު މާޗް މަހުން ފެށިގެން ސަރުކާރުން އާންމު ކުރަން ޖެހޭއިރު، ބޭސްތައް ވިއްކާ އަގުތައް ފާމަސީތަކުގައި ފެންނަ ގޮތަށް ބަހައްޓަން ޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.
އަސާސީ ބޭސްތައް ފިޔަވައި ދެން ހުރި ބާވަތުގެ ބޭސްތަކުގެ އަގު ކޮންޓްރޯލްކުރާނީ ކުރިން ވެސް ގަވާއިދުގައި އޮތްގޮތަށް މި އަހަރުގެ ޖުލައި މަހުން ފެށިގެން ކަމަށް ވެސް ބުނެފައި ވެއެވެ.
ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށް ކުރިން ނެރުނު ގަވާއިދު ބުނާގޮތުން، ބޭސްތައް ވިއްކޭނީ އެންމެ ބޮޑުވެގެން ކޮސްޓް ޕްރައިސްގެ 100 ޕަސެންޓަށްވާ އަގަށެވެ.
އަސާސީ ބޭސްތަކުގެ އަގު މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކޮންޓްރޯލް ކުރުމަށް ފަހު އަންނަ ޖުލައި މަހުން ފެށިގެން ދެން ހުރި ބޭސްތަކުގެ އަގު ވެސް ކޮންޓްރޯލް ކުރަން ގަވައިދުގައި ހިމަނާފައިވެ އެވެ.