ރަތަފަންދޫ

ދެ ކައުންސިލަކުން ފަޅު ރަށްތަކެއް ކުއްޔަށް ދޫކުރަނީ

Jan 24, 2022
1

އދ. އަތޮޅު ކައުންސިލާއި ގދ. ރަތަފަންދޫ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައިވާ ރަށްތަކެއް ކުއްޔަށް ދޫކުރަން ނިންމައިފި އެވެ.

އދ. އަތޮޅު ކައުންސިލުން ކުއްޔަށް ދޭން ނިންމާފައިވަނީ އެ އަތޮޅު ހުރަސްދު އާއި ލޮނުބުއި އެވެ.

ރަތަފަންދޫ ކައުންސިލުން ކުއްޔަށް ދޭން ނިންމާފައިވަނީ ފާހުއްޓާއި، މޭރަގިއްލާ އާއި، ދޯނިގިއްލާ އާއި ދެރުކުރެހާގެ އިތުރުން ކެރެއްދުވާ އެވެ.

ހުރަސްދު އަކީ ސަރުކާރުން މީގެ 16 އަހަރު ކުރިން ހިމާޔަތްކޮށްފައިވާ ރަށްތަކުގެ ލިސްޓުގައި ވެސް ހިމެނޭ ރަށެކެވެ. އދ. އަތޮޅު ކައުންސިލުން ހުރަސްދު އާއި ލޮނުބުއި ކުއްޔަށް ދޭން ނިންމާފައިވަނީ 20 އަހަރަށެވެ. ރަށް ކުއްޔަށް ނަގައި ފަރާތުން އެ ދެ ރަށުން މާލީ މަންފާ ހޯދުމަށް މަސައްކަތެއް ކުރުމަށް ހުއްދަ ދޭން ނިންމާފައިވެ އެވެ. އަދި އެ ދެ ރަށަށް އާންމުންނަށް ޕިކްނިކް ދެވޭ ގޮތަށް ރަށް ބަަލަހައްޓާ ސާފުކުރަންވެސް ޖެހެ އެވެ.

ރަފަތަންދޫ ކައުންސިލުން ކޮންމެ ރަށެއް ވެސް ކުއްޔަށް ދޫކުރަން ނިންމާފައިވަނީ ކޮންމެ ރަށެއް ވަކިވަކި ފަރާތްތަކަށް އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. އެ ފަސް ރަށް ވެސް ކުއްޔަށް ދޫކުރަނީ އެ ރަށްތައް ކުއްޔަށް ނަގާ ފަރާތްތަކަށް މާލީ މަންފާ ހޯދޭ ގޮތަށް އަދި އެ ރަށްތަކަށް ޕިކްނިކް ދެވޭ ގޮތަށެވެ.

އދ. އަތޮޅު ކައުންސިލާއި ގދ. ރަތަފަންދޫ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައިވާ ރަށްތައް ކުއްޔަށް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހު 31ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހެ އެވެ.

ބައެއް ކައުންސިލްތަކުގެ އިހްތިސާސްގައިވާ ފަޅު ރަށްތައް ކުއްޔަށް ދޫކުރަނީ ކައުންސިލްތަކަށް ސީދާ އެ ރަށްތައް ބަލަހައްޓަން އުދަނގޫތަކެއް ހުރުމުން ކައުންސިލަށް އާމްދަނީއެއް ލިބޭ ގޮތަށް ކަމަށް ފަޅު ރަށްތައް ކުއްޔަށް ދޫކުރާ ކައުންސިލް ތަކުން ބުނެ އެވެ.