ދުނިޔެ

ސައުދު ހަރީރީ ސިޔާސީ މަސައްކަތްތަކާ ދުރަށް

ލުބްނާންގެ ސިޔާސީ މަޝްރަހު އޮތީ ގައުމަށް ހެޔޮ ބަދަލެއް ގެނެވޭ ހާލަތުގައި ނޫން ކަމަށް ލުބްނާންގެ ކުރީގެ ބޮޑުވަޒީރު ސައުދު ހަރީރީ ވިދާޅުވެއްޖެ އެވެ.

ޓީވީ މެދުވެރިކޮށް ދުރަށް ދެއްކި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައުދު ހަރީރީ ވަނީ ސިޔާސީ މަސައްކަތްތަކުން ދުރަށް ވަޑައިގެންނެވިކަން އިއުލާން ކުރައްވާފަ އެވެ.

ލުބްނާންގައި ކުރިއަށް އޮތް އާންމު އިންތިހާބުގައި ވާދަނުކުރައްވާނެ ކަމަށް ވެސް ހަރީރީ ވިދާޅުވި އެވެ.

ހަރީރީ ވިދާޅުވި ގޮތުން ގައުމު މާބޮޑަށް ބީރައްޓެހި ވެއްޖެ އެވެ. އޭނާ ވިދާޅުވީ ވަތަންގައި މިހާރު ރޫހެއް ނެތް ކަމަށެވެ.

އީރާންގެ ނުފޫޒު ލުބްނާންގައި އޮތީ ބިރުގަންނަ ވަރަށް ކަމަށްވެސް ވިދާޅުވި އެވެ. ގައުމު ބައިބައިވެފައި އޮތުމާއި ބޭރާ ގުޅުން ކެނޑިފައި އޮތުމުގެ ސަބަބުން ވެރިކަން ކުރުން ދަންމަޅިއަކަށް ވެއްޖެ ކަމަށް ވިދާޅުވި އެވެ.

ސައުދު ވިދާޅުވީ ސަރުކާރަށް ނުފޫޒު ފޯރުވާ ބައެއްގެ ސަބަބުން ގައުމު އޮތީ މިސްރާބު ގެއްލިފައި ކަމަށާއި އަދި ދައުލަތް އޮތީ ހާވިޔާވެފައި ކަމަށެވެ.

ލުބްނާނަށް ސިޔާސީ ގޮތުން ބަދަލެއް ގެނެވެން ނެތް ކަމަށް ވިދާޅުވެ އޭނާ ވަނީ މިއަހަރު މެއި 25 ގައި އޮންނަ އާންމު އިންތިހާބުގައި އޭނާގެ ޕާޓީ ބައިވެރި ނުވުމަށް ވެސް ގޮވާލައްވާފަ އެވެ.

ސައުދު ހަރީރީ ލުބްނާންގެ ސިޔާސީ މަޝްރަހަށް ނުކުމެ ވަޑައިތަކީ 2005 ގައި ބައްޕަ ރަފީގް ހަރީރީ އަވަހާރަކޮށްލުމާ ގުޅިގެންނެވެ. ރަފީގު ހަރީރީ އަވަހާރަކޮށްލުމުގައި ލުބްނާންގައި އުޅޭ ހިޒްބުﷲ ޖަމާއަތާ ގުޅުން އޮތްކަން ވަނީ ސާބިތުވެފަ އެވެ. މިކަމުގައި އީރާންގެ އަތެއް އޮތުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ބުނެވެ އެވެ.

ލުބްނާންގައި ތިން ފަހަރު ބޮޑުވަޒީރުކަން ކުރައްވާފައިވާ ސައުދު ހަރީރީ އަކީ އެގައުމުގައި ގަދަރުވެރި ސަޚުސިއްޔަތެކެވެ. އަރަބި ގައުމުތަކާއި ޔޫރަޕާ ގުޅުން ބޮޑު ބޭފުޅުކެވެ. ބަސްމޮށުން ތެރިކަމުގައި އަރާހުންނެވި، އަރަބި އަދި ފްރާންސް ބަހަށް ފަރިތަ ބޭފުޅެކެވެ.

ލުބްނާންގައި ސަރުކާރެއް އެކުލަވާ ލެއްވުމަށް އެގައުމުގެ ރައީސް މިޝޭލް އައުން ދެއްވި ފުރުސަތުގައި ހަރީރީއަށް ވަނީ އެދެވޭ ކެބިނެޓެއް އެކުލަވާ ނުލެވިފަ އެވެ. ސަބަބެއް ކަމަށް ބެލެވެނީ ހަރީރީ ބޭނުންފުޅުވާ ގޮތަށް ކެބިނެޓް އެކުލަވާލުމަށް ރައީސް ރުހުން ނުދެއްވުމެވެ.

ހަރީރީ ބޭނުންފުޅުވާ ގޮތަށް ލުބްނާން ހިންގުމަކީ ރައީސް މިޝޭލް އައުން ބޭނުންފުޅުވާ ގޮތެއް ނޫނެވެ. އެހެން ނަމަވެސް ހަރީރީއަށް ވުރެ ބައިނަލްއަގްވާމީ މަޝްރަހުގައި ތާއީދު އޮތް ބޭފުޅަކު މިވަގުތު ލުބްނާންގެ ސިޔަސީ މައިދާނަކު ނެތެވެ.