ކުރިން ޕްރެޒިޑެންޓް އޮފް މޯލްޑިވްސް އިންވިޓޭޝަނަލް ސޮކާ ކަޕް (ޕޮމިސް ކަޕް)ގެ ނަމުގައި ބާއްވަމުންދިޔަ މުބާރާތް ރީބްރޭންޑްކޮށް، މި އަހަރުން ފެށިގެން ގަވައިދުން މުބާރާތް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ. އަދި ޕޮމިސް ކަޕްގެ އިންތިޒާމް ކޮމެޓީގެ ޗެއާމަނަކަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް ހަމަޖައްސައިފި އެވެ.
ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާ މުބާރާތުގެ ގުރު ނެގުމަށް ޓީވީ މޯލްޑިވްސްގައި މި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕޮމިސް ކަޕްގެ އިންތިޒާމް ކޮމެޓީގެ ޗެއާމަން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް ވިދާޅުވީ މި އަހަރުން ފެށިގެން ޕޮމިސް ކަޕްގެ ނަން، ޕީޕަލް އޮފް މޯލްޑިވްސް އިންވިޓޭޝަނަލް ސޮކާ ކަޕް އަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.
"ރައީސްގެ އިރުޝާދުގެ ދަށުން، ރައީސް ބޭނުންވަނީ ޕޮމިސް ކަޕް އެއީ ޕްރެޒިޑެންޓް އޮފް މޯލްޑިވްސް އިންވިޓޭޝަނަލް ކަޕްގެ ބަދަލުގައި ޕީޕަލްސް އޮފް މޯލްޑިވްސް މޯލްޑިވްސް، ދިވެހިރާއްޖޭގެ ރައްޔިތުންގެ އިންވިޓޭޝަނަލް ކަޕް އަކަށް ހަދައި ކޮންމެ އަހަރަކު ވެސް އެ މުބާރާތް ކުރިއަށް ދިއުން،" އަދީބް ވިދާޅުވި އެވެ.
ޕޮމިސް ކަޕް އަކީ ރާއްޖޭން ބޭރުގެ ޓީމުތައް ބައިވެރިކޮށްގެން 1987 ވަނަ އަހަރު ތައާރަފްކުރި މުބާރާތެކެވެ. މިއީ ރާއްޖޭގައި ބޭއްވި ފުރަތަމަ ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތެވެ. މި މުބާރާތް ގަވައިދުން ބާއްވަމުންދިޔަ ނަމަވެސް ، 2003 ވަނަ އަހަރުން ފެށިގެން މި މުބާރާތް އޮތީ ހުއްޓިފަ އެވެ.
އަދީބް ވިދާޅުވީ މި އަހަރު ފާހަގަކުރާ ރާއްޖޭގެ 50 ވަނަ މިނިވަން ދުވަހާ ގުޅުވައިގެން، ގައުމީ ޓީމުތައް ބައިވެރިކޮށްގެން ރައީސުލްޖުމްހޫރިއްޔާގެ އިންވިޓޭޝަނަލް މުބާރާތެއް ބޭއްވުމަށް ރައީސް ޔާމީން ނިންމަވާފައިވާ ކަމަށެވެ.
"ރައީސްގެ އިންވިޓޭޝަނަލް ކަޕްް ދެން ކުޅޭވޭނީ ގައުމީ ޓީމުތަކުގެ މުބާރާތެއްގެ ގޮތުގައި،" އަދީބު ވިދާޅުވި އެވެ.
އެގާރަ އަހަރަށް ފަހު އަލުން ބާއްވާ ޕޮމިސް ކަޕްގައި ވާޑަކުރާނީ ނިއު ރޭޑިއަންޓާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ކުޅެމުންދާ މެލޭޝިއާގެ ޕީޑީއާރްއެމް އަދި ސިންގަޕޫރުގެ ސިންގަޕޯ ލަޔަންސް އެވެ.