ދެ ގައުމަށް ފައިދާވާ ކަންކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެކު ކުރިއަށް ވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެ އެވެ.
ޝީ މިހެން ވިދާޅުވީ ރައީސް ސޯލިހު ކޮވިޑަށް ޕޮޒިޓިވްވި ހަބަރު ލިބިވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށް އަވަސް ޝިފާ އަކަށް އެދިވަޑައިގެން މިއަދު ފޮނުއްވި މެސެޖެއްގަ އެވެ.
ޝީގެ މެސެޖުގައި ވިދާޅުވީ ކޮވިޑް 19ގެ ބަލިމަޑުކަން ފެށުނީއްސުރެ ކުރިމަތިވި އުދަގޫ ހާލަތްތަކުން އަރައިގަތުމަށް ރާއްޖެ އާއި ޗައިނާ އިން އެއް ގައުމުން އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ކޮވިޑް-19ގެ އުދަގުލުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި ޗައިނާ އިން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމަށެވެ.
ޝީ އިތުރަށް ވިދާޅުވީ ޗައިނާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށެވެ. އަދި ދެ ގައުމަށްވެސް ފައިދާ ހުރި ކަންކަމުގައި ރައީސް ސޯލިހާ އެކު ކުރިއަށް ވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމުގެ ޔަގީންކަން ވެސް ދެއްވާފައިވެ އެވެ.
ރައީސް ސޯލިހް ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ މެސެޖެއް ފޮނުއްވާފަ އެވެ. މޯދީގެ މެސެޖުގައި ވެސް ވިދާޅުވީ ރައީސް ސޯލިހު ކުރައްވާ މަސައްކަތްޕުޅުގައި އަބަދުވެސް އިންޑިއާގެ އެހީތެރިކަން ލިބޭނެ ކަމަށެވެ.
ރައީސް ސޯލިހް ކޮވިޑަށް ޕޮޒިޓިވްކަން އެނގިވަޑައިގަތީ މިދިޔަ ހޮނިހިރު ދުވަހު ށ. ކޮމަންޑޫ އަށް ދަތުރުކުރެއްވުމަށް ނިންމަވާ މިދިޔަ ހުކުރު ދުވަހުގެ ރޭ ޕީސީއާރް ޓެސްޓް ހެއްދެވުމުންނެވެ. ކޮވިޑަށް ޕޮޒިޓިވްވީ ނަމަވެސް ހާލުކޮޅު ރަނގަޅު ކަމަށާއި މިވަގުތު ހުންނެވީ ގޭގައި އެކަހެރިވެވަޑައިގެން ކަމަށްވެސް ރައީސް ސޯލިހް ވިދާޅުވި އެވެ.
ރައީސް ވަނީ ކޮވިޑުން ދިފާއުވުމަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރައްވާ މިމަހުގެ ދެވަނަ ހަފްތާގެ ތެރޭގައި ބޫސްޓާ ޑޯޒް ވެސް ޖައްސަވާފަ އެވެ.
ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން ހާމަކުރައްވާ ރައީސް ކުރެއްވި ޓްވީޓާއި ގުޅިގެން ވަރަށް ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ހެޔޮ އެދުމުގެ މެސެޖްތައް ފޮނުއްވާފަ އެވެ.