ކޮވިޑް 19ގެ ވެކްސިން ގައުމުތަކަށް ހަމަހަމަކަމާ އެކު ފޯރުކޮށްދިނުމަށްޓަކައި އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ފައްޓަވާފައިވާ ކެމްޕޭނަށް ޑަބްލިޔުއެޗްއޯގެ ވެރިޔާ -- ޑިރެކްޓާ ޖެނެރަލް ޑރ. ޓެޑްރޯސް ތާއީދު ކުރައްވައިފި އެވެ.
ޑރ. ޓެޑްރޯސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދުނިޔޭގެ އެންމެނަށް ހަމަހަމަކޮށް ވެކްސިން ލިބޭނެ ފުރުސަތު ހޯދައިދިނުމަށް ޝާހިދު ފައްޓަވާފައިވާ މަސައްކަތްތަކަށް މަރުޙަބާ ވިދާޅުވާ ކަމަށެވެ. އެ މަސައްކަތުގައި ޝާހިދުގެ ލީޑަޝިޕަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށްވެސް ހާމަކޮށްފައިވެ އެވެ.
އދގެ އާއްމު މަޖިލީހުގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ދުވަހު އދގެ 193 ގައުމާ މުހާތަބުކުރައްވައި ޝާހިދު އެންމެ ފުރަތަމަ ދެއްވި ތަގުރީރުގައިވެސް ކޮވިޑް-19ގެ ވެކްސިން ދުނިޔޭގެ އެންމެންނަށް ހަމަހަމަ ގޮތެއްގައި ފޯރުކޮށްދިނުމަށް ގޮވާލެއްވި އެވެ.
މިއަހަރުގެ އާ އަހަރުގެ ޝިއާރެއްގެ ގޮތުގައި ޝާހިދު ފެއްޓެވި ވެކްސިން އިކުއިޓީ ކެމްޕޭންގައި ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކާ ޖަމިއްޔާތަކުން ވެސް ގެންދަނީ ބައިވެރިވަމުންނެވެ.
ގައުމުތަކަށް ވެކްސިން ހަމަހަމަކަމާ އެކު ފޯރުކޮށްދިނުމަށް ބާރު އެޅުމުގެ ގޮތުން ޝާހިދު އިސްނަންގަވައިގެން ގައުމުތަކުގެ އެންމެ އިސްވެރިންގެ ފެންވަރުގެ ބައްދަލުވުމެއް އަންނަ މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ވެސް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
ގައުމުތަކަށް ވެކްސިން ހަމަހަމަކަމާ އެކު ފޯރުކޮށްދިނުމަށް ޝާހިދު ހާއްސަ ކެމްޕޭނެއް ފެއްޓެވި ނަމަވެސް ވެކްސިން އުފައްދާ ގައުމުތަކަށް އެ މަސައްކަތް އެކަށީގެންވާ ގޮތަކަށް ނުކުރެވޭތީ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގައި އަދިވެސް ބޮޑެތި ދަތިތަކެއް ހުރި ކަމަށް ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ބުނެ އެވެ.