ބުރާސްފަތި ދުވަހު ފަށާ ޕޮމިސް ކަޕް ހުޅުވާ މެޗުގައި ދިވެހި ލީގުގެ ޗެމްޕިއަން ނިއު ރޭޑިއަންޓާއި، ނިއުގެ ކުރީގެ ކުޅުންތެރިއާ އަލީ އަޝްފާގް (ދަގަނޑޭ) މިހާރު ކުޅެމުންދާ މެލޭޝިއާގެ ޕީޑީއާރްއެމްއާ ކުރިމަތިލާން ޖެހިއްޖެ އެވެ. މި ގޮތަށް ހަމަޖެހުނީ މިއަދު މެންދުރު ފަހު ޓީވީ މޯލްޑިވްސްގައި އޮތް މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތުގަ އެވެ.
މި މުބާރާތް ހުޅުވާ މެޗުގައި ޕީޑީއާރްއެމް އާއި ނިއު ބައްދަލުކުރާނީ ބުރާސްފަތި ދުވަހު ރޭ އެވެ. ބުރާސްފަތި ދުވަހުގެ ރޭ ކުޅޭ މެޗުން މުބާރާތް ރަސްމީކޮށް ހުޅުވި ނަމަވެސް، ބުރާސްފަތި ދުވަހު ހަވީރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ސިންގަޕޫރުގެ ސިންގަޕޯ ލަޔަންސް ބައްދަލުކުރާނެ އެވެ.
ދަގަނޑޭ 2014 ވަނަ އަހަރު ސީޒަނަށް ޕީޑީއާރްއެމްއާ ގުޅުނީ ނިއު އަށް ދެ އަހަރު ކުޅުމަށް ފަހު އެވެ. އަދި އޭގެ ކުރިން ވެސް ދަގަނޑޭ ވަނީ ނިއު އަށް ކުޅެފަ އެވެ. ނިއު އިން 2013 ވަނަ އަހަރުގެ ސީޒަންގެ ހުރިހާ މުބާރާތެއް، ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ކާމިޔާބުކުރިއިރު، ދަގަނޑޭ ވަނީ އެ ކާމިޔާބީގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
ޕޮމިސް ކަޕްގެ ޝެޑިއުލް:
މާޒިޔާ - ސިންގަޕޯ ލަަޔަންސް (22 ޖެނުއަރީ - 1600)
ނިއު - ޕީޑީއާރްއެމް (22 ޖެނުއަރީ - 2100)
ނިއު - ސިންގަޕޯ ލަޔަންސް (24 ޖެނުއަރީ - 1600)
ޕީޑީއާރްއެމް - މާޒިޔާ (24 ޖެނުއަރީ - 2100)
ނިއު - މާޒިޔާ (26 ޖެނުއަރީ - 1600)
ޕީޑީއާރްއެމް - ލަޔަންސް (26 ޖެނުއަރީ - 2100)
ފައިނަލް މެޗު: 28 ޖެނުއަރީ - 1600
ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރާ އެއް ބުރަށް ފަހު، މުބާރާތުގެ ފައިނަލް އިން ޖާގަ ލިބޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށެވެ.
ޓީވީ މޯލްޑިވްސްގައި މިއަދު އޮތް ރަސްމިއްޔާތުގައި މުބާރާތުގެ ގުރު ނެގީ ކުރީގެ ދެ ކުޅުންތެރިން ކަމަށްވާ އިބްރާހިމް ހަމީދު (ލެއްބެ) އާއި އަބްދުއްޝުކޫރެވެ.