ދިރާގު

އެންމެ ހަލުއި މޮބައިލް ނެޓްވޯކް އެވޯޑް ދިރާގަށް

Jan 31, 2022
2

ސްޕީޑް ޓެސްޓު ހަދާ ކުންފުންޏެއް ކަމަށްވާ އޫކްލާ އިން ރާއްޖޭގެ އެންމެ ހަލުއި މޮބައިލް ނެޓްވޯކްގެ އެވޯޑު ދިރާގަށް ދީފި އެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ސްޕީޑް ޓެސް ހަދާ ކުންފުނި، އޫކްލާގެ އެންމެ ފަހުގެ ސްޕީޑް ޓެސްޓު ރިޕޯޓުން ދައްކާ ގޮތުގައި ދިރާގުން ވަނީ އެންމެ ހަލުއި އަޕްލޯޑް އަދި ޑައުންލޯޑް ސްޕީޑް ހޯދައި ރައްޖޭގެ މޮބައިލް މާކެޓްގެ ލީޑަރުގެ މަގާމު ހޯދާފަ އެވެ.

އޫކްލާގެ ސީއީއޯ ޑަގް ސަޓްލްސް ވިދާޅުވެފައި ވަނީ ސްޕީޑް ޓެސްޓު އެވޯޑްގެ ބައިވެރިންނަކީ ނެޓްވޯކް އޮޕަރޭޓަރުންގެ ތެރެއިން ހޮވާލެވޭ ކާމިޔާބު އޮޕަރޭޓަރުން ކަމަށާއި، މި އެވޯޑް ލިބޭ ފަރާތްތަކަކީ އެ މާކެޓެއް ލީޑްކޮށް ނަގާކިޔޭވަރުގެ އިންޓަނެޓް ހިދުމަތެއް ފޯރު ކޮށްދެމުންދާ ފަރާތްތަކެއް ކަމަށެވެ.

ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ އޫކްލާ ފަދަ ބައިނަލް އަޤްވާމީ މިނިވަން މުވައްސަސާ އަކުން މި ޝަރަފުވެރި އެވޯޑް ލިބުމަކީ ދިރާގަށް ލިބުނު ވަރަށްބޮޑު ޝަރަފެއްކަމަށެވެ.

"ދިރާގު ކަސްޓަމަރުންނަށް ލިބުނު އިތުރު ހިތްހަމަ ޖެހުމެއް. މިއީ ދިރާގުގެ ހީވާގި މުވައްޒިފުން ހިދުމަތްތަށް އެންމެ މަތީ ފެންވަރުގައި ބެހެއްޓުމަށް ކުރަމުންދާ ބުރަ މަސައްކަތުގެ ނަތީޖާ. އަދި ކަސްޓަމަރުން ދިރާގަށް ކުރައްވާ އިތުބާރާ ދިރާގުގެ ހިދުމަތްތަކަށް ދެއްވާ ތަރުޙީބަށް ޝުކުރު އަދާ ކުރަން،" އިސްމާއިލް ވިދާޅުވި އެވެ.

ދިރާގުން ވަނީ މިދިޔަ އަހަރުގެ ފަހު ދެ ކުއާޓާގައި ވަރުގަދަ ޕާފޯމަންސްއެއް ދައްކުވައިދިނުމުގެ އިތުރުން ކަސްޓަމަރުން ހަދާފައިވާ ސްޕީޑް ޓެސްޓުތަކުގެ ނަތީޖާއިން ވެސް ލީޑް ހޯދާފައިފައިކަން އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

ދިރާގުން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި، ރިސޯޓުތައް އަދި ސިނާއީ މަސައްކަތްކުރާ ހުރިހާ ހިސާބުތަކަކަށް 100 ޕަސެންޓް 3ޖީ އަދި 4ޖީ މޮބައިލް ކަވަރޭޖް ފޯރުކޮށްދީފަ އެވެ.