ވާހަކަ

ނިވެމުންދާ ބައްތި

(ބުރާސްފަތި ދުވަހުގެ އަދަދާ ގުޅޭ)

ސައުން ފުރައިގެން ދިޔަ ހިސާބުން އާލިޔާގެ ވިސްނުން ހުރީ ސައުން އެނބުރި އައުމުގެ ކުރިން މީހަކާއި ރައްޓެހި ވުމަށެވެ. އަދި އާލިޔާއަށް ކަމުދާ މީހަކާއި ދިމާވެއްޖެ ނަމަ ވީހާ އަވަހަކަށް ކައިވެނި ވެސް ކުރާ ކަހަލަ ވިސްނުމެއް ގައެވެ. އެހެންނަމަވެސް ބައެއް ފަހަރަށް އެފަދަ ނިންމުމެއް ނިންމުމަކީ މުޅި އުމުރުގައި ހިތާމަކޮށް މަޢާފް ނުލިބޭފަދަ ކުށެއް ކަމުގައި ހީކުރެވެމުން ދިޔައެވެ. ސައުންގެ ކިބައިން ސަލާމަތް ވިޔަސް އާލިޔާގެ ހިތުގައި މިހާރު ނިރުލަމުންދާ ލޯބި ހީނަރުވެ ފަނާ ވެދާނެ ކަން ޚުދު އާލިޔާއަށް އެނގެއެވެ. ލޯބި ނުވާ މީހަކާއެކު މުޅި ދިރިއުޅުން ވޭތު ކުރުމަކީ ލޮލުން ކަރުނަ ހިކުން ނުވާ ހަޔާތެއްގައި ގައިދު ވުން ކަމަށް ދެކުނެވެ. ހަށިގަނޑުގައި ނެތް އެތައް ބައްޔަކަށް ދާއިމީ ބޭހެއް ކެއުން މަޖުބޫރު ވެދާނެ ފަދަ ކަމެއްގެ ގޮތުގައި ގަބޫލު ކުރެވެމުން ދިޔައެވެ. މިފަދަ ނާޒުކު ނިންމުމެއް އާލިޔާގެ އެކަނި ވިސްނުމުން ނިންމަން ވެއްޖެ ނަމަ ފޫނުބެއްދޭނެ ފަދަ އެތައް ދެރައަކާއި ހިތާމައެއް އެތައް ބަޔަކަށް ލިބިގެން ދިއުމަކީ ދުރުގައި ވާކަމެއް ނޫނެވެ.
ވުމާއެކު މިކަމުގައި އާލިޔާ އެކަނިން ގޮތެއް ނިންމަން ދަތިވިއެވެ. އެންމެފަހުން ނިންމީ އާލިޔާގެ ބެސްޓް ފުރެންޑް އުލާއާއި މިކަމާއި މަޝްވަރާ ކުރުމަށެވެ. ދެމީހުން ވާހަކަ ދެއްކުމަށްފަހު ބައްދަލު ވާނެ ވަގުތަކާއި ތަނެއް ކަނޑައެޅިއެވެ. އާލިޔާ ގެއިން ނުކުތީ ރަނގަޅު ނިންމުމަކާއި އެކު އެނބުރި ގެއަށް އައުމުގެ ފޮނި އުއްމީދުގައެވެ. އުލާއަށް އާލިޔާ ފެނުމާ އެކު ދުވެފައި އައިސް ހިފައި ގަތެވެ. އަދި މިހާ ދުވަސްކޮށްފައި ފެނުމުން ހާދަ އުފާވެއްޖެއޭ ބުނެ ދެމީހުން އެކުގައި ވަދެގެން ދިޔައީ ރެސްޓޯރެންޓްގެ މީހުން މަދު ހިސާބުގައި ހުރި ވަކި މޭޒެއްގެ ކައިރިއަށެވެ. އިށީނުމަށް ފަހު ޑްރިންކަކަށް އޯޑަރު ދިނުމަށް ފަހު އެކަކު އަނެކަކުގެ ޝަކުވާތަކާ އެކު ދިރިއުޅުމުގެ ވާހަކަތައް ޙިއްޞާކުރަމުން ދިޔައި އެއްވެސް ފޮރުވުމެއްނެތިއެވެ.

އުލާ: އަހަރެން ހީކުރީ އަންގައި ވެސް ނުލައި މިހާރު އުޅޭނީ ދިރި އުޅުމެއް ފަށައިގެން ކަމަށް. ހާދަ ދުވަހެއް އުމުރުގެ ތިޔަ ބާކީ ކޮށްލަނީ. އަވަހަށް ކައިވެނި ކޮށް އާއިލާ ފުރިހަމަ ކުރޭ! ޒަވާޖީ ހަޔާތަކީ ޒުވާން ދައުރުގައި ފެށިއްޖެ ނަމަ ހާދަ އުފަލެއް ލިބޭ އަގުމާތް ގުޅުމެކޭ. ދިރިއުޅުމުގެ ހަޔާތުގެ އިތުބާރާއި ޔަޤީންކަން ލިބި އެކަކު އަނެކަކުގެ އަޅާލުމާއި އެހީތެރިކަމުގެ ސަބަބުން އެލިބޭ ހިތް ހަމަޖެހުމަކީ ވަރަށް ހިތްގައިމު ތަޖުރިބާއެއް. އޭޖު ކަޓައިފިއްޔާ ދެން ރަނގަޅު މީހަކު ހޯދުމަކީ ވަރަށް ދަތި ކަމަކަށް ވާނެ. ދެން ވަންނަން ޖެހޭނީ ކޮންމެސް ދެމަފިރިއެއްގެ ދޭތެރެއަށް އެދިރިއުޅުން ހަލާކު ކުރި ކަތުރު ފަނީގެ ޒިންމާ އެޅި، އެތައް ބައެއްގެ ބަދު ދުޢާއާ ހުރެ އެ ދިރިއުޅުން ކާމިޔާބެއް ނުވާނެ. މީ ދުނިޔޭން ފެންނަށް ހުރި ހަޤީގަތް. އެހެން ވާކަން އަހަރެންގެ ތިޔަ އެކުވެރިޔާ އަކަށް ނޭދެން. އަހަރެން މީހަކު ހޯދައި ދޭން ވީތަ. ނޫނީ މާގަޔާވާ މީހަކު ހުރީތަ؟ ނުވަތަ މީހަކު ލަނޑެއް ދިނީތަ؟ މަށަށް ނާންގާ ކަންތައް ތަކެއް ކޮށް ނިންމާލީދޯ! ދުރުގައި އުޅެން ޖެހުމުން ގިނަ ކަންތައް ތަކެއް ހިއްޞާ ނުކުރެވި ވާތި ކިޔައި ދޭން ޖެހިލުން ވަނީތަ؟ އޯކޭ! މަށަށް ނަމަވެސް ވާނީ މިވަރު. ދެންވެސް ކިޔައިދީބަލަ! އޭރުން މަށަށް ވެސް ފެންނަ ލަފައެއް ދެވޭނީ.

އާލިޔާ: ތިޔަކީ ކަންތައް ތަކުން އެއްވެސް ކަމެއް ނުވޭ! އެކަމަކު ބައެއް ކަންތައް ތަކާއި ކައިވެނީގެ މައްސަލަ މިވަނީ ނުސިދާކޮށް ގުޅިފައި. އާއިލާގެ ކަންތައްތައް ހުރި ގޮތުން މީހަކާއި އިނުމުގެ ވިސްނުމާއި ދުރުގައި އުޅެވުނީ. އަދި ލިބުނު ގިނަ ހުށަ އެޅުން ތަކަށް ނޫނެކޭ ބުނެވުނީ. މިހާރު މިއުޅެނީ އެކަމާއި ދެރަވެގެން އަދި އެހެން ދިރި އުޅުމެއްގެ ތެރެއަށް އަހަރެންގެ އިހުތިޔާރަކާއި އިޒުނަޔަކާއި ނުލައި ނޭނގި ވަދެވެވިގެން އެކަމުން ސަލާމަތް ނުވެވިގެން މިހާރު މިއުޅެނީ.

އުލާ: އެއީ ކިހިނެއްވީ ނޭނގީ ވަދެވުނީ އޭ! ހަމަ ރަނގަޅަށް ދޯ މަށަށް މިބުނެވުނީ. އަންގައި ނުލައި ކަންތައްގަނޑެއް ހިންގާލީ. ކޮބާ ފޯނު ދައްކަ ބަލަން ތިޔަ މީހަކު މަށަށް. އެހެން ބުނުމަށް ފަހު އާލިޔާގެ ފޯނު އުލާ ގަދަކަމުން ދަމައިގަތެވެ. އެވަގުތު އާލިޔާގެ ފޯނަށް ވައިބަރ އިން އެއްފަހަރާ ބައިވަރު މެސެޖު ތަކެއް އަންނަމުން ދިޔައެވެ. ފޯނުގައި ކޯޑް ޖަހައިފައި ނެތުމުން އުލާ ވަގުތުން މެސެޖުތައް ބަލަން ފެށިއެވެ. ފުރަތަމަ ވެސް އޮތީ ވަރަށް މިސްވާ ވާހަކައެވެ. އަދި ދުރުގައި ހުއްޓަސް ހުވަފެނުގައި ވެސް ތިޔަ ސޫރަ ދެކޭހިތުން ކެތް މަދުވާ ވާހަކައެވެ. އާލިޔާ އަށް ނޭނގި އެއީ ކާކުގެ އެޑެއްތޯ ބަލާލުމުން ކުޑަކޮށް ހައިރާންވިއެވެ. އަދި އާލިޔާ ދެއްކި ވާހަކަތަކުގެ މައިގަނޑު މެސެޖު އުލާއަށް ނަގައި ގަނެވުނެވެ. އެހެންނަމަވެސް އެކަން ސިއްރު ކުރުމަށް ފަހު އުލާ އެ މެސެޖުތަކުގެ ޖަވާބުގައި މިކޮޅުން ވެސް ވަރަށް މިސްވެއޭ ލިޔުމަށްފަހު ވަރަށް ވަރަށް ބޮޑަށް ލޯބިވެޔޭ ލިޔެ މެސެޖު އައި އެޑަށް ފޮނުވާލިއެވެ.

އެވަގުތު އާލިޔާއަށް އުލާ އެއްޗެއް ލިޔާހެން ހީވެގެން ފޯނު ދަމައިގަތެވެ. އަދި ކުރީ ކީއްތޯ ފޯނު އަތުލުމަށް ފަހު ޗެކު ކޮށްލިއެވެ. ކަމަކު ދާކަށް ނެތެވެ. އުލާ ޖަވާބު ދީފައި ވަނީ ސައުންގެ މެސެޖަށްކަން އެނގުމުން ހާސްވެކަން ބޮޑުވެގެން ދިޔައެވެ. އަދި އުލާއާއި ދިމާލަށް ތިޔަ ކުރީ ވަރަށް ގޯސް ކަމެކޭ ބުނުމަށްފަހު ފޯނު ނިއްވާލިއެވެ.

އުލާ: އެއީ ކިހިނެތްވީ ހާދަ ސަޅި ބިޓެކޭ އެއީ ކޮންމެސް ވަރަކަށް ދަންނަ މޫނެއްހެން ހީވޭ ކޮންނަމެއް ކިޔަނީ.

އާލިޔާ : އެއީ މަ ބިޓެއް ނޫން. އަހަރެން އުޅޭ އޮފީހުގެ ވެރިޔާ. އޭނަޔަށް ކިޔަނީ ސައުން. އޭނަ އުޅެނީ މައްސަލަ ޖެހިގެން. އަނބިމީހާ ވަރިކުރަން. އޭނަ މީހާރު ބޭނުން ވަނީ އަހަރެން .އެކަމަކު އަހަރެންގެ ހިތް އެކަމަކަށް އެހާ ބޮޑަކަށް ނޭދެ. މިރޭ އުލާ މިގެނައީ ވެސް މިކަމުގައި އަހަރެންނަށް އެހީތެރިވެ ރަނގަޅު ގޮތަކާމެދު ލަފާ އެހުމަށް. އޭނަގެ އަނބިމީހާ އެހެން މީހަކާއި އެކު ވަރަށް ވިޔާނުދާކޮށް އުޅެ ފޮޓޯތަކެއް ވެސް އުޅެނީ ލީކުވެގެން. އެހެން ބުނާއިރަށް އުލާ ވާހަކަ ދައްކަން ފެށިއެވެ.

އުލާ: އެއީ މިޝްކާ ކިޔާ ކުއްޖެއްތަ؟ ދެކުދިން ވެސް ތިބޭނެ. މަ ދަންނަން. އޭނަގެ ފިރިމީހާއަށް ކިޔަނީ ސައުންތަ؟ އެހެން އުލާއަށް ބުނެވުނީ އިހުތިޔާރުން ބޭރުގައެވެ. ދަންނަވާހަކަ ބުނެވުމުން ވަރަށް ކަންބޮޑުވިއެވެ.

އާލިޔާއަށް އުލާގެ ވާހަކަތައް އަޑު އިވިފައި އާލިޔާ ދިޔައީ ސިއްސައިގެންނެވެ ކުޑަކޮން ހައިރާންވާ ގޮތް ވުމަށްފަހު އަނެއްކާ ސައުން ނަކީ ......އުލާގެ ....ކާކުހޭ އެހިއެވެ.

އުލާ: ސާބަހޭ އެއީ އަހަރެންގެ ކަޒިންނެއް ބައްޕަ ފާރާތު. އޭނަގެ މަންމައާއި ބައްޕަ ނިޔާވުމުން މަންމަ ފަރާތު ބައެއްގެ ކައިރީ އުޅުނީ ވަރަށް ހާލުގައި. ބައްޕަ މެން އަތުލަން އުޅުމުން ވެސް ސައުންގެ މާމަ ބަލަން ހުރުމުން ކޯޓް މެދުވެރިކޮށް ވެސް ބައްޕަ އަކަށް ނުލިބުނު. މުދަލާއި ގޯތީގެ ބޭނުމުގައި އެމީހުން އޭނަ ނުދިނީ ކަމުގައި ބައްޕަ ބުނުއްވި. އެކަމަކު އޭނަ ބޮޑު ވުމުން އަހަރެންގެ ބައްޕަ ކޯޓް މެދުވެރި ކޮށް އޭނަގެ ގެދޮރާ މުދާ ހޯދައި ދިނުމުން ގޯތި ކުއްޔަށް ދީގެން ލިބުނު ފައިސާއާއި އަމިއްލަ މަސައްކަތުން މީހާރު އޭނައަކީ މަޝްހޫރު ވިޔަފާރި ކުންފުންޔެއްގެ ވެރިއެއް. ކުޑައިރުން ސުރެ ދުރުގައި އުޅުމުގެ ސަބަބުން އެހާ ގާތް ގޮތެއް ސައުން ނުބާއްވަ. އެކަމަކު ބައްޕަގެ ލަފާ ވަރަށްގިނަ ކަންކަމުގައި އަހާނެ މިހާރު އަހަރެމެން ފެނުމުން ވާހަކަ ދައްކާނެ އަދި ބައެއް ފަހަރަށް ރާއްޖެ އަންނަ ފަހަރު ފަހަރަށް އެގެއަށް ގެންދާނެ . ދިރިއުޅުމުގެ ކަންތައްތައް އެގޮތަޢް ހިޢްޞާ ކުރެވިފައި ކުރިން ނުވާތީ އެކަންތައް ތަކުގެ ވާހަކަ އަހަރެމެން ގާތު ނުކިޔާނެ. ވެގެން ތިޔަ އުޅޭގޮތް ކިޔައި ދީބަލަ!

އާލިޔާ: ސައުން މިހާރު ބޭނުމެއް ނުވޭ މިޝްކާއާ އެކު ދިރި އުޅޭކަށް. ވިސްނައިދޭން އަހަރެން ވަރަށް މަސައްކަތް ކޮށްފިން. ކުދިންގެ މަންމަ އެކުދިންނާއި ވަކި ވުމަކީ ކުދިންނަށް ހިތްދަތިކަން ލިބި، ނިކަމެތި ވެދާނެ ކަމެއް ކަމަށް ތަކުރާރުކޮށް ބުނެވިއްޖެ. މިޝްކާއަށް މާޢާފް ކޮށްފައި އަލުން ރަނގަޅު ފެށު މަކުން ފަށައި އެ ކައިވެނި އާބާދު ކުރުމަށް ދެވެން ހުރި ހުރިހާ ލަފައެއް ދީފިން. އެހެންނަމަވެސް ސައުން ބޭނުން ވަނީ އަހަރެން ސައުންނާއި ކައިވެނި ކުރުމަށް އަދި މިޝްކާއަށް އިންތިހާ އަށް ނަފްރަތު ކުރޭ! އެ ދިރިއުޅުން ހަލާކު ކުރަން އަހަރެން ކުރި ކަމެއް ނޯންނާނެ. އަދި ސައުންގެ ސަމާލުކަން ހޯދައި، އޭނާގެ ހިތް ހޯދަން އެނިޔަތުގައި އޮފީހުގައި ކުރި މަސައްކަތެއް ނުހުންނާނެ. ކުރިކަމެއް ކުރީ އަދާކުރާ ވަޒީފާގައި ތެދުވެރިވެ، އިޚުލާސްތެރިކަން މަތީ ހަވާލު ކުރާ ކަމެއް ވީހާ ރަނގަޅަށް ކުރުމުގެ ނިޔަތުގައި. އެހެންނަމަވެސް މިޝްކާ އަހަރެންނާއި ސައުންނާއި އަޅުވައިގެން ތަފާތު ވާހަކަތައް ދައްކާ ކަމަށްވޭ! ސައުންނާއި އެކަމުގެ ޝަކުވާ ކުރާކަމަށް މި މައްސަލަގަނޑުގެ ތެރޭގައި ސައުން އަހަރެންގެ ގާތުގައި ބުނި. މިހާރު ހިތަށް އަރާ މި އޮފީހަށް ނުވަދެވުނު ނަމައޭ. އޭރުން އަހަރެންނާއި ހުރެ ސައުންގެ އަނބިމީހާ ޝައްކު ކޮށް ހިލޭ ފިރިހެނުންގެ ފަހަތުން ކަޝްބީ ހެދިގެން ނުދުވީސްކަން ނޭނގެ. ސައުންގެ ދިރި އުޅުމުގައި ހެދުނު ބާގަނޑުގެ އަސްލަކަށް މިވީ އަހަރެން ދެން ކިހިނެއް ހަދާނީ އުލާ؟

ވަރަށް ހަމަޖެހިލައިގެން ހެވިފައި އިނދެގެން ޖަވާބު ދިނެވެ. " ބާގަނޑު އުފެދުނީ އާލިޔާގެ ސަބަބުން ކަމަށް އާލިޔާ ގަބޫލު ކުރަންޏާ އެ ބާގަނޑު ބައްދަން ވެސް ވާނި އާލިޔާ ބާގަނޑު ދެން ބެދޭނީ ސައުންނާއި އާލިޔާ ކައިވެނި ކޮށްގެން " އުލާގެ އެސަކަ މިޒާޖާއެކު އެދިން ޖަވާބުން އާލިޔާ ގާތަށް އައި ހިންޏެވެ. އަދި ބުންޏެވެ. "ބާގަނޑު އުފައްދަން އަހަރެން ކުރި ކަމެއްނެތަސް ކުށުގެ އަދަބު ލިބޭ މީހަކަށް ތިޔަ ވަނީ އަހަރެން ނޭތަ އުލާ ތިޔަ ބުނަނީ"

އުލާ: މަށެއް ނޫން ދޯ މިބުނީކީ ބާގަނޑު އުފެއްދި އާލިޔާއެކޭ އާލިޔާ އަމިއްލައަށް ތިޔަ ގަބޫލު ކުރަނީ އެމީހުންގެ ދިރި އުޅުން ހަލާކުވުމުގެ އަސްލަކީ އާލިޔާ ކަމަށް. ބުނަން ރަނގަޅު ވާހަކައެއް އެމީހުންގެ ދިރިއުޅުން ހަލާކު ކުރުމަށް އާލިޔާ ކުޅުނު ދައުރެއް ނެތް އިރު މިޝްކާ ހިލޭ ފިރިހެނުންގެ ފަހަތުން ދުވުމަކީ އާލިޔާ ސައުންގެ އޮފީހުގައި އުޅޭތީ އެކަމާޝައްކު ކުރާތީ ކުރި ކަމެއް ކަމަކަށް މަށެއް ނުދެކެން. އަދި އެދިރި އުޅުން ހަލާކު ކުރުމަށް އާލިޔާ ކުޅުނު ނުބައި ދައުރެއް ނެތް އިރު އަމިއްލައަށް ތިޔައީ ކުށްވެރިއެއް ކަމަށް ދެކުމުގެ ހައްގެއްވެސް ނެތް. އެ ވިސްނުމުގައި ހުރިހާ ނިންމުމެއް ނިންމާނަމަ އާލިޔާ އަށްވުރެ ވަކިން ބޮޑު މޮޔައެއް މިދުނިޔޭގައި ހުރިކަމަކަށް މަށެއް ނުދެކެން. އާލިޔާގެ ދިރިއުޅުމާ މެދު ގޮތެއް ނިންމުމުގެ ފުރިހަމަ އިޙުތިޔާރު އާލިޔާއަށް ލިބިގެން ވާނެ. ދެން އޮތީ ސައުން އާލިޔާ ބޭނުންވެ ލޯބި ވާކަން ހާމަ ކުރުން. އެއީ ސައުން ގެ ހަޔާތުގައި ސައުން ނިންމާނެ އެންމެ ރަނގަޅު ނިންމުން ކަމަށް އަހަރެންވެސް ދެކެނީ. ހަޤީޤީ ލޯތްބެއް ވެވޭނީ އަލަތު އަނބި މީހާ ދެކެ އެކަންޏެއް ނޫން. އެ މީހަކު އެންމެ ލޯބިވާ މީހާ ލިބިދާނެ ހަޔާތުގެ ފަހު ފަނަރައިގެ ތެރޭގައި ވެސް. (ނުނިމޭ)

ބުރާސްފަތި ދުވަހުގެ ބައި