އެޓާނީ ޖެނެރަލް

ދައުލަތުން މިދިޔަ އަހަރު 228 މީހަކަށް ވަކީލުން ހަމަޖައްސައިދީފި

Jan 31, 2022

ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ގާނޫނީ ވަކީލަކު ހޯދުމުގެ މާލީ ތަނަވަސްކަން ނެތް 228 މީހަކަށް މިދިޔަ އަހަރު ދައުލަތުން ގާނޫނީ ވަކީލުން ހަމަޖައްސައިިދީފި އެވެ.

ދައުލަތުން ވަކީލުން ފޯރުކޮށްދިން މީހުންގެ ތެރެއިން 127 މީހުންނަކީ 18 އަހަރުން ދަށުގެ ކުޑަކުދިންނެވެ. ބާކީ ތިބި 101 މީހުންނަކީ 18 އަހަރުން މަތީގެ މީހުންނެވެ.

ކުޑަކުދިންނަށް ތުހުމަތުކުރެވޭ ކުށްތައް

  • މަސްތުވާތަކެތީގެ ކުށްތައް - 70
  • ރޭޕް ކުރުމާއި، ބަދުއަހްލާގީ މައްސަލަތަކާއި، ޖިންސީ އަމަލު ހިންގުމުގެ މައްސަލަތައް - 15
  • މާރާމާރީ ހިންގުން، އަނިޔާ ދިނުން - 13
  • ވައްކަންކުރުން، މަކަރާއި ހީލަތުން ފައިސާ ހޯދުން - 11
  • ބިރު ދެއްކުން، ބްލެކްމެއިލް ކުރުން - 8
  • ތޫނު ހަތިޔާރު ގެންގުޅުމާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުން - 8
  • މުދަލަށް ގެއްލުންދިނުން - 5
  • މަރުގެ މައްސަލަތައް - 3
  • ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި މަރުގެ އިންޒާރު ދިނުން - 3

ބޮޑެތި މީހުންނަށް ތުހުމަތުކުރެވޭ ކުށްތައް

  • މަސްތުވާތަކެއްޗާ ގުޅޭ ކުށް - 49
  • ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށްތައް - 26
  • ވައްކަންކުރުން، ހިޔާނާތްތެރިވުން - 12
  • މީހުން މެރުން - 11
  • މާރާމާރީ ހިންގުން، އަނިޔާއެއް ދިނުން - 4
  • ޓެރަރިޒަމްގެ ކުށްތައް - 1
  • ރޭޕްކުރުން - 1

ދައުލަތުގެ ފަރާތުން މިދިޔަ އަހަރު ގާނޫނީ ވަކީލުން ހަމަޖެއްސި ފަރާތްތަކުގެ އުމުރުފުރާ އަށް ބަލާއިރު 18 އަހަރުން ދަށުގެ 125 ކުޑަކުދިންނަށާއި އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ 39 މީހުންނަށް ދައުލަތުން ވަކީލުން ހަމަޖައްސައިދީފައިވެ އެވެ. އަދި އުމުރުން 31 އަހަރާއި 50 އަހަރާ ދެމެދުގެ 60 މީހުންނަށާއި އުމުރުން 51 އަހަރުން މަތީގެ 11 މީހުންނަށް ވެސް ދައުލަތުން ވަކީލުން ހަމަޖައްސައިދީފައިވެ އެވެ.

ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ގަވައިދުގެ ދަށުން ޝަރުތު ފުރިހަމަ ނުވާތީ 24 މީހަކަށް ދައުލަތުން މިދިޔަ އަހަރު ވަކީލުން ހަމަޖައްސައިދީފައެއް ނުވެ އެވެ. ދައުލަތުން މިދިޔަ އަހަރު ވަނީ 26 ބިދޭސީ އަކަށް ވެސް ވަކީލުން ހަމަޖައްސައިދީފަ އެވެ.

ގާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވަނީ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހާ އަކީ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް މީހަކު ނަމަ އޭނާ އަށް ދައުލަތުން ގާނޫނީ ވަކީލަކު އައްޔަންކޮށްދޭން ވާނެ ކަމަށެވެ.