ރާއްޖެ ކުޅިވަރު

ޕޮމިސް ކަޕްގެ ޓިިކެޓު ވިއްކއިގެން ލިބޭ ފައިސާ ޗެރިޓީ އަށް ހަދިޔާކުރަނީ

ބުރާސްފަތި ދުވަހު ފަށާ ޕޮމިސް ކަޕް މުބާރާތުގެ ޓިކެޓު ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ޗެރިޓީ އަށް ހަދިޔާކުރަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.

އެފްއޭއެމްގެ އިސް އޮފިޝަލެއް "އަވަސް" އަށް މިއަދު ވިދާޅުވީ ޗެލެންްޖް ކަޕްގެ ޓިކެޓު ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ޗެރިޓީ އަށް ހަދިޔާކުރަން ނިންމާފައިވާ ކަމަށާއި ފައިސާ ހަދިޔާކުރަން ކަނޑައަޅާ ޖަމިއްޔާތައް ފަހުން އިއުލާންކުރާނެ ކަމަށެވެ.

އޭގަރަ އަހަރުގެ މެދުކެނޑުމަކަށް ފަހު މި އަހަރު އަލުން ބާއްވާ ޕޮމިސް ކަޕްގައި ވާދަކުރާނީ ނިއު ރޭޑިއަންޓާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ކުޅެމުންދާ ޕީޑީއާރްއެމް އަދި ސިންގަޕޫރުގެ ސިންގަޕޯ ލަޔަންސް އެވެ.

އެފްއޭއެމް އިން ބުނީ ޕޮމިސް ކަޕްގެ ޓިކެޓު ވިއްކާނީ "ރާއްޖޭގެ ފުޓްބޯޅަ ސީޒަންގައި ޓިކެޓު ވިއްކާ އަގުތަކުގައި" ކަމަށެވެ. އަދި މުބާރާތުގެ ޓިކެޓު ވިއްކާނީ ޕެކޭޖްކޮށް، އެއް ދުވަހު ކުޅޭ ދެ މެޗު އެއްކޮށް ކަމަށެވެ.

ކުރިން ޕްރެޒިޑެންޓް އޮފް މޯލްޑިވްސް އިންވިޓޭޝަނަލް ސޮކާ ކަޕްގެ ނަމުގައި ބާއްވަމުންދިޔަ ޕޮމިސް ކަޕް ރީބްރޭންޑްކޮށް، ޕީޕަލް އޮފް މޯލްޑިވްސް އިންވިޓޭޝަނަލް ސޮކާ ކަޕްގެ ނަމަށް އެ މުބާރާތުގެ ނަން ބަދަލުކޮށްފައިވާ ކަމަށް ޕޮމިސް ކަޕްގެ އިންތިޒާމް ކޮމެޓީގެ ޗެއާމަން އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވަނީ މިއަދު އިއުލާންކުރައްވައިފަ އެވެ. އަދި މި މުބާރާތް ކޮންމެ އަހަރަކު ވެސް ބާއްވާނެ ކަމަށް އަދީބު ވިދާޅުވި އެވެ.