މޯލްޑިވްސް ނޭޝަނަލް ޕާޓީ

އެންމެ ވަޒީރަކާ ހެދި ސަރުކާރު އޮތީ ފިތިފައި: ހުސައިން

މި ސަރުކާރު އޮތީ އެންމެ މިނިސްޓަރަކާ ހެދި ފިތިފައި ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނާއިބު ރައީސް ހުސައިން އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލްހަންނާން އިދްރީސްގެ ކެންޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ހުސައިން ވިދާޅުވީ ކޮރަޕްޝަނަށް އޮންނާނީ ޒީރޯ ޓޮލަރަންސް ކަމަށް ވައުދުވަމުން އައި ސަރުކާރުން މިއަދު ދެނީ ވަރަށް ހުތުރު މެސެޖެއް ކަަމަށެވެ. ކޮމަންޑޫ ގޮނޑި ހޯދަން ސަރުކާރު ހިންގާ އެމްޑީޕީން ކުރަމުންދާ މަސައްކަތުގައި އެންމެ އިސްކޮށް ހުންނެވި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް އިޝާރާތް ކުރައްވާ ހުސައިން ވިދާޅުވީ މަހުލޫފް ކުރައްވާ މަސައްކަތަކީ ޒުވާން ޖީލެއް ހަލާކު ކޮށްލުމެއް ކަމަށެވެ.

މަހުލޫފްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލިފައި ވަނިކޮށް މަހުލޫފް މިހާރު އަމަލު ކުރައްވާ ގޮތުން ޒުވާން ޖީލަށް ދެވެނީ ވަަރަށް ނުބައި މެސެޖެއް ކަމަށްވެސް ހުސައިން ވިދާޅުވިއެވެ.

"އަޅުގަނޑު ޔޫތު މިނިސްޓަރަށް މި ދަންނަވަނީ، މަނިކުފާނޭ ގެއަށް ވަޑައިގެން މަޑުކޮށްލައްވާށޭ. ތި މައްސަލަ ވަކި ގޮތަކަށް ނިމެންދެން މަޑުކޮށްލައްވާށޭ. ތިޔަ ގޮނޑި ހިފައިގެން ތާކަށް ދާކަށް އަޅުގަނޑުމެން ނޫޅެމޭ. ވަރަށް ހަޑި މަސައްކަތެކޭ ތިޔަ ބޭފުޅާ ތިޔަ ކުރައްވަނީ. އަޅުގަނޑު ސަރުކާރަށް ވެސް ދަންނަވާލަން އޮތީ އެންމެ މިނިސްޓަރަކާ ހެދި ތިބޭފުޅުން ފިތިފަ ނުތިއްބަވާށޭ. ތިބޭފުޅުން ނަގޫފިތެންޖެހޭ ސަބަބަކީ ކޮބައިތޯއޭ އެންމެ މިނިސްޓަރަކާ ހެދި. ތިބޭފުޅުން ތި ވިދާޅުވާ ޒީރޯ ޓޮލަރަންސް ދައްކަވައިގެން ކޮންމެވެސް އެއް ގޮތެއް ނިންމަވާށޭ،" ހުސައިން ވިދާޅުވިއެވެ.

ހުސައިން ވިދާޅުވީ އެމްޑީޕީ އާއި ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވައިގެން ރައްޔިތުންނަށް ވާނެ ފައިދާއެއް ނޯންނާނެ ކަމަށެވެ. އެއް ބަޔަކު މަޖިލީހަށް ވަދެ ދިފާއު ކުރަނީ ހިޔާނާތުގެ ތުހުމަތު އޮތް ލީޑަރެއް ކަމަށާ ދެން ތިއްބެވި މެންބަރުން ބާރު ހޯދުމަށް ދެ ރައީސުން ފަށާފައިވާ "ޑްރާމާ" ގައި ޖެހި ރައްޔިތުންގެ މަތިން ހަނދާން ނެތިފައިވާ ކަމަށެވެ.

އެމްއެންޕީގެ ކެންޑިޑޭޓް ތަފާތު ކަމަށާ އެ ކެންޑިޑޭޓް ފޮރުވަން ޖެހޭ ކަމެއް އަދި މަޖުބޫރީ ހާލަތުގައި ކުރަން ޖެހޭ ކަމެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ. ރައްޔިތުންގެ އިހުސާސްތަކާއި ގޮވާލުންތައް ނޫނީ ހިމާޔަތް ކުރަން ޖެހޭ އެއްވެސް ކަމެއް ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ޕީޕީއެމްގެ ކެންޑިޑޭޓް އެބަޖެހޭ ރާއްޖޭގައި ހިނގި ކޮރަޕްޝަންގެ އެންމެ ބޮޑު ކަންކަން ހިނގިއިރު ވެރިއަކަށް ހުރި މީހާ ދިފާއު ކުރަން މަޖިލީހުގައި އެބަ ޖެހޭ ވާހަކަ ދައްކަން. ހަމައެއާއެކު ދެން ހުންނެވި ކެންޑިޑޭޓް އެބަޖެހޭ މަޖިލީހުގައި އެ ޕާޓީގެ ދެ ފެކްޝަން އޮތުމުން ކާކަށްތޯ ވެރިކަން ދޭނީ ބަލަން. އެކަމުގައި ތިން އަހަރު ވެގެން މިދިޔައީ އެކަމެއްގެ ތަޅާފޮޅުމުގައި. ރައްޔިތުންނަށް ފައިދާ ހުރި އެއްވެސް ކަމެއް ނުކުރެވުނު. ހަމައެއާއެކު ޕީޕީއެމްގެ މެންބަރުން ރައްޔިތުންނާ ގުޅުންހުރި ބިލެއް އައުމުން މިވަނީ ކިހިނެތްތޯ. ބޮއިކޮޓް، ބޮއިކޮޓް. ބައްލަވާ އަޅުގަނޑުމެން ތި ބޭފުޅުން މަޖިލީހަށް ހޮވީ ބޮއިކޮޓް ކުރާކަށް ނޫނޭ އިނގޭތޯ. ރައްޔިތުން ތި ބޭފުޅުން މަޖިލީހަށް ހޮވާފައި ތިބީ އެމްއެމްޕީއާރުގެ ހިޔާނާތުގެ ވެރިންގެ ދިފާއުގައި ވާހަކަ ދައްކާކަށް ނޫނޭ އިނގޭތޯ. އަދި ދެ ރައީސުންގެ ތަޅާފޮޅުން ޑްރާމާއެއްގެ ގޮތުގައި ދައްކާކަށް ނޫނޭ އިނގޭތޯ،" ހުސައިން އިސްމާއީލް ވިދާޅުވިއެވެ.