ހއ. ދިއްދޫގެ ގަބުރުސްތާނުން ނަގާފައިވާ މަހާނަ ގާތަކެއް ރައްކާތެރި ކުރަން ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން އެ ރަށު ކައުންސިލާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ބުނެފި އެވެ.
ހެރިޓޭޖް މިނިސްޓްރީން ބުނީ ދިއްދޫގެ ގަބުރުސްތާނުގައި ހުރި ދުވަސްވީ ހިރިގަލުގެ މަހާނަގާތައް ނަގައި، ގާ ފުންޏަކަށް އުކާލާފައިވާތަން ފެންނަ ފޮޓޯތަކެއް ދައުރުވާ ކަމަށާއި އެކަން ބެލި އިރު ދިއްދޫ ގަބުރުސްތާނުގެ ޖާގަ ކުޑަވެގެން އެ ތަނުގައި ކުރިން މީހުން ވަޅުލާފައިވާ ސަރަހައްދު އަލުން ބޭނުން ކުރަން އެ ގާތައް ނަގާފައިވަނީ 2017 ވަނަ އަހަރުގައި ކަމަށެވެ.
އަދި ބުނީ ކުރީގެ އެ މަހާނާގާ ތަކަކީ ހިރިގަލު ވަޑާމުގެ މަސައްކަތްތެރިކަން މަތީފެންވަރަކަށް ދައްކުވައިދޭ ތަކެއްޗަށް ވުމާއި، މަހާނަ ގަލުގައި ހުންނަ ލިޔުންތަކަކީ އެ ލިޔުންތައް ދިރާސާ ކޮށްގެން ރާއްޖޭގެ ތާރީހަށް އާ މައުލޫމާތުތަކެއް ލިބިގެން ހިނގައިދާނެ ފަދަ ލިޔުންތަކެއް ކަމުން، ތާރީހާއި ސަގާފަތް ދެމެހެއްޓުމަށް އެ މަހާނަގާތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ މުހިންމު ކަމެއް ކަމަށެވެ.
ދިއްދޫ ގަބުރުސްތާނުން ނަގާފައި ހުރި ހިރިގަލުގެ މަހާނަ ގާތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ދިއްދޫ ކައުންސިލްގެ އެއްބާރުލުން ބޭނުންވާ ކަމަށާއި އެހެންވެ ކައުންސިލާ މަޝްވަރާ ކުރާ ކަމަށް ވެސް ބުންޏެވެ.