ރައީސް އޮފީސް

އަޑުބަރޭ މަގާމުން ވަކިކޮށްފި

Feb 2, 2022

ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) މަގާމުން ވަކިިކޮށްފި އެވެ.

އަސްއަދު މަގާމުން ވަކިކޮށްފައި މިވަނީ އޭނާ 15 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކުުރުމާ ގުޅިގެންނެވެ.

މިހުކުމާ ގުޅިގެން އަސްއަދު ވަޒީފާ އިން ވަކިކުރާނެތޯ އަވަސް އިން ދެންނެވުމުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގުމުގެ ޒިންމާތަކާ ހަވާލުވެވަޑައިގެން ހުންނެވި އިބްރާހިމް ހޫދު ވިދާޅުވީ ކްރިމިނަލް ކޯޓުން ހުކުމް ކުރުމާ އެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ އަސްއަދު މަގާމުން ވަކިކުރައްވާފައި ކަމަށެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި މަގާމުން ވަކިކުރެއްވިއިރު އަސްއަދު ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ.

އައްސަދު ޖަލަށް ލުމަށް ހުކުމްކުރީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ދައުވާކޮށްފައިވަނިކޮށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ޖާމިނުވުމަށްފަހު އަލީ ރާއްޖެ ގެނެސްދޭނެ ކަމަށް ވެފައިވާ އިގުރާރާ ހިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑުމުންނެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އަޑުއެހުމެއް ބާއްވައި، 72 ގަޑިއިރުތެރޭގައި އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދިނުމަށް ކޯޓުން އަސްއަދަށް އަމުރު ވެސް ކުރި އެވެ. އެކަމަކު އެ މުއްދަތުގެ ތެރޭގައި އަސްއަދަށް، އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދެވިފައެއް ނުވެ އެވެ. އެހެންކަމުން މިއަދު އަސްއަދަށް ހުކުމް ކުރީ ޖާމިނުވުމަށް ސޮއި ކުރި އިގުރާރާއި އަދި ކޯޓުގެ ހުުރުމަތް ކެނޑުމުގެ ކުށުގަ އެވެ.

ކޯޓުގެ ހުުރުމަތް ކެނޑި ކަމަށް ބެލީ މިއަދު ކޯޓަށް ހާޒިރުވުމަށް އަންގާ ފޮނުވި ޗިޓް ރައްދުވެފައި އޮއްވާ އަސްއަދު ކޯޓަށް ހާޒިރު ނުވުމުންނެވެ. މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު، އަސްއަދު ޖަލަށްލުމަށް ހުކުމް ކުރީ އޭނާގެ ޣައިރު ހާޒިރުގަ އެވެ.

ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން އަސްއަދު އަލީ ވަކިކުރެއްވުމާ ގުޅިގެން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި މިވަގުތު ހުންނެވީ ހުސައިން އިސްމާއީލް އެކަންޏެވެ.